
ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާހާއެކު ރައީސް އިބްރާހީމް މުހައްމަދު ސާލީހު އެބިލް މިއަދި ތަސްދީގު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީގު ކުރައްވާފައިވަނީ “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މިބިލް ފާސްކޮށްފައިވަނީ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 76 ވަނަ ޖަލްސާއިންނެވެ.
މި އިސްލާހާއެކު މިހާރުވަނީ ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައެޅިފައެވެ. އަދި ކައުންސިލްތަކުގައި އަންހެން ބޭފުޅުންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށްވަނީ ޚާއްސަ ކުރެވިފައެވެ. އަދި އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވިގެންދާނެ ހަމަތައް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި ބިލް ތަސްދީގު ކުރެއްވުމާއެކު އެޅިގެން އެދިޔައީ މުހިންމު މަސައްކަތްތަކެއްގެ ބިންގާ ކަމަށެވެ. އޭގެ ސަބަބުން ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށުނީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ މަޝްވަރާއާއި ތަޖުރިބާއާއި، ދިރާސާތަކަށްފަހު އެކުލަވާލި ގާނޫނެއް ކަމަށެވެ.