ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދެއްވާ: ރައީސް

ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރައްވައިފއެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީކަމަށެވެ. އެހެން ކަމުން ކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވަން ޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިންގެ ތެރޭގައި މިހާރު އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އިސްލާމީ ޢަޤީދާގެ އެއްބައިވަންތަކަން ކަމަށެވެ. ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ ވެސް އިސްލާމީ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމުގައި އެމަނިކުފާނުގެ ވިދާޅުވެފައިވެއެވެ.

އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ ޢާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، ދިވެހިން ނުހަނު ހިތާމަކުރާ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަންޖެހޭކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.