އައްޑޫގައި ބޮޑު ދެމަޝްރޫއެއް ހިންގުމަށް ޑިޒައިންގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލުން  ތައްޔާރުކުރި "އައްޑޫވިޝަން" ގެ މައްޗަށް ބިނާކޮށް ބޮޑު ދެމަޝްރޫއެއްގެ ޑިޒައިނިން މަސައްކަތް ދެ ކުންފުންޏަކާ މިއަދު ޙަވާލު ކުރައްވައިފިއެވެ.

މިއަދު ދެކުންފުންޏަކާ ޙަވާލުކުރީ އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި، 228 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ މަސައްކަތެކެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމަސައްކަތް މިއަދު ޙަވާލުކޮށްފައިވަނީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝީޔާ ޕްރައިވެޓް ލިމިޓެޑާއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ މި މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީއާއި، ޑިޒައިން މަސައްކަތް މި ދެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށެވެ. މިމަސައްކަތް ނިންމަން ދީފައިވަނީ 1221 ދުވަހެވެ. މަސައްކަތުގެ އަގަކީ 71 މިލިއަން ޑޮލަރެވެ.

މި މަޝްރޫޢުގައި އައްޑޫ ސިޓީ ހިތަދޫއިން 90 ހެކްޓަރު، މަރަދޫ،މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްޤީކުރުމަށް އިތުރު 25 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަޝްރޫޢުގެ ޑީޓެއިލްޑް ރިޕޯޓު ތައްޔާރު ކުރުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުމާއި ޓެންޑަރިން މަރުހަލާގެ މަސައްކަތްކާއި އަދި ކޮންސްޓްރަކްޝް ސްޕަވިޝަންގެ މަސައްކަތްތަކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.