
ކަޝްމީރުގެ އިންޑިޔާ ފަޅީގެ ވެރިރަށް ސްރީނަގަރުގެ އެންމެ ބޮޑު މިސްކިތް، ޖާމިޢު މަސްޖިދުގައި ހުކުރު ނަމާދު ނުކުރާތާ ހަަތަަރު މަސްދުވެސް ވެއްޖެ ކަމުގައި އަލްޖަޒީރާއިން ބުނެފިއެވެ.
އަލްޖަޒީރާގެ ނޫސްވެރިން ސްރީނަގަރަށް ޒިޔާރަތްކުރުމަށް ފަހު ބެފައިވާ ގޮތުގައި މި ޑިސެންބަރު މަހުގެ 6 ވީ ހުކުރު ދުވަހަކީ ޖާމިޢާ މަސްޖިދުގައި ޖެހިޖެހިގެން ހުކުރު ނަމާދު ނުކޮށް ދިޔަ 17 ވަނަ ހުކުރެވެ.
ޖާމިޢު މަސްޖިދަކީ ސުލްޠާން ސިކަންދަރުގެ ރަސްކަމުގައި މީލާދީން 1394 ވަނަ އަހަރު މަސައްކަތް ފަށައި، 1402 ވަނަ އަަހަރު ހުޅުވުނު މިސްކިތެކެވެ. މިހާރު 617 އަަހަރުވެފައިވާ، 33 ހާސް މީހުންގެ ޖާގައިގެ މި މިސްކިތަކީ ހުކުރު ދުވަސް ދުވަހު ފުރި ބާރުވެފައި އޮންނަ މިސްކިތެކެވެ. އެހެންނަމަވެސް، މިސްކިތުގެ ވަށައިގެން މިހާރު ފެންނަނީ އެތަނުގައި ފޯރިމަރަމުންދާ އިންޑިޔާގެ ޕެރެމިލިޓަރީ ސިފައިންނެވެ.

"އަހަރުމެންގެ ދީނީ ވާޖިބުތައް އަދާކުރުމަކީ ގާނޫނު އަސާސީން ކަށަަވަރުކޮށްދީފައިވާ ހައްގެއް. އެކަަމަކު ކަޝްމީރުގައި އެ ހައްގަށް ތަކުރާރުކޮށް އަރައިގަންނަމުން މިދަނީ." 1963 ވަނަ އަހަރުން ފެށިގެން ޖާމިޢު މަސްޖިދުގެ އިމާމުކަން ކުރައްވަމުން ގެންދަވާ ސައްޔިދު އަޙްމަދު ވިދާޅުވިއެވެ. އޭނާ ވިދާވި ގޮތުގައި އިންޑިޔާ ސަރުކާރުން އަޅާފައިވާ ފިޔަވަޅަކީ "އަހަރުމެންގެ ދީނުގެ ކަންކަމާ ސީދާ ބެހުމެވެ."
ފާއިތުވި އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއްސުރެ ސްރީނަގަރްގެ ޖާމިޢު މަސްޖިދު ވަނީ ބަންދުކޮށްފައެވެ. އަދި އިންޑިޔާ ސަރުކާރުން މަޖުބޫރުކޮށްގެން މިހާރު ޢުމުރުން 80 އަހަރުގެ ސައްޔިދު އަޙްމަދު އިމާމުވެވަޑައިގެން ނަމާދުކުރައްވަނީ ޖާމިޢު މަސްޖިދާ ކައިރި ހިސާބެއްގައި ހުންނަ ކުޑަ މިސްކިތެއްގައެވެ.
"ޖާމިޢު މަސްޖިދުގައި ނަމާދުކުރުުމުން ލިބޭ ހިތްހަމަޖެހުން އެހެން ތަނެއްގައި ލިބުމަކީ އުނދަގޫ ކަމެއް. އެ މިސްކިތުގައި ނަމާދުު ނުކުރެވުމުގެ އިހުސާސު އަބަދުވެސް ވޭ." އިމާމު ސައްޔިދު އަޙްމަދު ވިދާޅުވިއެވެ.
އިންޑިޔާގެ ގާނޫނު އަސާސީން ކަޝްމީރަށް ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތައް ބޮޑުވަޒީރު މޯދީގެ ސަރުކާރުން އޮގަސްޓް މަހުގެ ކުރީކޮޅު އުވާލުމަށް ފަހު މިވީ ދުވަސްތަކުގައި ކަޝްމީރުގެ ރައްޔިތުންނަށް މުޅި ކަޝްމީރު ވަނީ ޖަލަކަށް ވެފައެވެ.