އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ﴾ - النساء: 114 – މާނައީ : صدقات އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. "
އިސްލާމްދީން ، އެދީނުގެ އަހްލުވެރީންނަށް ގޮވައިލަނީ މާތް އަޚްލާޤުގައި ހިފެހެއްޓުމަށާއި މަތިވެރި ސުލޫކުގެ ވެރީންނަށް ވުމަށެވެ. އެމީހުން އަބަދުވެސް ފައިދާހުރި ބަޔަކަށް ވުމަށެވެ. އެމީހުންގެ ފުށުން އެއްވެސް މީހަކަށް ގޯނާއެއް ، އަނިޔާއެއް ލިބުނަ ނުދިނުމަށެވެ.
އިސްލާމްދީން މިކަމަށް ޓަކައި ކޮންމެ މުސްލިމަކަށް ވެސް ގޮވައިލަނީ އެމީހަކާ ނުބެހޭ ކަންކަމާ ނުބެހުމަށެވެ. އޭނާއާ ބެހޭ ކަންތައްތައް ކުރުމަށެވެ. އެކަމުގެ ސަބަބުން ލާބަޔާއި މަންފާ ޢާއްމުވެގެން ދާނެތީއެވެ. އެ ކަމުގެ ސަބަބުން އޭނާއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަގުތު ލިބޭނޭތީއެވެ. އެހެން މީހުންގެ ކަންތައްތަކާ ނުބެހުމުން އެހެންމީހުންގެ ޤަދަރާއި އިޙްތިރާމު އޭނާއަށް ލިބޭނޭތީއެވެ. މަތީގައި ބަޔާންކުރި ކީރިތި ﷲގެ ބަސްފުޅު ބުނާގޮތުގައި މީސްތަކުން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގެ ފައިދާއެއް ނެތެވެ. ފަޤީރަކަށް ނުވަތަ މުހުތާދުވެރިއަކަށް އެހީވުމަށް ޓަކައި ފައިދާއާއި ލާބަ ހުރި ހެޔޮ ޢަމަލެއް ކުރުމުން މެނުވީއެވެ. ނުވަތަ ހެޔޮކަންތައްތަކަށް އަމުރުކޮށް މީސްތަކުންނަށް ނަސޭހަތްދިނުން ފަދަ ކަންތައްތައް ކުރުން މެނުވީއެވެ. ނުވަތަ ދެ ބައެއްގެ ނުވަތަ ދެމީހެއްގެ ދެމެދުގައި ހިގަމުނަދާ ޢަދާވަތްތެރިކަމާއި ޚުޞޫމާތުތައް ނައްތައިލުމަށް ޓަކައި މަސައްކަތް ކުރުން މެނުވީއެވެ. މި ތިން ކަންތަކުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ހެޔޮ އަމަލުތައް ގިންތި ކުރެވިފައި ވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި އާޔަތް ނިންމައިލައްވަމުން މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿وَمَنْ يَفْعَلْ ذَلِكَ ابْتِغَاءَ مَرْضَاتِ اللهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا﴾ - النساء: 114- މާނައީ : އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ. "
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސާފު ޞަރީޙަ ބަސްފުޅުން އެނގޭ ގޮތުގައި އެކަލޭގެފާނު މުސްލިމުންނަށް ގޮވައިލައްވަނީ އޭނާއާ ބެހެން ނުޖެހޭ ކަންތައްތަކާ ނުބެހުމަށެވެ. އޭނާއާ ބެހޭ ކަންތައްތައް ކުރުމަށް ޓަކައި އޭނާގެ ވަގުތުތައް ހުސްކޮށްލުމަށެވެ. އަބޫ ހުރައިރަތުގެފާނުގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ."من حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مالا يَعْنِيهِ – މާނައީ : މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެތެރޭގައި އޭނާޔާ ނުބެހޭ ކަންތައް ނުބެހި ދޫކޮށްލުން ވެއެވެ. "
މި ޙަދީސްފުޅަކީ އިސްލާމީ މާތް އަދަބުތަކުގެ ތެރޭގައި ހިމެނޭ ބަސްފުޅެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންނަށް މި ދެއްވާ އަގުހުރި ފިލާވަޅުގައި ބަޔާންކޮށް މި ދެއްވަނީ މީސްތަކުންނާއެކު މުޢާމަލާތު ކުރާނެ ރިވެތި މާތް ގޮތްތަކުން ގޮތެކެވެ. މީސްތަކުންގެ އިޙްތިރާމު ހޯދާނެ ލުއި ފަސޭހަ ގޮތެކެވެ. އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ލޯތްބާއި ކުލުނު ރައްކައުތެރި ކުރާނެ ފަހި މަގެކެވެ.
މި ޙަދީސާމެދު ވާހަކަފުޅު ދައްކަވާ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ، މިއީ ޢިލްމުގެ ތިން ބައި ކުޅަ އެއްބައެވެ.އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ އިސްލާމްދީނުގެ ހަތަރުބައިކުޅަ އެއްބައެވެ.މާލިކީ މަޒްހަބުގެ އިމާމެއް ކަމުގައިވާ ޢަބްދު ﷲ ބުނު އަބީ ޒައިދު ވިދާޅުވާ ގޮތުގައި ހެޔޮކަމާ ބެހޭ އަދަބުތައް ކަފިކަފިވެފައި ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަތަރު ޙަދީސްފުޅަކުންނެވެ. އޭގެތެރެއިން އެއް ޙަދީސަކީ އިސްވެ މި ބަޔާންކުރި ޙަދީސެވެ.
މި ޙަދީސް މުސްލިމުންނަށް ނަހީކުރަނީ އޭނާއާ ނުބެހޭ ކަންކަމާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށެވެ. އެއީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަން އެނގޭނެ ކަމެކެވެ. އޭނާގެ އިސްލާމްކަމުގެ ފޭރާމުގެ މޮޅުކަމާއި ގެލެރީކަން އަންގައިދޭނެ ކަމެކެވެ.އޭނާއާ ނުބެހޭ ކަންތަކުގެ ތެރޭގައި ބަހާއި ޢަމަލާއި ކަމާއި ވިސްނުން ވެސް ހިމެނެއެވެ.ނުބެހޭ ކަމަކޭ ބުނުމުން އެއިން ދޭހަވަނީ އެއީ އެމީހަކާ ދީނީ ގޮތުން ވިޔަސް އަދި ދުނިޔަވީ ގޮތުން ވިޔަސް ބޭނުންނުވާ ކަންކަމެވެ.އަދި ތިބާގެ ވެރިރަސްކަލާނގެ ރުހިވޮޑިގަތުން ހޯދުމަށް ޓަކައި ކުރަން ޖެހޭ ކަމެއް ނޫންކަމެވެ. ޙަންބަލީ މަޒްހަބުގެ އިމާމެއް ކަމުގައިވާ އިބްނު ރަޖަބު ވިދާޅުވާ ގޮތުގައި ނުބެހޭ ކަންތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ ބޭކާރު ވާހަކަ ދެއްކުމެވެ. އެއީ މުއުމިނުންގެ ސިފައެއް ނޫނެވެ. މާތް ﷲ މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެއްވަމުން ވަޙީ ކުރެއްވިއެވެ. ﴿وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ﴾ -المؤمنون : 3 – މާނައީ : އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. "
ތިމާޔާ ނުބެހޭ ކަންތަކާ ނުބެހި " ކާޅު ކެޔަސް ސޮއް ނުގޮވައި " ހުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމުގައި މީހަކަށް ހީވެދާނެއެވެ. އެހެނަސް އެއީ ވަރަށް ބުރަ ކަމެކެވެ. އެއީ އެކަމަށް ޓަކައި ބުރަތަކެއް އުފުއްލަން ޖެހޭ ކަމެކެވެ. ޚާއްޞަކޮށް މި ޒަމާނަކީ މީސްމީޑިޔާގެ ސަބަބުން ނުބެހޭ ކަންތަކާ ވަރަށް ފަސޭހައިން ބެހެވޭ ޒަމާނެކެވެ. މަޖަލަކަށް ކޮށްލާ ޓްވީޓަކުން ބުނަން ނުޖެހޭ ބަހެއް ބުނެވިދާނެއެވެ. ކުއްލިއަކަށް ނެގޭ ފޮޓޯއަކުން ބަލަން ހެޔޮނުވާ މަންޒަރަކަށް ބެލިދާނެއެވެ. ވައިބަރުންނާއި ވަޓްސްއަޕްފަދަ ވަސީލަތްތަކަކީ ޝައިޠާނާ މީސްތަކުން ޝިކާރަކުރުމަށް ޖަހާ މަޅިތަކެކެވެ.
( ނުނިމޭ )