މާލޭ ހުކުރުމިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

މާލެ ހުކުރުމިސްކިތު މުންނާރު އާބާތުރު ފިލުވުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާ ގުޅިގެން ފެށި މަސައްކަތެކެވެ.

މުންނާރުގެ އާބާތުރަ ފިލުވުމުގެ އިތުރަށް ހުކުރު މިސްކިތު ހަރިއްމަތެރޭގައި ހުރި 4 ފެން ވަޅުގެ އާބާތުރަ ފިލުވައި، މަރާމާތުކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ކުރިން ފަށާގޮތަށް އޮތީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ވަނީ އަދާ ހަމައަށް މަޑުޖައްސާލައިފައެވެ.

މި މަސައްކަތް ހިނގަމުންދިޔަ ސަރައްޙައްދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޒިޔާރަތް ކުރައްވައި މަސައްކަތް ބައްލަވާލައްވައިފައެވެ.

މާލެ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކައެއް ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ވިދާޅުވެފައެވެ. މުންނާރުގެ މަސައްކަތް ކުރަމުން ދަނީ މުންނާރު ރައްކާތެރިކޮށް، ޒަމާންތަކަށް ދެމިގެން ދާނޭހެން އެތަން ބެލެހެއްޓުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެކެވެ.

މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކައިފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެންކަމުން، މިހާތަނަށް ވެސް އެތަނުގައި ބޭނުންކުރަމުން އައިސްފައިވަނީ އުވާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.