ބަޖެޓް ދިރާސާކޮށް ނިންމެވިއިރު ސަރުކާރުން ހުށަހެޅިވަރަށްވުރެ ޑެފިސިޓް އިތުރުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯރޓް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ ސާފު އަޣުލަބިއްޔަތުއޮވެމެ، ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގެ ދަރަނި ބޮޑުވާގޮތަށް ފާކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
ބަޖެޓް ކޮމެޓީން،ބަޖެޓް ދިރާސާ ކޮށް ނިންމެވި އިރު ބަޖެޓަށް ވަނީ 366 މިލިއަން ރުފިޔާ އިތުރުކުރައްވައިފައެވެ. ސަރުކާރުން މަޖިލީހަށް ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން މަޖިލީހަށް ބަޖެޓްގެ ފޮނުވީ 5.8 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކުއެވެ. 366 މިލިއަން އިތުރުކުރުމުން 6.2 ބިލިއަން ރުފިޔާއަށް ވަނީ ޑެފިސިޓް އިތުރުވެފައެވެ.
ބަޖެޓް ދިރާސާކޮށް ނިންމެވިއިރު ބަޖެޓް ޖުމުލަ ޢަދަދު އިތުރުވެ ބަޖެޓެގެ ދަރަނީ އިތުރުވެފައި ވީނަމަވެސް އަންދާޒާ އާމްދަނީއަށް ބަދަލު އައިސްފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އަންނަ އަހަރު އަލަށް ލިބޭނެކަމަށް ލަފާ ކޮށްފައިވާ އާމްދަނީގެ ތެރެއިން ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ އިންކަމްޓެކްސް ތަންފީޒު ކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ލަފާކުރެއްވިފައިވުމުން ލިބޭނެ އާމްދަނީވެސް ދަށަށް ދާނެކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.
"ޚަރަދަށް ބަދަލުގެނެވިފައިވާއިރު އަންދާޒާ އާމްދަނީއަށް ބަދަލު ގެނެވިފައެއް ނުވޭ. އެހެންނަމަވެސް އަންދާޒާ އާމްދަނީއަށް ބަދަލު އަންނާނެކަން އެނގޭ. ޚާއްޞަގޮތެއްގައި އިންކަމްޓެކްސް ނަގާނެ މުއްދަތެއް ކަށަވަރުވެފައި ނުވުމުން. ފެންނަ ފެނުމަށް ފުރަތަމަ ތިންމަސް ދުވަސް ގެއްލި ހިނގައިދާނެ." ރައީސް ނަޝީދު ވިދާޅުއެވެ.
މަޖލީހުން ބަޖެޓް ދިރާސާ ކޮށް ނިންމެވި އިރު ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ބަޖެޓް ވަރަށް ތަފްޞީލްކޮށް ބަލާލެވެން އޮންނާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބަހުސް ނިންމާލައްވައި ބަޖެޓްގެ މަސައްކަތް އެއްކޮށް ނިންމާ ލެއްވޭނެކަމަށް ލަފާކުރައްވާކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.