ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކާއެކު ވެސް 2000 މީހުންނަށް ބަލި ޖެހިދާނެކަމަށް ފެންނަން އެބައޮތް: މަޖިލީހުގެ ރައީސް 

ކޮވިޑް-19  އިން ރައްކާތެރި ވުމަށް މިހާރު ރާއްޖެއިން އަޅައިފައވާ ފިޔަވަޅުތަކާއެކު ވެސް 2000 މީހުންނަށް އެބަލިޖެހި ދާނެކަމަށް ހެލްތްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެޕިޑަމިކަލް ސާރވޭއިން ފެންނަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް  ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އާއްމު އުޞޫލުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން ޕީޖީ ލީޑަރުންނާއި ކޮމެޓީތަކުގެ މުޤައްރިރުންނާއެކު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

އެޗްޕީއޭގެ އެޕިޑަމިކަލް ސާރވޭއާ ހަވާލާދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް އެބަލި ރާއްޖޭން 2000 މީހުންނަށް ޖެހި، އޭގެ ތެރެއިން ފަސް އިންސައްތަ އާއި 10 އިންސައްތަ އާ ދެމެދުގެ ޢަދަދެއްގެ މީހުން ނުރައްކާތެރި ހާލަތަކަށްދާނެ ކަމަށެވެ. އަދި އަޅައިފައިވާ ފިޔަވަޅުތަކާއެކު 210  ދުވަހު ގައިދުރުކަމުގައި ތިބެންޖެހޭނެކަމަށެވެ. އެމުއްދަތުގެ ތެރެއިން މިހާތަނަށް ވީ މަސްދުވަސް ކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެހާ ދުވަސް ވަންދެން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލައިގެން ނުތިބެވޭނެކަމަށް މިއަދު ގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މަޖިލީސް ހުއްޓާލައިގެން ނުތިބެން ޖެހޭ އެންމެ މުހިންމު ސަބަބެއް ކަމަށް ވިދާޅުވީ ކޮވިޑަށް ތައްޔާރު ވުމަށް ކުރަންހުރި މަސައްކަތްތައް އަވަސް ކުރެވެން އަންނަނީ ޖަލްސާތައް ބާއްވައިގެން ކަމަށްވާތީއެވެ.

މިއަދު މަޖިލީހުގެ އިދަރާގައި ބޭއްވި ބަދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ އެޗްޕީއޭގެ އެޕިޑަމިކަލް ސާރވޭއާ ހަވާލާ ދެއްވައި ގިނަ ތަފާސް ހިސާބުތަކެއް ހާމަކުރައްވައިފައެވެ. އެޗްޕީއޭގެ ސަރވޭއާ ޙަވާލާ ދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު އަޅައިފައިވާ ފިޔަވަޅުތައް ނާޅާފިއްޔާ 50 ހަކަށް ދުވަހުގެ ތެރޭގައި 8000 މީހުންނަށް ބަލިޖެހެނެކަމަށެވެ. އެހެން ވެއްޖެނަމަ 80 ދުވަހުން ރޯގާ ޖެހުން ހުއްޓޭކަމަށެވެ.މަޖިލީހުގެ ރައީސް ވިޅުވީ އެއީ ޖެހެންވާ އެންމެން ނަށް ޖެހި ނިމުންކަމަށެވެ. މިހާރު އަޅައިފައިވާ ފިޔަވަޅުތައް އެޅީމާ ލުޔެއް ލިބެން އަންނަނީ 210 ދުވަހުން ކަމަށެވެ. ފިޔަވަޅުތައް އެޅީމާވެސް ޖެހެނީ އެއް ޢަދަދަކަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖެހެން ނަގާ މުއްދަތު ދިގުމުއްދަތަކަށް ދެމިގެން ދަނީ ކަން ފާހަގަ ކުރެއްވިއެވެ.

"މުއްދަތެއް ހޯދުމަކީ އެއްދުވަކު އެހާ ގިނަ މީހުން ހޮސްޕިޓަލަށް ވަންނަން ނުޖެހުން.  އެއް ދުވަހުގެ ތެރޭގައި ގިނަ ބަޔަކަށް (ބަލި) ޖެހި، އެމީހުންނާ އަޅާ ނުލެވުނީމާ ފުރާނައަށް ގެއްލުންވާ ވަރުވެސް ބޮޑު ވާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދިގުމުއްދަތެއް ހޯދުމުގެ ބޭނުމަކީ ހޮސްޕިޓަލާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުންކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއވިއެވެ. ތައްޔާރުވުމަށް ބޭނުންވަނީ 247 އައިސިޔޫ އެނދުކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. މަލޭ ސަރަޙައްދުގައި މިހާރު ހުރީ އައިސީޔޫ އެދުގެ އަދަދަކީ 235 އެވެ. އެހެންކަމުން އިތުރަށް 33 އެނދު ބޭނުންވާކަމަށް ވިދާޅުވިއެވެ. ތައްޔާރުވުމަށް 740 ހޮސްޕިޓަލް އެދު ބޭނުންވެއެވެ. މިހާރު ހުރީ 687 އެނދުކަމަށާއި އެހެންކަމުން 437 އެނދު އިތުރަށް ބޭނުންވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ތައްޔާރުވުމަށް 197 ވެންޓިލޭޓަރ ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިހާރު ހުރީ 45 ވެންޓިލޭޓަރުކަމާއި 152 ވެންޓިލޭޓަރ މަދު ކަމަށް ވިދާޅުވިއެވެ.

މިގެ އިތުރުން އެންމެ ގޯސް ޙާލަތަށް ތަޔާރު ވުމަށް ބޭނުންވާނެ އިންސާނީ ވަޞީލަތްތަކުގެ ތަފާސް ހިސާބުވެސް މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ. އެގޮތުން 368 ޑޮކްޓަރުންނާއި 608 އައިސީޔޫ ނަރުހުންނާއި 252 އެޓެންޑެންޓުން ބޭނުންވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ އެންމެ ނުރައްކާ ހާލަތަށް މިފަދަ ތައްޔާރީތައް ބޭނުންވާއިރު މަޖިލީސް ބަންދުގައި އޮވެގެން އެކަން ވޭތޯ މަޖިލީހުގެ ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ. އިޖްތިމާއީ ގައިދުރުކަމުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ވެސް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވޭނެކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރު ބަންދު ވެފައި އޮތުމުން، ކުރިން ވެސް ބާއްވަމުން ދިޔަގޮތަށް ވެބް ކޮންފެރެންސް ކޮށް ޖަލްސާތައް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. ނަމަވެސް ވެބް ކޮންފަރެންސްކޮށް ޖަލްސާ ބާއްވާއިރު ނަގާ ވޯޓްގެ ޞައްހަ ކަމާމެދު ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފައެވެ. ޕީޖީލީޑަރުންނާއި މުޤައްރިރުންގެ ޚިޔާލާއި މަޝަވަރާ ހޯއްދެވުމަށް ފަހު ވަކި ގޮތަކަށް ނިންމެވިކަމަށް މަޖިލީހުގެ ރައީސް އިޢްލާނެއް ނުކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.