އެޗްއައިވީން ރައްކާތެރިވުމަށް ހޭލުންތެރިކަން ވަރަށް މުހިންމު

closeup of a red awareness ribbon for the fight against AIDS in the hand of a young caucasian man in a busy pedestrian street of a city

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަހެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުންދަނީ އެބަލީގެ ނުރައްކާތެރިކަން މީހުންނަށް އަންގައިދީ ހޭލުންތެރި ކުރުވުމަށެވެ.

އެއިޑްސް ދުވަސްފާހަގަ ކުރަމުންދާއިރު އެބަލި ރާއްގައިވެސް ދަނީ މަޑުމަޑުން ނަމަވެސް ފެތުރެމުންނެވެ. އެހެންކަމުން ބަލިން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ބައްޔާބެހޭ ގޮތުން ވީހާވެސް ބޮޑަށް ހޭލުންތެރިވެ އެބަލި އަރައިފާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ.

ރާއްޖޭގައި މިބަލި ފެތުރިދާނެ ކަމަށް ބެލެވޭ ސަބަބުތައް ވަރަށް ގިނައެވެ. މަސްތުވާތަކެތި ބޭނުންކުރާއިރު އެއް ސިރިންޖު ގިނަ މީހުން ޙިއްސާ ކުރުމަކީ އެޗްއައިވީ ފެތުރުމަށް އޮންނަ މަގެކެވެ. އެހެން ކަމުން މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުމަކީ ނުވަތަ އެއް ސިރިންޖުން އެކަކަށްވުރެ ގިނަ މީހުންގެ ނާރަށް ޖެހުމަކީ ހުއްޓާލަން ވެއްޖެ ކަމެކެވެ. ރާއްޖޭގައި ބިދޭސީން ގިނަވުމާއި ހަށި ވިއްކުމުގެ ފިޔަފާރި ފުޅާވުމަކީވެސް މިބަލި ފެތުރުމަށްއޮތް މަގެކެވެ. މީގެ އިތުރުން ފަތުރުވެރިން އަންނަ ޤައުމަކަށް ރާއްޖެވުމާއި ޖިންސީ ގުޅުމުން އަރާބަލިތަކަށް ފަރުވާ ކުރުމަށް ލަދުގަނެ ފަސް ޖެހުމާއި ރާއްޖެއިން ބޭރަށްދާ މީހުންގެ ޢަދަދު ގިނަވުމަކީ ވެސް ދިމާއަށް ފެންނަންހުރި މަގުތަކެކެވެ. އަދި ޢާއިލާއާ ދުރުގައި ގިނަދުވަހު ވަކީން އުޅެން ޖެހުމަކީވެސް މިބަލި ފެތުރިދާނެ ކަމަށް މެޑިކަލްދާއިރާގެ ބޭފުޅުން ވިދާޅުވެފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެން ކަމުން އެކަނި އުޅެންޖެހުނަސް ކިތަންމެ ގިނައިން ބޭރަށްދާން ޖެހުނަށް އެޗުއައިވީ ނެޖެހޭނެ ގޮތަށް އުޅުން އިސްލާހުކޮށް ބައްޓަން ކުރަންޖެހެއެވެ.

ރާއްޖެއަށް އެތެރެވާ ބިދޭސީންގެ މެޑިކަލް ޓެސްޓުތަކުން ވަރަށްގިނަ ޢަދަދެއްގެ މީހުން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާކަން ހިސާބުތަކުން ދައްކަވައެވެ. އެގޮތަށް ދެއްކިޔަސް ވިންޑޯސް ޕީރިއަޑުތެރޭގައި އުޅޭ މީހުން އެޗްއައިވީއަށް ޕޮޒިޓިވާވެފައިވާކަން ނުދައްކާނެ ކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެފައެވެ. އެހެންކަމުން ބިދޭސީންނާއެކު "ގުޅުން" ބޭއްވުމުން އެޗުއައިވީ ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެގޮތަށް ރާއްޖެ އަންނަ ފަތުރުވެރިންނާއެކު އެފަދަ ގުޅުން ބާއްވާ ކަމަށްވާނަމަ އެޗްއައިވީ ފެތުރުމުގެ ފުރުސަތު އޮންނާނީ ހުޅުވިފައެވެ. އެހެންކަމުން މިކަންކަމަކީ ވަރަށްބޮޑަށް ސަމާލުވާންޖެހޭ ކަންކަމެވެ.

މިއީ ސަބަބުތަކެއް ކަމަށްވިޔަސް އެއިޑްސް ބަލި ޖެހެނީ މީހާގެ ޢަމަލުތައް ބެހެއްޓޭ ގޮތަކުންނެވެ. އެއިޑްސް ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވާސިލްވާގޮތްތަކަކީ އުޅުން އިސްލާހުކޮށްގެން ރައްކާތެރިވެވިދާނެ ގޮތްތަކެއް ކަމަށް ޞިއްޙީދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫންނެވެ. ބަލި ޖެހިފައިވާ މައެއްގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް އެޗުއައިވީ ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. އެހެން ކަމުން ބަލިވެ އިނުމުގައި ސަމާލުކަން ދިނމަކީ އެޗްއައިވީން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

 އެޗްއައިވީ ޖެހިދާނެ ފަދަ ހުރިހާ ޢަމަލުތަކުން ދުރުވެތިބެންޖެހެއެވެ. ލޭ އަޅާއިރު ވެސް އަޅަނީ ރަނގަޅަށް ޓެސްޓްކޮށް އެޗްއައިވީ ނެތްކަން ކަށަވަރުކޮށްފައިވާ ލޭކަން ޔަޤީން ކުރަންޖެހެއެވެ. މިއީ ލޭ އެޅުމުގެ ޚިދުމަތްދޭ ތަންތަނުން ވަރަށްބޮޑަށް ވިސްނަންޖެހޭ ނުކުތާއެކެވެ. މިބައްޔަށް ކިރިޔާވެސް ޝައްކެއްވާ ކަމަށްވާނަމަ ރާއްޖޭގެ ސިއްޙީ ދާއިރާގެ ކޮންމެ ހޮސްޕިޓަލަކުން ވެސް ޓެސްޓް ކޮށްލެވޭނެއެވެ. ސަރުކާރު ހޮސްޕިޓަލްތަކުން އެޚިދުމަތް ހިލޭ ލިބޭނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.