(22 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިސްލާމީ ތަރްބިޔަތުގައި އިންސާނީ ޙައްޤުތައް
1948 ވަނަ އަހަރު ޑިސެމްބަރމަހުގެ 10 ވަނަ ދުވަހު އދ.ގެ ޢާންމު ޖަމްޢިއްޔާއިން އިންސާނާގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އިޢުލާނުގެ ނަމުގައި ބަޔާނެއް ނެރުނެވެ. މިބަޔާން ބުނާގޮތުގައި އަދާމުގެ ދަރީންގެ ހައިސިއްޔަތުން ހުރިހާ އިންސާނުންނަށް އިޙްތިރާމު ކުރަންޖެހޭ ޙައްޤުތަކެއް ލިބިގެންވެއެވެ. މި ޙައްޤުތަކުގެ ތެރޭގައި މިނިވަންކަމުގެ ޙައްޤާއި ހަމަހަމަކަމުގެ ޙައްޤާއި މިލްކުވެރިކަމުގެ ޙައްޤު ހިމެނެއެވެ.
މީގެ ދުއިސައްތަ އަހަރުކުރިން ހީގަލް އޭނާގެ މަޝްހޫރުފޮތް ތާރީޚުގެ ފަލްސަފާގައި އިންސާނާގެ ޙައްޤުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައިވެއެވެ. ނަމަވެސް މިފޮތުގައިވާ އިންސާނާގެ ޙައްޤުތަކަކީ ޔޫރަޕްގެ މުޖްތަމަޢުގެ ޙައްޤުތަކުގެ ވާހަކައެވެ. 1789 ވަނަ އަހަރުގެ ޖުލައި 16 ގައި ފަރަންސޭސި އިންޤިލާބުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ޕާރލަމެންޓުން އިންސާނާގެ ޙައްޤުތައް އިޢުލާން ކުރިއެވެ. ނަމަވެސް އެއީވެސް ހުޅަނގުގެ އިންސާނާގެ ޙައްޤުތަކުގެ ވާހަކަކަން ފާހަގަ ކުރެވެއެވެ. ހުޅަނގުގެ އިސްތިޢުމާރު ކުރިއަށް ގެންގޮސްފައިވަނީ މިހެންވެގެންނެވެ. ދުނިޔޭގެ އެހެން މީހުންނަކީ އެހެން މަށްޓަކުން ހައްދަވާފައިވާ ބައެއް ކަހަލައެވެ.
އދ.ގެ ޢާންމު ޖަމްޢިއްޔާއިން 1948 ގައި ޕާސްކުޅަ އިންސާނާގެ ޙައްޤުތައް އިޢުލާން ކުރެވިފައިވަނީ ފަލަސްޠީނުގެ ބިން ބައިކޮށް މިބިމުގެ އެއްބައި ޔަހޫދީ ދައުލަތެއް ޤާއިމު ކުރުމަށް ދުނިޔޭގެ ޒަޔޮނިސްޓުންނަށް ދިނުމާ ވިދިގެންނެވެ. މިއިން އެގެނީ އިޢުލާނު ކުރެވުނު އިންސާނާގެ މި ޙައްޤުތަކަކީ ޔަހޫދީންގެ ޙައްޤުތަކެއް ކަމެވެ. ފަލަސްޠީނުގެ ބިމުން ބައެއް ޒަޔޮނިސްޓުންނަށް ދިނުމުގެ ސަބަބުން ފަލަސްޠީނުގެ އެތައް މިލިޔަން ބަޔަކު ދުނިޔެއަށް ވިއްސިވިހާލި ވެގެން ދިޔައެވެ.
އދ.ގައި އެންމެ ނަގާކިޔާ އެމެރިކާއަށް ބަލާއިރު އެޤައުމުގައި އޮތް ނަސްލީ އިމްތިޔާޒު އަދިވެސް ރަސްމީ އިޢުލާނަކުން އުވައެއް ނުލައެވެ. އެމެރިކާގެ ކަޅުމީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބުނީ ވަރަށް ފަހުންނެވެ. ނަޒަރީގޮތުން މި އިޢުލާނަށް ޢަމަލުކުރެވުނު ނަމަވެސް ޢަމަލީގޮތުން މި އިޢުލާނަށް އަދިވެސް ޢަމަލެއް ނުކުރެވެއެވެ. އެމެރިކާގައި ދިރިއުޅޭ ކަޅު މީހުންނާމެދު ރަސްމީ ފެންވަރުގައްޔާއި ނުރަސްމީ ފެންވަރުގައި އަދިވެސް މުޢާމަލާތު ކުރެވެނީ ނަސްލީ އިމްތިޔާޒުގެ ތަރަހައިގެ މަތީގައެވެ. ކަޅުމީހަކަށް އެމެރިކާގެ ސްޓޭޓެއްގެ ގަވަރުނަރެއްގެ އެހީތެރިއަކަށްވުރެ މަތީ މަޤާމަކަށް ވަޒީފާ މަތިވުމުގެ ޙައްޤެއް ނެތެވެ. ކަޅު މީހުންނަށް އެމެރިކާގައި ލިބޭނީ ސިޔާސީ ސޯޅަ ވަޒީފާއެކެވެ.
އިންސާނާގެ ޙައްޤުތައް އެކަށައެޅި އދ.ގެތެރެއިންވެސް މިޙައްޤުތައް ހަމަހަމަކޮށް ޤައުމުތަކަށް ލިބެމުންދާ ތަނެއް ނުފެނެއެވެ. ސަލާމަތީ މަޖިލީހުގައި ބޮޑެތި ޤައުމުތަކުން (ނުވަތަ ދާއިމީ ފަސް މެންބަރުން) އެޤައުމުތަކުގެ މަޞްލަޙަތުތައް ރައްކައުތެރި ކުރުމަށްޓަކައި ވީޓޯގެ ބޭނުން ކުރެއެވެ. މިކަމުގައި ޢަދުލު އިންސާފު ނެތްކަން މިއަދުގެ ދުނިޔެއިން ދަނީ ވަރަށް ރަނގަޅަށް ހާމަވަމުންނެވެ. ފަލަސްޠީނުގެ މަސްއަލައާއި އަފްޣާނިސްތާނުގެ މަސްއަލައާއި ކަޝްމީރުގެ މަސްއަލަފަދަ މަސްއަލަތަކަކީ ފާހަގަ ކޮށްލެވޭ މަސްއަލަ ތަކެކެވެ. ދާއިމީ ފަސް މެންބަރުންގެ މަސްލަޙަތު ނިޔާނުކުރާ އެއްވެސް ކަމެއްގައި އިންސާފެއް ނެތެވެ.
ދުނިޔޭގެ ތާރީޚަށް ބަލާއިރު ބޮޑެތި ޤައުމުތަކުން އިންސާނާގެ ޙައްޤުތައް ފޭރިގެންފައިވާތަން ފެނެއެވެ. ފަރަންސޭސި ވިލާތުން ޖަޒާއިރުގައި ހިންގާފައިވާ އަނިޔާވެރި ހަރުކަށި ޢަމަލުތައް ހިންގާފައިވާ ގޮތަށް ބަލާށެވެ. މި ޢަމަލުތަކުގެ ސަބަބުން މިލިޔަން ޝަހީދުންގެ ވަޠަނުކަމަށް ޖަޒާއިރު ފާހަގަވެގެން ދިޔައެވެ. އެމެރިކާއިން ވިއެޓްނާމުގައި ސޮވިއެޓް ޔުނިޔަނުން ޗެކޮސްލޭވޭކިޔާގައި އިނގިރޭސި ވިލާތުން ފަލަސްޠީނުގައި އަދި އިސްލާމީ އެތައް ޤައުމެއްގައި ހިންގާފައިވާ ޢަމަލުތަކަކީ މި ޤައުމުތަކުން ވީޓޯގެ ބޭނުންކޮށްގެން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލު ތަކެކެވެ. އެމެރިކާއިން ދުނިޔޭގެ ތަފާތު ސަރަޙައްދުތަކުގައި މިއަދު ހިންގަމުންގެންދާ އަނިޔާވެރި ޢަމަލުތަކުގެ ވާހަކަ އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތެވެ.
ޤަދީމީ މަސްއަލައެއް
އިންސާނާގެ ޙައްޤުތަކަކީ ވަރަށް ޤަދީމީ މަސްއަލައެކެވެ. ޤަދީމީ ތާރީޚުގައި އެއްވެސް މުޖްތަމަޢަކުން އިންސާނުންނަށް އެމީހުންގެ ޙައްޤުތައް ލިބިދީފައެއް ނުވެއެވެ. އަނިޔާވެރިކަމާއި ބޭއިންސާފާއި ނާޖާއިޒު ފައިދާ ހޯދުމަށްޓަކައި އިންސާނާގެ ބޭނުން ކޮށްފައިވެއެވެ. ގްރީކް މުޖްތަމަޢަށް ބަލާއިރު އެމީހުންގެ މުޖްމަތަމަޢުގައި ހިމެނެނީ ގްރީކް މީހުންނާއި ބިދޭސީންނާއި އަޅުންނެވެ. މި މުޖްތަމަޢުގައި އަޅުންގެ ޢަދަދު ސާހިބުންގެ ޢަދަދަށްވުރެ ވިހިގުނަ އިތުރު ނަމަވެސް އަޅުންނަކީ ޚިދްމަތް އަދާކުރުމަށް ތިބި ބަޔެކެވެ. މިނިވަންކަމާއި ޑިމޮކްރެސީއަކީ ހަމައެކަނި ގްރީކްގެ މިނިވަނުންގެ ޙައްޤެކެވެ.
ރޯމަނުންނަށް ބަލާއިރު މަތީ މަޤާމުތަކަކީ ރަސްގެފާނުގެ ޢާއިލާއަށާއި ޚާންދާނަށް ޚާއްޞަ އެއްޗެކެވެ. މަތީ ތަޢުލީމަކީވެސް އެމީހުންނަށް ޚާއްޞަ އެއްޗެކެވެ. އިންސާފުވެރިކަމަށް މަޝްހޫރު ރޯމަން ޤާނޫނުގައި އަޅުންނާއި ސާހިބުން ތަފާތުކޮށްފައި ވެއެވެ.
ޔަހޫދީ ދީނަކީ ނަސްލީ ދީނެކެވެ. އެއީ ހަމައެކަނި ތަވްރާތުގެ އަހްލުވެރީންގެ ޙައްޤެކެވެ. މިދީނުގައި ޔަހޫދީންނޫން މީހުންނަށް އިންސާފުވެރިވާކަށް ނުޖެހެއެވެ.
މަސީޙީދީން އައީ އޯގާވެރިކަމާއި ލޯތްބާއި ކުލުނު ދަސްކޮށްދިނުމަށެވެ. ޤައިޞަރުގެ ޙައްޤުތައް ޤައިޞަރަށް ދިނެވެ. ނަމަވެސް ޤައިޞަރު އޭގެ މޭވާ ބިނުމުގެ ފުރްޞަތު އެހެން މީހުންނަކަށް ނުދިނެވެ. މަސީޙީ ދީނުގެ ސަބަބުން އިންސާނިއްޔަތަށް އުފުއްލަން ޖެހުނު މުޞީބާތްތައް ވަރަށް ގިނައެވެ. ޤަދީމީ އިސްތިޢުމާރަކީ މަސީޙީ ދީން ފެތުރުމަށްޓަކައި ހިންގައިފައިވާ ޙަރަކާތެކެވެ. މި އިސްތިޢުމާރުގެ ސަބަބުން ފަނާކޮށް ނައްތައިލެވުނީ ކިތައް ޙަޟާރަތް ތޯއެވެ. ރެޑް އިންޑިޔަނުންނާއި މައޮރީންނާއި އިންކާ ޙަޟާރަތަކީ ހަމައެކަނި ދެތިން މިސާލެކެވެ. އަންދަލްސްގެ މުސްލިމުން ނަޞާރާކުރުވުމަށާއި އުތުރު ޔޫރަޕްގެ މީހުން މަސީޙީ ދީނަށް ވެއްދުމަށްޓަކައި އޮހޮރުވާފައިވާ ލޭތައް ވަރަށް ގިނައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މަސީޙިއްޔަތު ދަންނަކަމެއް ނޫނެވެ. ފައްޅިއަކީ ތާރީޚުގެ ހުރިހާ ޒަމާން ތަކެއްގައިވެސް މީހުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިން ތަނެއް ނޫނެވެ. ނަޞާރާ ދީނަށް ވެއްދުމަށްޓަކައި ބިރުދެއްކުމާއި އަދަބުދިނުމުގެ ހުރިހާ ވަސީލަތްތަކެއް ހުޅަނގު ޔޫރަޕްގައި ފައްޅީގެ ވެރީން ކޮށްފައިވެއެވެ. މިއަދުވެސް މީހުން ވަރަށްގިނައިން މަޙާކިމުއްތަފްޠިޝްގެ ވާހަކަ ދައްކައެވެ. އަންދަލްސްގައި މުސްލިމުން ނަޞާރާ ކުރުމަށްޓަކައި ބޭނުންކޮށްފައިވާ ވަސީލަތްތަކަކީ ތާރީޚު އެކަމަށް ހެކިވާނެ ކަންތައްތަކެކެވެ. ދިވެހިރާއްޖޭގައި ޕޯޗްގީޒުން ތިބިއިރު ދިވެހިން ނަޞާރާ ކުރުމަށްޓަކައި ކޮށްފައިވާ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން އެނގެއެވެ. އިންޑޮނީޝިޔާގައއްޔާއި އެފްރިކާގެ ބައެއް ޤައުމުތަކުގައި މިއަދުވެސް މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ނަޞާރާދީނަށް މުސްލިމުން ވައްދަން އުޅޭތަން ފެނެއެވެ. ނަމަވެސް މުސްލިމުންނަކީ އެމީހުން ފަތަޙަކުރި ރަށްރަށުގައި ތިބި އެހެން ދީންތަކުގެ މީހުން ސަލާމަތް ކުރި ބައެކެވެ. މުސްލިމުން ޤުދްސު ފަތަޙުކުރިއިރު ޢުމަރުގެފާނު އެރަށުގެ މަސީޙީންނަށް އަމާންކަމުގެ ފަތްކޮޅެއް ދެއްވިއެވެ.
މާރކްސިޒަމަކީ ދުނިޔެ ޚުދްމުޚްތާރު ވެރިކަމެއްގެ ތެރެއަށް ވައްޓައިލަން އުޅުނު ނިޒާމެކެވެ. މި ނިޒާމު ޤާއިމު ކުރެވުނު ޤައުމުތަކުގައި ޢާންމުންނަށް ވޭނާއި ޢަޒާބުގެ ކުލަތައް ތަޙައްމުލު ކުރަން ޖެހުނެވެ. މާކްސިޒަމްގެ އުޞޫލުތައް މީސްތަކުންގެ ބޯތަކަށް ވެއްދުމަށްޓަކައި އެމީހުންގެ ސިކުނޑިތައް ދޮވެލުމުގެ މަސައްކަތް ހިންގިއެވެ. މާކްސިޒަމްގެ ސަބަބުން އިރުމަތީ އޭޝިޔާއާއި އެފްރިކާގެ ބައެއް ޤައުމުތަކުގައި ކިހާ ލެއެއް އޮހޮރުވިގެން ދިޔަތޯއެވެ؟ މާކްސިޒަމަކީ ބަހުގެ މިނިވަންކަމާއި ޚިޔާލުގެ މިނިވަންކަމާއި ވިސްނުމުގެ މިނިވަންކަން މަނާކުރި ނިޒާމެކެވެ. މި ނިޒާމުގައި އެންމެންވެސް ވިސްނަންޖެހޭނީ އެއް ވިސްނުމަކުންނެވެ. ކޮމިޔުނިޒަމަކީ އިންސާނާގެ މިނިވަންކަމާ އިދިކޮޅު އެ މިނިވަންކަމާ އަރާރުންވާ ގޮތްތަކެއް ހިމެނޭ ނިޒާމެކެވެ. ޖާސޫސް ކުރުމަކީ އެ ނިޒާމުގައި ހުރިހާ މައިދާނެއްގައި އޮތް ކަމެކެވެ.
އިސްލާމްދީނުގައި ޖާސޫސް ކުރުމަކީ ޙަރާމް ކަމެކެވެ. ޖާސޫސްކުރާ މީހާއަކީ އޭނާގެ އަޚާގެ މުޅަމަސްކައި އުޅޭ މީހެއްފަދަ މީހެއް ކަމަށް ކީރިތި ޤުރްއާނުގައި އޭނާ ސިފަކުރައްވައިފައި ވެއެވެ. މާތް ވަޙީ ކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ[1]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. ))
ކޮމިޔުނިސްޓް ޤައުމުތަކުގައި މީސްތަކުންގެ ލެޔާއި މުދަލަކީ އެއްވެސް ޙުރްމަތްތެރިކަމެއް އޮތް އެއްޗެއް ނޫނެވެ. އެއްވެސް މީހެއްގެ މިލްކިއްޔަތެއް ނެތެވެ. ނަމަވެސް އިސްލާމްދީނުގައި މީހުންގެ ލެއާއި މުދަލަކީ ޙުރްމަތްތެރި ވެގެންވާ އެއްޗެކެވެ. ޚުޠުބަތުލް ވަދާޢުގައި ރަސޫލުގެފާނު ޙަދީސް ކުރެއްވިއެވެ. (( إِنَّ أَمْوَالَكُمْ وَأَعَرَاضَكُمْ وَدِمَاءَكُمْ حَرَامٌ بَيْنَكُمْ – ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލައި އަބުރާއި ލޭ ތިޔަބައިމީހުންގެ މެދުގައި ޙަރާމުވެގެން ވެއެވެ."
ވުޖޫދިއްޔާ
ވުޖޫދިއްޔާއަކީ ބާޠިލު ގޮތުގައި މިނިވަންކަން ޤައިދެއްނެތި މުޅިން ދޫކޮށްލުމަށް ގޮވައިލާ އިންސާނީ މަޒްހަބެކެވެ. މި މަޒްހަބުގެ އަމާޒަކީ އެއްވެސް އަޚްލާޤީ މިންގަނޑަކަށް ތަބާވުމެއްނެތް މުޠުލަޤް މިނިވަންކަމެއްގެ ތެރެއަށް އިންސާނާ ވައްޓައިލުމެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި އޮންނާނީ ނިޒާމެއްނެތް ޖަންގައްޔެކެވެ. މިކަމުގެ ސަބަބުން ޢާއިލާގެ ޙުރްމަތެއް ނޯންނާނެއެވެ. މީސްތަކުންނާ ދައުލަތާ، މީސްތަކުންނާ މީސްތަކުންނާ ދެމެދުގައި ރަނގަޅު ގުޅުމެއް ނޯންނާނެއެވެ. މި މަޒްހަބުގެ ނަތީޖާއެއްގެ ގޮތުގައި ދުނިޔެއަށް ހިޕީޒުންނޭ ކިޔާ ބަޔަކު 70 ގެ އަހަރުތަކުގެ ތެރޭގައި ފާޅުވިއެވެ.
(ނިމުނީ)
[1] - الحجرات : 12