އިސްލާމްދީނަކީ ޢާލަމުތަކަށް ރަޙްމަތެއް ކަމުގައި މާތް ﷲ ފޮނުއްވި ދީނެވެ. މި ދީން އިންސާނުންނަށް އޯގާވެރިކަމާއި ރަޙްމުކުރުން ލިބިދިނުމަށްޓަކައި ޢާންމު އުޞޫލުތަކެއް ކަނޑައެޅުއްވިއެވެ. އޭގެ ތެރޭގައި އިންސާނީ އުޚުއްވަތްތެރިކަމާއި އިންސާނީ ހަމަހަމަކަމާއި މިނިވަންކަން ވެއެވެ.
އިންސާނީ އުޚުއްވަތްތެރިކަން
އިސްލާމްދީން ދެކޭގޮތުގައި ހުރިހާ އިންސާނުންނަކީވެސް އާދަމުގެފާނާއި ޙައްވާގެފާނުގެ ދަރީންނެވެ. އެހެންކަމުން ހުރިހާ އިންސާނުންނަކީ މި ނަސަބުގައި ގުޅިފައިވާ ބަޔެކެވެ. މި ރަޙިމުގައި ބައިވެރިވާ ބަޔެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يـٰأَيُّهَا النّاسُ اتَّقوا رَبَّكُمُ الَّذى خَلَقَكُم مِن نَفسٍ وٰحِدَةٍ وَخَلَقَ مِنها زَوجَها وَبَثَّ مِنهُما رِجالًا كَثيرًا وَنِساءً وَاتَّقُوا اللَّـهَ الَّذى تَساءَلونَ بِهِ وَالأَرحامَ إِنَّ اللَّـهَ كانَ عَلَيكُم رَقيبًا[1] - އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ. "
މިއާޔަތުގައި މިވާ " مِنْ نَفْسٍ وَاحِدَةٍ " އަކީ އިންސާނީ ޢާންމު ރަޙިމުކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. މާތް ﷲ މި އާޔަތުގައި މި އަންގަވަނީ މާތް ﷲ ހުރިހާ އިންސާނުން ، އަންހެނުންނާއި ފިރިހެނުން ހެއްދެވީ އެންމެ ނަފްސަކުންނެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އިންސާނީ މި އަޚުވަންތަކަން ކޮންމެ ދުވަހަކު އެތައްފަހަރަކު ކަށަވަރު ކޮށްދެއްވައިފައިވެއެވެ. ޒައިދު ބުނު އަރްޤަމުގެ އަރިހުން އަބޫ ދާވޫދާއި އަޙްމަދު ރިވާކުރައްވާ ގޮތުގައި ކޮންމެ ފަރްޟު ނަމާދެއް ކުރެއްވުމަށްފަހު ރަސޫލާ r ކުރެއްވި ދުޢާއެއް ވެއެވެ. މި ދުޢާއަކީ ((اللَّهُمَّ رَبَّنَا وَرَبَّ كُلِّ شَيْءٍ ،أَنَا شَهِيدٌ أَنَّكَ أَنْتَ الرَّبُّ وَحْدَكَ لَا شَرِيكَ لَكَ ، اللَّهُمَّ رَبَّنَا وَرَبَّ كُلِّ شَيْءٍ ، أَنَا شَهِيدٌ أَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ ،اللَّهُمَّ رَبَّنَا وَرَبَّ كُلِّ شَيْءٍ ، أَنَا شَهِيدٌ أَنَّ الْعِبَادَ كُلَّهُمْ إِخْوَةٌ ،اللَّهُمَّ رَبَّنَا وَرَبَّ كُلِّ شَيْءٍ ، اجْعَلْنِي مُخْلِصاً لَكَ وَأَهْلِي فِي كُلِّ سَاعَةٍ فِي الدُّنْيَا وَالْآخِرَةِ ،يَا ذَا الْجَلَالِ وَالْإِكْرَامِ ،اسْمَعْ وَاسْتَجِبْ ، اللَّهُ أَكْبَرُ الْأَكْبَرُ ، اللَّهُمَّ نُورَ السَّمَاوَاتِ وَالْأَرْضِ ، رَبَّ السَّمَاوَاتِ وَالْأَرْضِ ، اللَّهُ أَكْبَرُ الْأَكْبَرُ حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ، اللَّهُ أَكْبَرُ الْأَكْبَرُ- ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ވެރި އަދި ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާކޮ! އިބަ ރަސްކަލާނގެއީ އެއްކައުވަންތަ ، އިބަރަސްކަލާނގެއަށް ބައިވެރިއަކު ނުވާ ރަސްކަލާނގެ ކަމަށް އަޅު ހެކިވަމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ވެރި އަދި ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާކޮ! މުޙައްމަދުގެފާނީ އިބަރަސްކަލާނގެ އަޅާ ކަމަށާއި އިބަރަސްކަލާނގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ވެރި އަދި ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާކޮ! އެންމެހައި އަޅުންނަކީ އަޚުންކަމަށް އަޅު ހެކިވަމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ވެރި އަދި ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާކޮ! ދުނިޔެއާއި އާޚިރަތުގެ ކޮންމެ ގަޑިއެއްގައި އިބަރަސްކަލާނގެއަށް އިޚްލާޞްތެރި ބަޔަކު ކަމުގައި މި އަޅާއާއި މި އަޅާގެ އަހްލުން ލައްވާނދޭވެ! ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރި ރަސްކަލާކޮ! މި އަޅާގެ ދުޢާ އަޑު އައްސަވައި، އިޖާބަ ދެއްވާނދޭވެ! اللَّهُ أَكْبَرُ الْأَكْبَرُ ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއީ އުޑުތަކާއި ބިމުގެ ނޫރެވެ. އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއެވެ. اللَّهُ أَكْبَرُ الْأَكْبَرُ . މި އަޅާއަށް اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! اللَّهُ أَكْبَرُ الْأَكْبَرُ ))
ރަސޫލު ﷲ ގެފާނު ކޮންމެ ނަމާދެއް ކުރައްވައިފައި މިމޭރުމުން ދުޢާ ކުރައްވައެވެ. މިއީ އިންސާނީ އަޚުވަންތަކަމުގެ އަގު އިސްލާމީ ރިސާލަތުގައި ވަޒަންކުރާ މިންވަރު ދޭހަކޮށްދޭ ޢަމަލީ މިސާލެކެވެ. މި ޙަދީޘްފުޅުން އެނގެނީ
1- ﷲގެ އެންމެހާ އަޅުންނަކީ އެއްބަނޑު އެއްބަފާ ބައެއްކަން. ހަމައެކަނި މުސްލިމުންނެއްނޫނެވެ. އިންސާނުންގެ ހައިސިއްޔަތުންނާއި ﷲ ގެ އަޅުންގެ ހައިސިއްޔަތުންނެވެ.
2- ކީރިތި ރަސޫލާ މިކަން ހާމަކޮށް މި ދެއްވަނީ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ދަންނަވާ ދުޢާއެއްގެ ތެރޭގައެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުގައި އެކަލޭގެފާނު އެކަމަށް ހެކިވެ ވަޑައިގަންނަވަނީއެވެ.
3- ކީރިތި ރަސޫލާގެ މިދުޢާގައި އިންސާނީ އަޚުވަންތަކަން ސާބިތުކޮށް މިދެއްވަނީ އިސްލާމީ ޢަޤީދާގެ އަސާސީ ދެ އުޞޫލަކާއެކުގައެވެ. މާތް ﷲއަށް އީމާންވުމާއި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވުމާއި ރަސޫލު ﷲގެފާނުގެ ރިސާލަތު ޤަބޫލު ކުރެއްވުމާއެކުގައެވެ.
މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަކީ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުމެވެ. މިއީ އިންސާނުންގެ މެދުގައިވާ އުޚުއްވަތްތެރިކަން ހަރުދަނާކުރުމަށް ބޭނުންވާ އެންމެ ފުރަތަމަ އަސާސެވެ. މުޙައްމަދުގެފާނަކީ ﷲގެ އަޅާކަމާ ރަސޫލާކަން ޤަބޫލުކުރުމުން އެކަލޭގެފާނަކީ އިހާލެއް ނޫންކަމާއި ، އެކަލޭގެފާނަކީ އެ އިލާހުގެ ބައިވެރިއެއް ނޫންކަމާއި ، އެކަލޭގެފާނަކީ އެ އިލާހުގެ ދަރިކަލެއް ނޫންކަން އެނގެއެވެ.
4- މި ޙަދީޘްފުޅުން އެނގޭ އަނެއްކަމަކީ އެކަލޭގެފާނު މި އުޚުއްވަތްތެރިކަން އިޢުލާނު ކުރެއްވީ އަހަރަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު، ނުވަތަ ހަފުތާއަކު އެއްފަހަރަކު ނޫނެވެ. ކޮންމެ ދުވަހަކު ކޮންމެ ފަރްޟު ނަމާދެއްގެ ފަހުގައި މި ދުޢާ ކުރެއްވިއެވެ. އެބަހީ ދުވާލަކު ފަސްފަހަރަކު އެކަލޭގެފާނު މިކަމަށް ހެކިވެ ވަޑައިގެންފައިވެއެވެ.
5- މި އަޞްލު ލައްވާފައި މިވަނީ ޛިކްރުކުރުމާއި ދުޢާކުރުމުގެ ތެރޭގައެވެ. މާތް ﷲގެ ޙަޟްރަތާ ކުއްތަންވުމުގައެވެ. ނަމާދާ ގުޅުއްވައިފައެވެ. ނަމާދަކީ އިސްލާމުކަމުގެ އެންމެ މިހިއްމު އަސާސެވެ.
އިސްލާމީ އަޚުވަންތަކަން
މި އަޚުވަންތަކަމަށް އިމާންކަމާއި ޢަޤީދާގެ އަޚުވަންތަކަން އިތުރު ވެއްޖެނަމަ މި އަޚުވަންތަކަން މާ ހަރުދަނާ ވެގެންދާނެއެވެ. މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބައެއްކަން ކީރިތި ޤުރްއާނުން އެނގެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّمَا الْمُؤْمِنُونَ إِخْوَةٌ [2] - مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ))
މާތް ﷲގެ ބަސްފުޅު ކަށަވަރުކޮށްދެއްވައި ރަސޫލާ r ޙަދީސް ކުރެއްވިއެވެ. (( الْمُسْلِمُ أَخُو الْمُسْلِمِ [3]– ކޮންމެ މުސްލިމަކީ އެހެން މުސްލިމުންގެ އަޚެކެވެ. ))
މި ބަސްފުޅުގައި ރަސޫލާ صلى الله عليه وسلم މި ވަނީ އިންސާނިއްޔަތުކަމުގެ އުޚުއްވަތްތެރިކަމާއި އީމާންކަން ވަރަށް ވަރުގަދަ ހަރުދަނާ ގޮށަކުން ބަންނަވައިފައެވެ. މި ގުޅުން ދެމިއޮންނާނީ މި އީމާންކަމުގެ ސަބަބުންނެވެ. މި ކަން ބަޔާންކުރައްވައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ[4] – އޭނާގެ އަމިއްލަ ނަފްސަށް ލިބުމަށް ލޯބިކުރާ ކޮންމެ ކަމެއް އޭނާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް ފުރިހަމައަށް އީމާންވެގެން ނުވެއެވެ. ))
މި މަތިވެރި އުޚުއްވަތްތެރިކަން އިސްލާމީ މުޖްތަމަޢުން ވަނީ ފެނިފައެވެ.އިސްލާމްދީން ޤާއިމުކުރި އިސްލާމީ މުޖްތަމަޢަކީ އެ މުޖްތަމަޢުން ޖިންސާއި ކުލައާއި ޤަބީލާއާއި ރަށުވަންތަކަމުގެ ތަފާތު ނައްތައިލެވިފައިވާ ރައްބާނީ އިންސާނީ ލާސާނީ ނަމޫނާ މުޖްތަމަޢެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((سَلْمَانُ مِنَّا أَهْلَ الْبَيْتِ [5]– ސަލްމާނުގެފާނަކީ ތިމަންކަލޭގެފާނުގެ މީހެކެވެ. އޭނާއަކީ ތިމަންކަލޭގެފާނުގެ އަހްލުވެރިއެކެވެ.))
( ނުނިމޭ )
[1] - ނިސާ ސޫރަތް : 1
[2] - ޙުޖްރާތު ސޫރަތް : 10
[3] - ރިވާކުރެއްވީ ބުޚާރީއާއި މުސްލިމު
[4] - ރިވާ ކުރެއްވީ ބުޚާރީއާއި މުސްލިމު
[5] - ިވާކުރެއްވީ އަލްޙާކިމާއި އައްޠަބަރާނީ