ނުބައި އެއްވެސް ކަމަކަށް ވާގިވެރިވާން ދިވެހި ރައްޔިތުން ނުތިބޭނެ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ "ޤައުމީ ވިންދު" ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނުބައި ކަންކަމަށް ވާގިވެރިވާ މީހުން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އުޅޭނެ ކަމަށާއި އެއީ ބަލައިގަންނަން ޖެހޭ ޙަޤީގަތެއް ކަމަށް ވިދާޅުވިއެވެ. އެކަމަކު ދިވެހީން ތިބީ އެފަދަ ކަންކަމަށް ވާގިދޭން ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އިސްލާމީ ހިދާޔަތު ރާއްޖެއަށް މާކުރީގައިވަނީ ލިބިފައި ކަމަށްބުނެ އެހެން ދީންތަކާ ދިމާއަށް ރާއްޖެ ގެންދަން މަސައްކަތްކުރިޔަސް އެއްވެސް ދިވެއްސަކު "ގުނބޯ ހެދިގެން" ނޫޅޭ ކަމަށެވެ. އަދި ބަޔަކު ޖަހާހާ ބެރަކަށް ނަށަން ދިވެހީން ތިބީ ތައްޔާރަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޤާސިމް މިހެން ވިދާޅުވީ ދީނީ ޚިޔާލު ތަފާތުވުންތަކާ ބެހޭ ގޮތުން އެކިފަރާތްތަކުން ވާހަކަ ދައްކަމުންދާ ވަގުތެއްގައެވެ.
ބަޔަކު މީހުން ގެންދަނީ އިސްލާމްދީނަށާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކުރަމުން ކަމަށާއި އެހެންނަމަވެސް އެއީ އެއްވެސް ފަރާތަކުބް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި ބައިނަލައަގުވާމީ ފަރާތްތަކުން ވެސް އެކަން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ﷲ ޝަރީކުކުރާ ދަރަޖައަށް ބައެއް ފަރާތްތަކުން ކަންކަން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހިސާބަށް ދިއުމުން ދިވެހީންވެސް ކެތްކުރާނީ ވަކިވަރަކަށް ކަމަށާއި ދެން ކަންތައްވެދާނެގޮތް ވެސް މާޒީން ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "ވަކި ހިސާބަކަށް ދަންދެން ދިވެހިން ކެތްތެރިކަމާއި އެކުގަ ތިބޭނެ. ވަކި ހިސާބަކުން ދެން ކަންތައްތައްވާގޮތްވެސް މާޒީން އެނގިވަޑައިގަންނަވާނެ،" ޤާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް ދީނީ ހަމެހުމާއި ސުލްހަމަސަލަސްކަން ނަގާލަން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެކަމަށެވެ. އަދި ދީނީ މިނިވަންކަމުގެ ނަމުގައި އެހެންދީންތަކަށް ރާއްޖެއިން ފުރުސަތު ދީގެންނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ކުރެވޭނެކަމެއް ނޫންކަން. މިއަދު ދިވެވިރާއްޖޭގަ މިއޮތް އަމާންކަމާ އޮމާންކަމާ އެއްބައިވަންތަކަމާ، މި އެއްޗެހި ގަޑުބަޑު ކޮށްލައި މިތަން ޚަރާބުކުރަން އެއްވެސް މީހަކު ވިސްނައިގެން މަސައްކަތް ކޮށްގެންނުވާނެ،" ޤާސިމް ވިދާޅުވިއެވެ.