ކީރިތި ޤުރްއާނުގެ މަފުހޫމުގައި، ފަދައަކުންކުރެ ފަދައެއްނެތް މީހުންނަކީވެސް ހައްގުތަކެއް ލިބިގެންވާ ބައެކެވެ. އެފަދަ މީސްމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފުދުންތެރި މީހުންގެ މައްޗަށް ލާޒިމު ކަމެކެވެ. އެ އެހީތެރިކަން ފޯރުކޮށް ނުދީފިނަމަ، އޭގެ ބަދަލުގައި ވަރުގަދަ ބަދަލަކާ ކުރިމަތިލާން ޖެހޭނޭ ކަމަށް ވަނީ އަންގަވައިފައެވެ. ނިކަމެތީންނަށް އެހީތެރިވުމަކީ ހަމައެކަނި އިޚްތިޔާރީ ސަދަގާތަކީއެއް ނޫނެވެ. އެއީ، ފުދުންތެރިކަން ލިބިގެންވާ ކޮންމެ މީހަކަށްމެ ލާޒިމު ކަމެކެވެ.
ކީރިތި ޤުރްއާނުގެ އަލްޤަލަމް ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން 33 ވަނަަ އާޔަތުގެ ނިޔަލަށް ބަޔާން ކޮށްދެއްވައިފައިވާ ހާދިސާއިން މިކަން ވަރަށް ސާފުކޮށް އެނގެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحانކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهلވެރިން امتحانކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. އަދި އެއުރެން استثناءއެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّهއޭ ނުބުނެތެވެ.) ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكينއަކު ވަނަދީގެނެއް ނުވާނެތެވެ. އަދި فقيرންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصدގައި ހެނދުނާ އެއުރެން ދިޔައޫއެވެ. ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محرومވެގެންވާ ބަޔަކީމުއެވެ. އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން
(اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهرވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ. އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمةއެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ. عذابހުރީ އެފަދައިންނެވެ. އަދި آخرةގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ."
މީހަކު ދަނޑު ގޮވާން ކޮށްގެން ކުރާ މަސައްކަތުން އެ ދަނޑުގައި ހެދޭ ގޮވާމާއި މޭވާގެ ބާވަތްތައް އެ ހެދެނީއަކީ ހަމައެކަނި އޭނާގެ މަސައްކަތަކުންނެއް ނޫނެވެ. އެ ތަކެތި ހެދެނީ ގުދުރަތީ އެތައް ސަބަބެއް މެދުވެރި ވެގެންނެވެ. އެ ސަބަބުތަކަކީ އިންސާނާގެ އެއްވެސް ބާރެއް ފޯރާ ކަހަލަ ސަބަބުތަކެއް ނޫނެވެ. ވުމާއެކު އެ ތަކެތީގައި ގުދުރަތުގެ ހިއްސާއެއް ވާކަމީ ކަށަވަރު ކަމެކެވެ. އެ ހިއްސާ ފޯރުކޮށްދޭން ޖެހެނީ ފަގީރުންނާއި މިސްކީނުންނަށެވެ. ފަދައަކުންކުރެ ފަދައެއްނެތް މީހުންނަށެވެ.
މި ދެންނެވުނު ގުދުރަތީ ސަބަބުތަކަކީ ކޮބައިތޯއެވެ؟ އެ ސަބަބުތައް ވަރަށް ގިނައެވެ. މިސާލަކަށް، ފަސްގަނޑާއި، ފެނާއި، ބެކްޓީރިއާއާއި، ވަޔާއި، އިރުގެ އައްޔަކީ މީގެ ތެރެއިން ކުޑަ މިންވަރެކެވެ. މިއީ ގޮވާން ހައްދާ މީހާއަކަށް، އޭނާ އަމިއްލައަށް ހޯދައިގަނެވޭނޭ ކަންތައްތަކެއް ނޫނެވެ. މި ކަންކަމާއި ތަކެތި ފޯރުކޮށް ދެނީ ގުދުރަތުންނެވެ. ގޮވާމާއި މޭވާގައި (ނުވަތަ އެހެންވެސް ކޮންމެ މުދަލެއްގައި) ގުދުރަތުގެ ހިއްސާއެއް އޮންނަ ސަބަބަކީ މިއީއެވެ. ގުދުރަތުގެ ހިއްސާ ވާން ޖެހެނީ ފޯރާ މީހުންގެ ކިބައިން، ނުފޯރާ މީހުންނަށް ފޯރުކޮށްދޭ ހިއްސާއަކަށެވެ. ޒިންމާދާރުކަމާއެކު އެ ހިއްސާ ފޯރުކޮށްދޭ މީހާއަށް ﷲ ތަޢާލާގެ ނިޢުމަތް ވަނީ ކަނޑައަޅުއްވައިފައެވެ. އެކަމުން ރެކި ގަންނަ މީހާއަށް ނުވަތަ އެ ޒިންމާ އަދާ ނުކުރާ މީހާއަށް އޮތީ ﷲ ގެ އަޒާބެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)