އެމްޑީޕީގެ ކޮންގްރެސް އަހަރަކު އެއްފަހަރު ބާއްވަން ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމަށް ކުރިމަތި ލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އޭނާގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީއާއި އެޕާޓީގެ މެމްބަރުންނާ ގުޅުން މިހާރު ވަރަށްބޮޑަށް ކުޑަވެފައިވާ ކަމުގެ ޝަކުވާ މެމްބަރުން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެކަންކަމުގެ ޙައްލަކަށްވާނީ ޕާޓީގެ ކޮންގްރެސް އަހަރަކު އެއްފަހަރު ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ނާއިބު ރައީސްކަމަށް ހޮވިވަޑައިގެންފި ކަމަށްވާނަމަ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕާޓީގެ ގޮފިތައް އަލުން އިންތިޒާމްކޮށް ހަމައަކަށް އަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ޕާޓީގެ މެމްބަރުންގެ ޝަކުވާއަށް ނިމުން ގެނެސް މެމްބަރުންނާއި ޕާޓީއާ ގުޅުން ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންގްރެސް އެގޮތަށް ބާއްވައި ޕާޓީގެ ސިޔާސަތު ކަނޑައެޅުމާއި ގަވާއިދަށް ބަދަލު ގެންނަން ވެއްޖެނަމަށް އެކަން ވެސް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީގައި އޮންނަ ފިޔަވަޅު އަޅާކޮމިޓީ މިހާރަށްވުރެވެސް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. "މިދަންނަވަނީ އެ ކޮމިޓީ މިހާރު ވެސް ނުހިނގާ ވާހަކައެއް ނޫން. އެހެންނަމަވެސް މިހާރަށްވުރެވެސް ބޮޑަށް އެކޮމިޓީ ހަރުދަނާކޮށް ވަރުގަދަ ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ. މިހާރު ވެސް އެކޮމިޓީއަށް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އެހެންނަމަވެސް މައްސަލަތަކުގެ އަދަދެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުށަހެޅޭ މައްސަލަތައް ބެލުމުގައި މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަން ކުރުމުން އެއްވެސް ބަޔަކު އިތުރަށް ދައްކާނެ ވާހަކައެއް ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާއަށް ނާއިބު ރައީސްކަން ލިބިވަޑައިގެންފިނަމަ އެމަގަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މިހާރު ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ދުވަސްވީ ޕާޓީކަމަށެވެ. އެހެންމަވެސް ޕާޓީގެ ގޮފިތަކާއި ހަރުގެތައް ފަދަ ތަންތަން މިހާރުވެސް ހިންގަނީ ކޮންމެވެސް މީހެއްގެ ގޭގައި ކަމަށެވެ. އެމީހާ ހިތުން ރުހުމުން އެތަނެއް ދީގެން ކަމަށެވެ. އޭގެ ބަދަލުގައި ޕާޓީއަށް ބިމެއް ހޯދައިގެން އަމިއްލަ އޮފީހެއް މިހާރު ހަދަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވެގެން ދިއުމާއެކު މެމްބަރުން މަގުތަކަށް ނުކުމެ އެތައް މުޒާހަރާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެތައް ގެއްލުމަކާއި އަނިޔާއަކާ އެމީހުން ކުރިމަތި ލާންޖެހުނު ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ މީހުންނަށް ހައްގުވެގެންވާ ބަދަލެއް ދިނުމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީން ހުސްވެފައި ރައީސާއި ނާއިބު ރައީސްގެ މަގާމު ތެރެއިން ރައީސް ކަމަށް ވާދަ ކުރައްވަނީ ރައީސް ނަޝީދެވެ. ނާއިބަކަށް ވާދަ ކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއި އަސްލަމެވެ.