ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހީން ގެނައުމަށް ހުރަސް އަޅަމުންދޭ: އެމްޑީޕީ

ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ ޢައިލާތައް އަނބުރާ ރާއްޖެ ގެނެސް މުޖްތަމަޢުތެރެއަށް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބަޔަކު ހުރަސް އަޅަމުން ގެންދާކަމަށް ސަރުކާރުހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ވިދާޅުވެއްޖެއެވެ.

އެޕާޓީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މަސައްކަތަކީ ސަރުކާރުން ކުރަންޖެހިފައިވާ ވަރަށް މުހިންމު އެހާމެ ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އެމީހުން ގެނެސް ރީހެބިލިޓޭޓް ކުރުމުގެ އެމަސައްކަތަށް ގަސްދުގައި ބަޔަކު ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން އެމަސައްކަތް ކުރިއަށް ގެންދިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި އެއްވެސް ޢަޞްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމަޢު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އެޕާޓީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް އެމްޑީޕީން ހާމައެއް ނުކުރައްވައެވެ.

"މިޕާޓީން ޤަބޫލުކުރާ ގޮތުގައި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށެވެ. ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށެވެ." އެޕާޓީގެ ބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.