
ރާއްޖޭގައި އޮތީ ވިރާސީ ރަސްކަމެއް ނޫންކަމަށާއި، ރާއްޖޭގައި އޮތީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ވީހިނދު ރާއްޖޭގެ ކަންކަން ހަމައަކަށް އެޅޭނެ ކަމަށް ރައީސް ނަޝީދު ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އޭނާ މިރޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން މިދަނީ ރަނގަޅަށް ނޫން ކަމަށާއި އެކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އެއީ ހަމައަކަށް އަޅުވަންޖެހޭ އަދި ހަމައަކަށް އެޅޭނެ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެކަމާ އެންމެބޮޑަށް އުޅޭނީވެސް ރައްޔިތުން ކަމަށެވެ.
"ގައުމު ހަމައަކަށް އެޅުވޭނެ. ހަމައަކަށް އަޅުވަންވެސް ޖެހޭނެ. އެކަމަށް އެންމެ ބޮޑަށް މަސައްކަތްކުރާނީ ރައްޔިތުން. ވިރާސީ ވެރިކަމެއްނޫންމިއީ. އެހެންވީމާ ރައްޔިތުން އިންތިޚާބުކުރާ އަދި ރައްޔިތުންގެ ފަރާތުން އުފެދިގެން އަންނަ ވެރިކަމެއް. އެހެންވީމާ ރައްޔިތުން އެކަމަށް އެންމެ ބޮޑަށް މަސައްކަތްކުރާނީ. ހުންނާނެ ރައްޔިތުންގެ ފަރާތުން ބައެއް ދައުރު އަދާކުރަންޖެހޭ މުއައްސަސާތަވެސް. އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް ގައުމު ހަމަމަގަށް އެޅުވޭނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އޭނާފަދަ ބޭފުޅުންވެސް ތިއްބެވީ ގައުމު ހަމަމަގަށް ރުޖޫއަ ކުރުމަށްޓަކައި ފަހަތަށް ޖެހިފަޑައިގަންނަވާ ގޮތަކަށް ނޫންކަމަށެވެ. "އަޅުގަނޑުމެން ކަހަލަ މީހުން މިތިބީ މިކައުގައި ފަހަތަށް ނުޖެހި ކުރިއަށްދާން. އެޔަގީން ކަމާއެކު އަޅުގަނޑުމެން މިތިބީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިސަރުކާރަށް ކޮންމެވެސް ބައެއްގެ ތާއީދުއޮތަސް ގިނައީ ތާއީދު ނުކުރާ މީހުން ކަމަށެވެ. އެހެންކަމުން ސިޔާސީ ބޭފުޅުން ޖަލަށްލައިގެން ވެރިކަން ކުރައްވަން ފަސޭހަނުވާނެ ކަމަށެވެ.