ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ތިއްބަވައިގެން ގެންދަވަނީ ރައީސް ޢަބްދުﷲ ޔާމީނަށް "ސިޔާސީ އަނިޔާ" ކުރައްވަމުން ކަމަށް ޕީއެންސީގެ ލީޑަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަބްދުއްރަހީމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ދެބޭފުޅުން އިސްވެ ތިއްބަވައިގެން ރައީސް ޔާމީނަށް ސިޔާގޮތުން އަނިޔާ ކުރެއްވުމަކީ ވަރަ ކަންބޮޑުވާކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ގެންދަވަނީ ރައީސް ޔާމީންގެ ޝަރީޢަތަށް ވެސް ނުފޫޒު ފޯރުވަމުން ކަމަށެވެ. އެގޮތުން ޔޫތު މިނިސްޓަރ މަހުލޫފް ގެންދަވަނީ ރައީސް ޔާމީން ޖަލަށްލުމަށް ފެންނަނުފެންނަށް ވޯޓެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ނަންގަވަމުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ރައީސް އިބްރާހީމް މުޙައްމަދު އަންގަވައިގެބް ކުރައްވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. "ރައީސް އަންގަވައިގެން މެނުވީ އެމަނިކުފާނުގެ ވަޒީރަކަށް ކެރިވަޑައި ނުގަންނަވާނެ އެފަދަ ކަމެއްކުރައްވަން،" އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔާމީންގެ މައްސަލައިގެ ޙުކުމް އިއްވަން އެންމެ 5 ގަޑިއިރަށްވެފައިވަނީ އެމައްސަލަ ބައްލަވަމުން ގެންދެވި ކުރިމިނަލް ކޯޓުގެ އިސްގާޒީ ބަންދުކޮށް ސަސްޕެންޑު ކުރެއްވީ ވެސް ސިޔާސީ ނުފޫޒުން ޝަރީޢަތަށް ބާރު ފޯރުވަން ކަމަށް ވެސް އޭނާވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވުމަށް ބެންޗެއް ކަނޑައެޅުމަށް ވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެފަދަ ބެންޗެއް ކަނޑައެޅުމަށް ކުރިންވެސް ވަނީ އެދިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މިހާރު އެންމެ ކަންބޮޑުވަނީ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާއެއްކޮށް އެކަމުގެތެރެއަށް ސަރުކާރުން ނުފޫޒުފޯރުވަމުން ގެންދާތީ ކަމަށެވެ. އެހެންވެ އޭނާ މިސަރުކާރު ސިފަކުރެއްވީ އެންމެ ޚުދުމުޚުތާރު ސަރުކާރުގެ ގޮތުގައެވެ. އެކަންކަން އިސްލާހު ކުރުމަށް ގޮވާލަން މިރޭ މަގުމައްޗަށް ނުކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕީއެންސީއަށާއި ޕީއެމްގެ އިތުރަށް ރައީސް ޔާމީނަށް ތާއިދު ކުރާ މީހުން މިރޭގެ އެއްވުމަށް އައުމަށް އޭނާ ގޮވައިލެއްވިއެވެ.