
ފުވައްމުލަކު ސިޓީގައި ޑައިވިންކުރަން ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ޗައިނާގެ ފަތުރުވެރިއެކެވެ.
އޭނާ މަރުވީ ޑައިވިނަށްގޮސް އުޅެނިކޮށް ހާޓުއެޓޭކެއް ޖެހިގެން ކަމަށް އެ ސިޓީން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާގެ ހަށިގަނޑު މިހާރުވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"މިރަށު ޑައިވިން ސައިޓަކަށް ޑައިވިނަށް ގޮސް އުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވީ. އޭނާ މަރުވީ ހާޓުއެޓޭކެއްޖެހިގެން ކަމަށްވަނީ. ހާޓު އެޓޭކު ޖެހުނީ އޭނާ މައްޗަށް އަރަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވަނީ،" އެމީހާ ބުންޏެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި މަރުވެފައިވަނީ އުމުރުން 25 އަހަރު ޒުވާނެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ ޑައިވިނަށް ފޭބުމަށްފަހު ދޯންޏަށް އެރިފަހުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންވިދާޅުވިއެވެ. މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:04 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.