(8 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތައުބާ ސޫރަތުގެ 40 ވަނަ އާޔަތް ﷲ ބާވައިލެއްވީ ތަބޫކު ހަނގުރާމައިގައެވެ. މިއާޔަތުގައި ﷲ ހަނދާންކޮށްދެއްވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެކެވެ. އޭގެ ނުވަ އަހަރުކުރިން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެކަލޭގެފާނު ފިއްލަވަން އިންނެވިއިރު ދުޝްމަނުންނަށް ފެނިދާނެތީ އަބޫބަކުރުގެފާނު ބިރުފުޅުން އުޅުއްވަންފެށުމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ. ހިތާމަ ނުކުރެއްވުމަށާއި ﷲ ވޮޑިގެންވަނީ އެބޭކަލުންނާއެކުގައިކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވި ވިދާޅުވުމެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެ މީހަކުނެތަސް އެކަލޭގެފާނަށް ﷲ ނަސްރުދެއްވާނެކަން މިއާޔަތުންވެސް އެނގެއެވެ. ލޯތްބާއި ތަޢުރީފުގެ މިއާޔަތުން އެކަލޭގެފާނުގެ ދަރަޖައިގެ މާތްކަން ކަށަވަރުކޮށްދެއެވެ.
ރަސޫލުންނާއި ނަބިއްޔުން ﷲ ވަނީ ފާފައާއި ކުށުން ބަރީއަކުރައްވާފައެވެ. އަދި އެބޭކަލުންނަކީ ﷲ އިޚުތިޔާރުކުރައްވައި މާތްކުރައްވައިފައިވާ އެކަލާނގެ މަންދޫބުންނެވެ. އެހެންކަމުން އެބޭކަލުންގެ ހުރިހާ ކަމެއް ހުންނަންޖެހުނީ ﷲ ރުހިވޮޑިގެންވާގޮތަށެވެ. ﷲ އެބޭކަލުންގެ ދަރަޖަ ކިތަންމެބޮޑަކަށް އުފުއްލެވިޔަސް އެބޭކަލުންނަކީ އިލާހީ ބޭކަލުންނެއްނޫނެވެ. މިކަން ކީރިތި ޤުރުއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. ރަސޫލުންނާއި ނަބިއްޔުންނަށް އިރުޝާދުދެއްވީ ﷲ އެވެ. އެއީ މަލާއިކަތުން މެދުވެރިކުރައްވައެވެ. އެގޮތުން އެބޭކަލުންގެ ނިންމެވުންތަކާއި އަމަލުފުޅުތައް ﷲ ރުހިވޮޑިގަންނަވާގޮތަށް އެކަލާނގެ އިސްލާހުކުރެއްވިއެވެ.
ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރެއްވި އެއްގޮތަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާގޮތަށް ކަންކަންކުރެއްވުމުގެ އިޚުތިޔާރު އެކަލޭގެފާނަށް ދެއްވައިގެންނެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި އެއްވެސް ކަމެއް ﷲ ނުހުއްޓުވައެވެ. މިކަމުން ރަމްޒުކޮށްދެނީ ﷲ ގެ ލޯބި އެކަލޭގެފާނުގެ މައްޗަށްހުރިވަރެވެ. ﷲ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާހުކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެއެވެ. އެކަމަކު ﷲ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާހުކުރެއްވީ އެކަލޭގެފާނު މަތިވެރިކުރައްވައި ދަރަޖައުފުއްލަވައިގެންނެވެ. އެކަލޭގެފާނު ކަމެއް ކުރެއްވުމުން ނުވަތަ ކަމެއް ނުކުރައްވައި ދޫކޮށްލެއްވުމުން ﷲ އެކަމުގައި އިރުޝާދުދެއްވީ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައިގެންނެވެ. މިފަދަ ކިތަންމެ ހާދިސާއެއް ކީރިތި ޤުރްއާނުން ފެންނަންއެބައޮތެވެ.
މައްކާ ފަތަހަކުރެއްވުމާއެކު ރޫމީންގެ ހަމަލާއަކަށް މުސްލިމުން ތައްޔާރުވާންޖެހުނެވެ. އެގޮތުން ގަދަވެސަލާމަތުން ހުރި ކޮންމެ މުސްލިމް ފިރިހެނަކު މުސްލިމް ލަޝްކަރާއި ގުޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. މިކަމާގުޅިގެން ހަނގުރާމަކުރެވެން ނެތް މުސްލިމް ފިރިހެނުން ސަބަބު ބަޔާންކޮށްދޭންޖެހުނެވެ. ދެން މުސްލިމުންނަށްވެގެންތިބި މުނާފިޤުން އެކަލޭގެފާނުގެ އަރިހުގައި އުޒުރުގެގޮތުގައި ފާޑުފާޑުގެ ބަހަނާތައް ދެއްކިއެވެ. ޖަވާބުގައި އެމީހުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވީ ގޭގައިތިބުމަށެވެ. ﷲ މިކަމާރުހިވޮޑިނުގެން ތައުބާ ސޫރަތުގެ 43 ވަނަ އާޔަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ސުވާލުކުރެއްވިއެވެ. މިއާޔަތުގައި ﷲ ސުވާލުކުރެއްވީ އެކަލޭގެފާނަށް ޢަފޫކުރެއްވުމަށްފަހުއެވެ. މިކަމުން އެނގިކަށަވަރުވަނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމެވެ.
މީހަކަށް ކަމެއް ގޯސްކޮށް ކުރެވުނީމަ އެކަމުގައި ވާހަކަދައްކާއިރު މުޚާޠަބުކުރާނީ އެމީހާއަށެވެ. އެގޮތުން އެމީހާއަށް މުޚާޠަބުކުރާނީ ތިބާ މިމޭރުމުންނެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޣައިރު މުސްލިމުންގެ މުހިންމު ޝަޚުސިއްޔަތަކަށް އިސްލާމް ދީން ބަޔާންކޮށްދެއްވަނިކޮށް ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް އައެވެ. އެވަގުތު އެކަލޭގެފާނަށް އެމީހާއަށް ސަމާލުކަން ނުދެއްވުނެވެ. މިކަމާ ﷲ ރުހިވޮޑިނުގަތްކަން ވަގުތުން އެންގެވިއެވެ. އެކަމަކު ﷲ ގެ ވަހީގެ ބަސްފުޅުގައި އޮތީ އޭނާ މޫނު ހެއްދެވި ވާހަކައެވެ. ކަލޭގެފާނު މޫނުހެއްދެވިކަމަކަށްނޫނެވެ. މިއީ އިސްލާހުކުރެއްވުމުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަ ﷲ އުފުއްލެވިގޮތެވެ. މިކަމުން އެނގެނީ އެކަލޭގެފާނަށް އަޅުގަނޑުމެން މާތްކޮށްހިތަންޖެހޭވަރުގެ ބޮޑުކަމެވެ.
ތަހުރީމް ސޫރަތުން އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ލޮބުވެތި އަނބިކަނބަލަކަށްވެސް އެކަލެގޭފާނަށް ކިތަންމެ ކުޑަކޮށް ނަމަވެސް ކުޑައިމީސްކޮށް ހިތުމަށް ޖާގަނެތްކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދެއަނބިކަނބަލުންނަށް އަމާޒުކޮށް ﷲ އެންގެވީ އެކަނބަލުންނަށް ތައުބާގެ ދޮރު އޮތްކަމަށެވެ. އެހެންނޫންނަމަ ﷲ އާއި ޖިބުރީލުގެފާނާއި މަލާއިކަތުންނާއި މޫމިނުން އެކަލޭގެފާނުގެ ހިމާޔަތުގައި ތިއްބެވިކަމަށެވެ. މިކަމުން އެނގިކަށަވަރުވާކަމަކީ ﷲ އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަމަތިވެރިކުރެއްވި މިންވަރެވެ.
ޙުޖުރާތު ސޫރަތް ފައްޓަވަމުން އީމާންވި މީހުންނަށް ﷲ އަންގަވަނީ އެއިލާހާއި ރަސޫލުﷲ ގެ ކުރިއަށް އެއްވެސްކަމެއް އިސްނުކުރުމަށެވެ. ޔަޢުނީ އެއްވެސް މީހެއް ނުވަތަ އެއްވެސް ތަނެއް ނުވަތަ އެއްވެސް އެއްޗެއް ނުވިތާކަށް އެއްވެސް ފަލްސަފާއެއް ﷲ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވުރެބޮޑަށް އިސްނުކުރެވޭނެކަމެވެ. މިއާޔަތުންވެސް ހާމަވެ ކަށަވަރުވަނީ ﷲ އެކަލާނގެ ނަބިއްޔާ މާތްކުރެއްވިވަރެވެ. ހުޖުރާތު ސޫރަތުގެ ދެވަނަ އާޔަތަށް ފިކުރު ހިންގާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޑުފުޅަށްވުރެ ގަދައަށް އަޑުއުފުލުން މުސްލިމުންނަށް މަނަލެވެ. މިއަދު އަޅުގަނޑުމެންނާއެކު އެކަލޭގެފާނުގެ އަޑުފުޅެއްނުވެއެވެ. މިއަދު އަޅުގަނޑުމެންނާއެކުގައިވަނީ އެކަލޭގެފާނުގެ ސުއްނަތެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުއްނަތުގެ މައްޗަށް އެހެން އެއްވެސް ނެރެޓިވްއެއްގެނައުން އަޅުގަނޑުމެންނަކަށް ހުއްދައެއްނޫނެވެ. މިކަމުންވެސް ފާޅުކޮށްދޭ ކަމަކީ އެކަލޭގެފާނުގެ މަތިވެރިކަމެވެ.
ﷲ އެކަލާނގެ ރަސޫލާ ނޫރެއްފަދައިން ސިފަކުރައްވާފައިވެއެވެ. އެނގިވަޑައިގަންނަވާނޭފަދައިން އިންސާނާއަށް އޭނާގެ ވަށައިގެންވާ ދުނިޔެ ފެންނަނީ އަލިކަމުގެ ސަބަބުންނެވެ. ލޮލުގެ ނޫރު ހުރިކަމުގައިވިޔަސް ދުނިޔޭގައި އަލިކަމެއްނުވާނަމަ އެމީހަކަށް ނުފެންނާނެއެވެ. ހަމައެގޮތަށް ލޮލުގެ ނޫރު ނުވާ މީހާއަށް ދުނިޔޭގައި ކިތަންމެބޮޑު އަލިކަމެއް ހުއްޓަސް އެއްވެސް އެއްޗެއްނުފެންނާނެއެވެ. ފެނުމަށްޓަކައި ލޮލުގެ ނޫރެކޭ އެއްފަދައިން ދުނިޔޭގައިވެސް އަލިކަން ހުންނަންޖެހެއެވެ. އަޙުޒާބު ސޫރަތުގެ 46 ވަނަ އާޔަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަ އުފުއްލެވުމުގެގޮތުން ﷲ އެކަލޭގެފާނު ސިފަކޮށްދެއްވީ އަލިކުރާ ބައްތިއެއްފަދައިންނެވެ. އަދި އެކަލާގެފާނު ގޮވައިލައްވަނީ ﷲ ގެ އިޒުނާފުޅާއެކު އެކަލާނގެ ދީނަށް ކަމުގައި ވަޙީކުރެއްވިއެވެ. މިކަމުންވެސް ދަލީލުކޮށްދެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަމާއި މަތިވެރިކަމެވެ.
އަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި ﷲ އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައެވެ. މިއާޔަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ދަރަޖައިގެ މަތިކަން ކަށަވަރުވެއެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށްޓަކައި ވެވަޑައިގަންނަވާ ޤުރްބާނީވެސް މިއާޔަތުން އެނގެއެވެ. އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ޢިއްޒަތްދީ، އެކަލޭގެފާނަށް ނަސްރުދީ، އެކަލޭގެފާނަށް ބާވައިލެއްވި ފޮތުގައި ހިފާ މީހުންނަކީ ދިންނަވާނޭ މީހުންކަމުގައި ﷲ އަންގަވައެވެ. މިއިން އެނގިކަށަވަރުވަނީ ﷲ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވާފައިވާވަރެވެ. އަދި އެކަލޭގެފާނަށް ކަމޭނުހިތައި އެކަލޭގެފާނަށް ޢިއްޒަތްނުދިން ބަޔަކު ގެއްލިހަލާކުވާނޭކަންވެސް މިއާޔަތުން ކަށަވަރުވެއެވެ.
ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސަފުޅުކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެކަލާނގެ ރަސޫލާކަން އަންގައިދޭ ހެއްކަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަން އަންގައިދޭ އެންމެބޮޑު ހެއްކަކީ ޚުދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. ޤަލަމް ސޫރަތުގެ ހަތަރުވަނަ އާޔަތުން މިކަން އެނގެއެވެ. މިއާޔަތުގައި ﷲ ބަޔާންކުރައްވަނީ އެކަލޭގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމެވެ. ޔަޢުނީ އެކަލޭގެފާނަކީ ދޮގު ވާހަކަ ނުދައްކަވާނެ ބޭކަލެއްކަމެވެ. އެކަލޭގެފާނުގެ ޒާތީ ހަޔާތްޕުޅާއި އާންމު ހަޔާތްޕުޅުން ކަށަވަރުވި އެންމެބޮޑު ކަމަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ސާޅީސް އަހަރު ވަންދެން ދޮގެއް މަކަރެއް ހީލަތެއް ޚިޔާނާތެއް ނުވެއެވެ. މީހަކަށް މަލާމާތެއް ފުރައްސާރައެއްނުކުރައްވައެވެ. މީހެއްގެ ޙައްޤަކަށް ކުޑަމިންވަރަކަށްވެސް އަރުއްވައިނުގަނެއެވެ. މުޅި މުޖުތަމަޢުގެ ލޯތްބާއި އިޙުތިރާމް އެކަލޭގެފާނަށް އޮތެވެ. ނަތީޖާއަކީ އެކަލޭގެފާނު އިތުރުފުޅުނުހައްދަވާނެކަމުގެ ޔަގީންކަން މައްކާގެ މީސްތަކުންނަށްވެސް އޮތުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް ބާރު އަޅުއްވައި މުޝްރިކުންނަށް ﷲ ގޮންޖެއްސެވިއެވެ. އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެކަމަށް އިޝާރަތްކުރައްވައި މުޝްރިކުންނަށް ﷲ ގޮންޖައްސަވަނީ ޙާއްޤާ ސޫރަތުގައެވެ. ޤުރްއާނަކީ ﷲ ބާވައިލެއްވި ޙައްޤު ފޮތްކަމުގައި އެންގެވިއެވެ. ﷲ އަށް ނިސްބަތްކޮށް އެކަލޭގެފާނު ވާހަކަފުޅެއް ދެއްކެވިނަމަ އެކަމުގެ ޖަޒާ އެކަލޭގެފާނަށް ލިބިވަޑައިގަތީސްކަމަށް ﷲ އެންގެވިއެވެ. މިކަމުން އެނގިކަށަވަރުވަނީ އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަމާއި ޤުރްއާނަކީ އެކަލާނގެ ކަލާމްފުޅުކަމެވެ.
ކީރިތި ޤުރްއާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އުފެއްދެވުމެއްނޫންކަމަށް އެޤުރްއާން ހެކިވެއެވެ. ނަޖުމް ސޫރަތުގެ 3 ވަނަ އާޔަތުން 5 ވަނަ އާޔަތަށް މިކަން ކަށަވަރުވެއެވެ. ﷲ މިއަންގަވަނީ ޤުރްއާންކަމަށް ވިދާޅުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިއްވާ ބަސްފުޅަކީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެއްނޫންކަމަށެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވާފަދައިން އެއީ ﷲ ގެ ޙަޟުރަތުން ވަހީގެ މަލާއިކަތާ ޖިބުރީލް އެކަލޭގެފާނަށް ގެނެސްދެއްވާ ވަޙީއެވެ. އެހެންކަމުން އަމީނާއި ޞިއްދީޤުގެ ނަމުން މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ނަބިއްޔާ އުނގަންނައިދެއްވާ ޤުރްއާން ބަލައިގަންނަންޖެހޭކަން މިއާޔަތްތަކުން ކަށަވަރުވެއެވެ.
ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅުކަން އަންގައިދޭ އެންމެބޮޑު ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. ހަމައެގޮތަށް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އަންގައިދެނީ ކީރިތި ޤުރްއާންއެވެ. ޔާސީން ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތަކީވެސް މިދެންނެވިފަދަ މިސާލެކެވެ. ކީރިތި ޤުރްއާން ގަންދެއްވާފައި ﷲ އަންގަވަނީ އެކަލޭގެފާނަކީ ރަސޫލު ބޭކަލެއްކަމުގައެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލާކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރްއާންއެވެ. މިއިން އަޅުގަނޑުމެން ލިބިގަންނަންޖެހޭ މެސެޖަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަމާއި މަތިވެރިކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ކީރިތި ޤުރްއާންވަނީ ގުޅިލާމެހިފައިވަނީ ވަކިނުކުރެވޭވަރަށެވެ. އެހެންވެ ކީރިތި ޤުރްއާނުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަތްކެއްނުކުރެވޭނެއެވެ. ހަމައެގޮތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެކިބައިން ކީރިތި ޤުރްއާން ވަތްކެއްނުކުރެވޭނެއެވެ. މިކަމުގެ އެއް ހެއްކަކީ ބައްޔިނާ ސޫރަތެވެ. ފާޅުވެގެންވާ ދަލީލު ނުވަތަ ބައްޔިނާ މީސްތަކުންނަށް ﷲ ފޮނުއްވިއެވެ. އެއީ އެދަލީލަކީ ނުވަތަ ބައްޔިނާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ކީރިތި ޤުރްއާންއެވެ. މިކަން ބައްޔިނާ ސޫރަތުގެ ފުރަތަމަ ދެއާޔަތުން އެނގެއެވެ. މިއިން އަނެއްކާވެސް އެނގިކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރައްވާފައިވާވަރެވެ.
ރޯފިލާފައިތިބި ނުވަތަ ތަންދޮރު ދަންނަ ބައެއް މުސްލިމުން ދައްކާ ވާހަކައެއް އޮވެއެވެ. އެމީހުން ބުނާގޮތުގައި ﷲ ވަނީ ކީރިތި ޤުރްއާން ރައްކާތެރިކުރައްވާފައެވެ. އެހެންވެ އެމީހުން ކީރިތި ޤުރްއާނަށް ތަބާވަނީ އެޤުރްއާނާމެދު އެއްވެސް ޝައްކުކަމެއްނެތިއެވެ. އެކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތަކުގެ ޞައްޙަކަމާމެދު އެފަދަމީހުންނަށް ޔަގީންކަންމެއްނުވެއެވެ. އެހެންވެ ޙަދީޘް ގަބޫލުކުރަން ދަތިކަމަށް އެފަދަ މީހުން ބުނެއެވެ. ހައިރާންވެ އަންތަރީސްވާންޖެހެނީ ﷲ ޤުރްއާން ރައްކާތެރިކުރެއްވިގޮތް އަޅުގަނޑުމެންނަށް ނޭގޭތީއެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނާއި ހަމައަށް ވާސިލުކޮށްދެއްވީ މަލާއިކަތުންނެއްނޫނެވެ. އެކަމަކު އެކަންކުރެއްވީ މުސްލިމުންނެވެ. ﷲ ކީރިތި ޤުރްއާނުގައި އެޤުރްއާން ރައްކާތެރިކުރެއްވިގޮތް ބަޔާންކުރައްވާފައިވެއެވެ.
ޙިޖުރު ސޫރަތުގެ 49 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ޢިލްމުވެރިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ހުރި ވާހަކައެވެ. ޝައްކެއްނެތްގޮތުގައި އެބޭކަލުންނަކީ ޤުރްއާން ހިތުދަސްކުރެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞަޙާބީންނެވެ. އެއަށްފަހު އެބެއިކަލުންނަށް ތަބާވި މުސްލިމް އަޙުންނާއި އުޚުތުންނެވެ. ކީރިތި ޤުރްއާނެކޭ އެއްގޮތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތައް އަޅުގަނޑުމެންނާހަމައަށް ގެނެސްދެއްވީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރެއްވި ހިތްތަކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތައް ބިންވަޅުނެގުނެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަދީޘްފުޅުތަކާމެދު ސުވާލު އުފައްދާ މީހާއަށް ހަގީގަތުގައި އެޝައްކުއުފެއްދެނީ ޤުރްއާނާމެދުގައެވެ. އެކަލޭގެފާނުގެ ޞަޙާބީންނާމެދު ﷲ ތަކުރާރުކޮށް އަންގަވަނީ އެބޭކަލުންނާމެދު އެކަލާނގެ ރުހިވޮޑަތްކަމަށާއި އެބޭކަލުން ﷲ އާމެދު ރުހުނުކަމަށެވެ. އެހެންވެ އެބޭކަލުންގެ ނަޒާހަތްތެރިކަމުގައި އެއޮތީ ފުރިހަމައަށް ސިއްކަޖެހިފައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތަކަށް ނުވަތަ އެކަލޭގެފާނުގެ ސުއްނަތުގައި ފިސާރި ވަރުގަދައަށް ހިފަންޖެހޭކަމަށް ހެކިވަނީ ކީރިތި ޤުރްއާންއެވެ. ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި ﷲ އެއިލާހަށް ގަންދެއްވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެންގެވީ ކީކޭތޯއެވެ؟ މީހަކު އީމާންވިކަމަށްވާނީ ހަމަކޮންމެ ކަމެއްގައިމެ އެމީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނިންމެވުން ގަބޫލުކުރުމުން ކަމުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުއްނަތް ކުޑަގޮތަކަށް ނަގަންޖެހުނުނަމަ މިއާޔަތުގައި ﷲ އެންގެވީހީ ކޮންމެކަމެއްގައިމެ ކީރިތި ޤުރްއާނަށް ބެލުމަށެވެ. މިކަމުން އެނގި ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރައްވައި މަތިވެރިކުރައްވާފައިވާވަރެވެ. އަދި އަޅުގަނޑުމެން މުސްލިމުން އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހޭވަރުގެ ބޮޑުކަމެވެ. މިއީ މިއަދު މުޅި މުސްލިމް އުއްމަތްކުރަންޖެހިފައިވާ ބޮޑުމަސައްކަތެކެވެ.
(ނުނިމޭ)