ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށްހިތުން - 6

(15 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ އެއްކަމަކީ އެކަލޭގެފާނުގެ ސީރާ އަޅުގަނޑުމެންގެ ދަރިންނަށް މިހާރަށްވުރެބޮޑަށް ކިޔަވައިދިނުމެވެ. އެކަލޭގެފާނުގެ ޖީލުގެ މީހުން އެންމެބޮޑު ސަމާލުކަމެއްދިނީ އެކަލޭގެފާނުގެ ސީރާއަށެވެ. އެކަލޭގެފާނު އުޅުއްވިގޮތް އެޖީލުގެ ދަރިންނަށް އުނގަންނައިދިނުމަކީ އޭރުގެ މަންހަޖުގައި އެންމެ އިސް މާއްދާއެވެ. ނަތީޖާއަކަށްވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞަޙާބީންގެ ޖީލު އެކަލޭގެފާނުގެ ސުއްނަތާއިއެއްގޮތަށް ދިރިއުޅުން ބިނާކުރުމެވެ. އަޅުގަނޑުމެން މިއަދުކުރަންޖެހޭ ކަމަކީ ސްކޫލްތަކުގެ ގްރޭޑް އެކަކުން ބާރައަށް އެކަލޭގޭފާނުގެ ސީރާ ކިޔަވައިދނިމުވެ. ކޮންމެ ގުރޭޑެއްގައި ބާރަ އަހަރުވަންދެން މިކަންކުރެވިއްޖެނަމަ އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާއި މާތްނަމޫނާއާއި އެއްގޮތަށް އަޅުގަނޑުމެންނަށް ދިރިއުޅުން ބައްޓަންކުރަން ފަސޭހަވާނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ ކަންކަމުގެތެރޭގައި އެކަލޭގެފާނުކުރެއްވި ދުޢާތައް ދަސްކޮށް އެދުޢާތައްކުރުން ހިމެނެއެވެ. ހެނދުނާއި ހަވީރުގެ ދުޢާތައް ނުވަތަ މުސްލިމުންގެ ދުޢާގައި ހިމެނޭ އެންމެހައި ދުޢާތައް އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ. އަދި މިދެންނެވި ދުޢާތައް ޤަވާޢިދުންކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ދުޢާކުރަންޖެހެއެވެ. އެފަދަ ކޮންމެ ދުޢާއަކީ އެކަލޭގެފާނުގެ ސުއްނަތުން އައިސްފައިވާ ދުޢާއެކެވެ. އެހެންކަމުން މިދުޢާތައް ދަސްކޮށް ދުޢާކުރުން އާދައަކަށް ހެދުމަކީ އެކަލޭގެފާނަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ މުހިންމުކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށް ހިތުމުގެ ގޮތުން ކުރަންޖެހޭ މުހިންމު އެއްކަމަކީ އެކަލެގޭފާނުގެ ސުއްނަތް ދިރުވައިއާލާކުރުމެވެ. އެގޮތުން އެކަލޭގެފާނު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވިގޮތް މީހުންނަށް އަންގައިދޭންޖެހެއެވެ. އެކަލޭގެފާނު މީހުންނަށް އިހުތިރާމްކުރައްވައި ކަމޭހިތްތެވިގޮތް އާންމުކޮށް މީހުންނަށް އަންގަންޖެހެއެވެ. އެކަލޭގެފާނު މީހުންނާއި ގުޅުންތައް ބެހެއްޓެވިގޮތާއި މީހުންނާއި މުއާމަލާތު ހިންގެވިގޮތް މިހާރުގެ ޖީލުތަކަށް ކޮންމެ ދުވަހަކު ހަނދާންކޮށްދޭންޖެހެއެވެ. އެކަލޭގެފާނު މަސްއޫލިއްޔަތު އުފުއްލެވިގޮތާއި ހިތްވަރާއެކު މަސައްކަތްކުރެއްވިގޮތް މީހުންނަށް ކިޔައިދޭންޖެހެއެވެ. ޣައިރު މުސްލިމުންނާމެދު އެކަލޭގެފާނު ބެހެއްޓެވި އިހުސާންތެރިކަން މީހުންނަށް އޮޅުންފިލުވައިދޭންޖެހެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މިންވަރާއި ފެންވަރުން އެކަލޭގެފާނުގެ ސުއްނަތް ދިރުވުމަކީ އެކަލޭގެފާނަށް ކަމޭހިތައި އެކަލޭގެފާނުދެކެ ލޯބިވުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަލޭގެފާނު އެންގެވިގޮތަށް އުޅުމެވެ. ނުވަތަ އެކަލޭގެފާނުގެ ސުއްނަތާއި އެއްގޮތަށް ދިރިއުޅުމެވެ. އެގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ގެ ޙައްޤުތަކާއި އެކަލޭގެފާނުގެ ޙައްޤުތައް އަދާކުރުމެވެ. އެއަށްފަހު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ އެޙައްޤުތައް އަދާކުރުމެވެ. މީހުންނަށް ހިތްހެޔޮވުމާއި މީހުންނަށް ހެޔޮކޮށް ހިތުމާއި ޢަދުލުއިންސާފުން ހުރިހާ ކަމެއްކުރުމެވެ. އެއްވެސް ގޮތަކަށް މީހުންނަށް އަނިޔާވެރިނުވުމާއި މީހުންނަށް މަޢާފްކޮށް ޢަފޫކުރުމެވެ. މީހުންނަށް ދީލަތިވުމާއި އެހީތެރިވުމާއި އިޙުތިރާމްކުރުމާއި އެމީހުންނަށް އަޅާލުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މެދުމިން އިޚުތިޔާރުކޮށް ހިތްތިރިކޮށް ސާދާކޮށް އުޅުމެވެ. އަދި ޙައްޤާއި ކެތްތެރިކަމަށް ވާގިވެރިވެ އެކަމަށް ބާރުއަޅައި އެގޮތުގައި ތިމާ ދެމިހުރުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށް ހިތުމުގެ ގޮތުން އެކަލޭގެފާނާމެދު މީހުންނަށް ކުރެވިފައިހުންނަ ނުރަނގަޅު ތަސައްވުރު ރަނގަޅުކޮށްދޭންޖެހެއެވެ. އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާ ފުށުއަރާ ހުރިހާ ވާހަކައަކަށް ނޫނެކޭ ބުނަންޖެހެއެވެ. އެގޮތުން މީހުންނަށް ރަނގަޅުގޮތް ބުނެދީ ކިޔައިދޭންޖެހެއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅާގުޅޭ ކޮންމެ ކަމެއްގެވެސް ޙައްޤު އަދި ރަނގަޅުގޮތް މީހުންނަށް ފިލުވައިދޭންޖެހެއެވެ. އެކަންކުރަންޖެހެނީ ޒަމާނުގެގޮތަށެވެ. އެގޮތުން ސޯޝަލް މީޑިއާ ބޭނުންކުރަންޖެހެއެވެ. ކުދިކުދި ވީޑިއޯތައް އުފައްދައި އެތަކެތި އިންޓަނެޓްމެދުވެރިކޮށް މީހުންނަށް ދައްކަންޖެހެއެވެ. މިމަސައްކަތްކުރުމުގައި ޣައިރު މުސްލިމުން މުހިންމު އަމާޒަކަށް ހަދަންޖެހެއެވެ.

ރަސޫލުﷲ އަށް މާތްކޮށް ހިތުމުގެގޮތުން އުފާވެރިކަމުގެ ޚަބަރުފަތުރައި އުއްމީދު އުފައްދަންޖެހެއެވެ. އަމާންކަމާއި ސުލްހައަށް ގޮވާލައި އެގޮތުގައި ތިމާ އުޅެންޖެހެއެވެ. ދެކޮޅުވެރިކަމާއި ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ދުރުގައިވާބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ޖާގަދިނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް މާތްކޮށް ހިތައި އެކަލޭގެފާނުދެކެ ލޯބިވާންޖެހެނީ ބަހާއި އަމަލުންނެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ދިރިއުޅުން ވާންޖެހެނީ އެކަލޭގެފާނުގެ ސުއްނަތް ރަމްޒުކޮށްދޭ ދިރިއުޅުމަކަށެވެ.

(ނިމުނީ)

ޢަޙްމަދު ފަޔާޟު ޙަސަން
ޢަޙްމަދު ފަޔާޒް ޙަސަނަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. ދުވަހު ނޫސްތަކުގައި ލިޔުއްވުމުގެ އިތުރަށް މަޝްހޫރު "ހުކުރު' މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުކަން ކުރައްވައި އެ މަޖައްލާއަށް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ހިންގުމާއި ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ބޮޑެތި މީހުންނަށް ކިޔަވާދޭ އެދުރެކެވެ. އޭނާއަކީ ތަފާތު މައުޟޫއުތަކަށް ކޮލަމް ލިޔާ ލިޔުންތެރިއެއްވެސްމެއެވެ. މިހާރު ފަޔާޒަކީ އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.