(4 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ﷲ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރައްވައި މަތިވެރިކުރެއްވުން
މާތް ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސިފަކޮށްދެއްވާފައިވާ ގޮތާއި އެކަލޭގެފާނަށް ދެއްވާފައިވާ ޢިއްޒަތާއި މަތިވެރިކަން އިންސާނަކަށް ބަޔާންކޮށްދެވޭވަރަށްވުރެބޮޑެވެ. ކީރިތި ޤުރްއާނުގެ 400 އަށްވުރެ ގިނަ އާޔަތުގައި ﷲ، އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަތިވެރިކުރައްވާ މާތްކުރައްވާފައިވެއެވެ. އެކަލޭގެފާނަށް ތަބާވުމަށާއި ކިޔަމަންވުމަށް އަންގަވާފައިވާ އާޔަތްތައްވެސް އެހާގިނއެވެ. އަދި އިތުރަށް ކީރިތި ޤުރްއާނުގެ އެތައް ސަތޭކަ އާޔަތުގައި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.
ކީރިތި ޤުރްއާނުން ތިން ސޫރަތް ޚާއްޞަވެފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަމަށެވެ. އެއީ މުޙައްމަދު ސޫރަތާއި ފަތުޙު ސޫރަތާއި ޙުޖުރާތު ސޫރަތެވެ. މިސޫރަތްތަކުގެ އިތުރަށް ޟުޙާ ސޫރަތާއި އިންޝިރާޙު ސޫރަތާއި ކައުޘަރު ސޫރަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަންހުރިވަރު ބަޔާންކޮށްދެއެވެ. ﷲ، އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަތިވެރިކުރައްވައި ޢިއްޒަތްތެރިކުރައްވާފައިވާވަރާ ކައިރިއަށްވެސް އިންސާނަކަށް އެކަން ނުކުރެވޭނެއެވެ. އެކަމަކު މުސްލިމުންނަށް އޮތީ އެމަސައްކަތުގައި ފޫހިކަމެއްނެތި ދެމިތިބުމެވެ.
އިންސާނުންގެ ކުރިމަތީގައި އެމީހުންނަށް އެންމެ ހިތްގައިމު އަދި އެންމެ މުހިންމު އެއް އަޑަކީ އޭނާގެ ނަމެވެ. އެހެންވެ ނަމުން މުޚާޠަބުކުރުމަކީ އާންމުކޮށް އެންމެންވެސް ކަންކުރާގޮތެވެ. އެކަމަކު ތިމާޔާ އެންމެ ގާތް އަދި ތިމާދެކެ އެންމެލޯބިވާ މީހުން ތިމާއާއި ވާހަކަދައްކާއިރު ތިމާގެ ނަން ބޭނުމެއްނުކުރެއެވެ. ނަމުގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ ކޮންމެވެސް ލަގަބެކެވެ. މިސާލަކަށް މަންމަ ތިމާއަށް މުޚާޠަބުކުރާނީ ދަރިފުޅާ ނުވަތަ ދޫނި މިފަދަ ނަމަކުންނެވެ. ހަމައެގޮތަށް މަގާމުގައި ތިބޭ މީހުންނާއި ވާހަކަދައްކާއިރު އެމަގާމު އިސްކުރެވެއެވެ. އެއީ އިހުތިރާމްކޮށް ކަމޭހިތުމުގެގޮތުންނެވެ. ﷲ، އެއިލާހުގެ ނަބިއްޔުންނާއި މުޚާޠަބުކުރެއްވީ މުޅިންވެސް އެބޭކަލުންގެ ނަންފުޅުންނެވެ. އިބުރާހީމްގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. ޢީސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. މޫސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ.
އެކަމަކު އެންމެފަހަރަކުވެސް ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެކަލޭގެފާނުގެ ނަންފުޅުން މުޚާޠަބުނުކުރައްވައެވެ. ކޮންމެފަހަރަކުވެސް ﷲ އެކަލޭގެފާނަށް މުޚާޠަބުކުރައްވާފައިވަނީ ޚާއްޞަ ލަގަބަކުންނެވެ. މިސާލަކަށް އޭ ރަސޫލާއެވެ. އޭ ނަބިއްޔާއެވެ. މިކަމުން ދޭހަވަނީ ﷲ ގެޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމެވެ. ﷲ އަކީ އަޅުގަނޑުމެންގެ ރައްބުއެވެ. އެހެންކަމުން އަޅުގަނޑުމެންނީ އެއިލާހުގެ އަޅުންނެވެ. ﷲ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެއްވި އެއް ދަރަޖައަކީ އިސްރާއާއި މިޢުރާޖު ދަތުރުފުޅެވެ. އިސްރާ ސޫރަތުގައި މިދަތުރުފުޅުގެ ވާހަކަ ބަޔާންކުރައްވަމުން ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކުރެއްވީ އެކަލާނގެ އަޅާގެގޮތުގައެވެ. އެއީ އެކަލާނގެ ޙަޟުރަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެމަތީ ދަރަޖައާއި ލަގަބެވެ. އެހެނީ ﷲ އަށް އަޅުވެތިވެ އަޅުކަންކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާއަކީ އެކަލޭގެފާނުއެވެ.
މިޢުރާޖު ދަތުރުފުޅުގައި ޖިބުރީލްގެފާނު އަރިހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަތްވަނަ އުޑަށް ވަޑައިގަތެވެ. ހަތްވަނަ އުޑުން ސިދުރަތުލްމުންތަހާއާއި ހަމައިން ޖިބުރީލުގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެންގެވީ އެހިސާބުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގިނިކަންޏާ ވަޑައިގަތުމަށެވެ. ޖިބުރީލުގެފާނަށް ހުއްދަ އޮތް މިންވަރު އެހިސާބުން ނިމުނީއެވެ. ޔަޢުނީ މަލާއިކަތުންގެ ސާހިބާ ޖިބުރީލުގެފާނަށް ވަޑައިނުގެންނެވޭ ހިސާބަށް އަޅުގަނޑުމެންގެ މާތް ސާހިބާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަޑައިގެންނެވުމެވެ. އެއަށްފަހު ﷲ އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ބަސްފުޅު ވަހީކުރެއްވިއެވެ. މިކަމުން އެނގެނީ އެކަލޭގެފާނަށް ﷲ ދެއްވި ދަރަޖައާއި މަގާމުގެ މަތިވެރިކަމެވެ.
ކީރިތި ޤުރްއާނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅު ފަސް ފަހަރު އައިސްފައިވެއެވެ. އެއީ މުޙައްމަދުގެ ނަންފުޅުން ހަތަރު ފަހަރާއި އަޙުމަދުގެ ނަންފުޅުން އެއްފަހަރުއެވެ. މުޙައްމަދު މިނަންފުޅު ބަޔާންކުރެއްވުމުގައި އެއްފަހަރު ފިޔަވައި ކޮންމެ ފަހަރަކުވެސް އެކަލޭގެފާނުގެ ނަންފުޅާއެކު އެކަލޭގެފާނުގެ ލަގަބު ނުވަތަ ދަރަޖަ ބަޔާންކުރައްވާފައިވެއެވެ. މިނޫންގޮތަކަށް އެކަލޭގެފާނުގެ ނަންފުޅު އައިސްފައިވަނީ މުޙައްމަދު ސޫރަތުގައެވެ. އެއީ އެކަލޭގެފާނު ދައްކަވާ ކޮންމެ ވާހަކައެއް އަޑުއަހަން ނުޖެހޭނެކަމަށް ބުނެ މުނާފިގުން ވާހަކަދައްކަންފެށުމުން ބާވައިލެއްވި ސޫރަތެކެވެ. އެމީހުން ބުނަމުން ދިޔަގޮތުގައި އެމީހުން އަޑުއަހަންޖެހޭނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހައިސިއްޔަތުން އެކަލޭގެފާނު ދައްކަވާ ވާހަކައެވެ. އެކަމަކު މިސޫރަތުގައި ﷲ އަންގަވަނީ އެކަލޭގެފާނު މުޙައްމަދުގެގޮތުގައި ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކޮންމެ އެއްޗެއް ވިދާޅުވިޔަސް އޭގައި މުސްލިމުން ފުރިހަމައަށް ހިފަންޖެހޭނެކަމަށެވެ. މިހާލަތު ބަޔާންކޮށްދެއްވަން ﷲ އެކަލޭގެފާނުގެ ނަންފުޅާއެކު ލަގަބެއްނުދެއްވައެވެ. އަޙުމަދު މިނަންފުޅު ޤުރްއާނުގައި އައިސްފައިވަނީ ޢީސާގެފާނުގެ ދޫފުޅުންނެވެ. މިއިން އެނގިފާޅުވަނީ ﷲ އެކަލާނގެ ނައްބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރެއްވިވަރެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅަށް ބަލާލަމާތޯއެވެ؟ އިންސާނާގެ ދުލުން ފުރަތަމަ ނިކުތް ބަހަކީ އަލްޙަމްދުލިއްލާހިއެވެ. އަރަބީން ޝުކުރާއި ތަޢުރީފަށް ބޭނުންކުރާ ބަހަކީ ޙަމްދުއެވެ. މިއީ ﷲ އަށް އެކަނި ނިސްބަތްކުރެވޭ ބަހެކެވެ. މިބަހުން ލިބޭ މެސެޖަކީ ޙަމްދުހުރީ ﷲ އަށް ކަމެވެ. މުޙައްމަދު މިބަސް އައިސްފައިވަނީ ޙަމްދު މިބަހުންނެވެ. މާނަޔަކީ އެންމެގިނައިން ޙަމްދުލިބިގެންވާ މީހާއެވެ. ގިޔާމަތަށް ދާދެން ދުނިޔޭގައި އެންމެގިނަ ނަމަކަށް ﷲ ލެއްވީ އެކަލޭގެފާނުގެ ނަންފުޅު މުޙައްމަދުއެވެ. އުޑާއި ބިމުގައި އެންމެ އިތުރުކަންބޮޑު ނަމެއްކަމުގައި ﷲ ލައްވާފައިވަނީ މުޙައްމަދުއެވެ. އެހެންކަމުން އަޅުގަނޑުމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކަމޭހިތާ އިހުތިރާމްކުރަންޖެހެނީ ނިހާޔަތަށްކަން ކަށަވަރުވެއެވެ.
މުޖުތަމަޢުގެ ކޮންމެ މެމްބަރެއްހެން ތިމާއާއި ދިމާއަށް ތިޔައީ މޮޔައެކޭ ގޮވަންފެށުމުން ތިމާއަށް ހީވާނީ ހަގީގަތުގައިވެސް ތިމާއަކީ މޮޔައެއްކަމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދީނަށް ގޮވައިލައްވަން ފެއްޓެވުމާއެކު މުޅި މައްކާ ކަހަލަގޮތަކަށް އެކަލޭގެފާނާއި ދެކޮޅަށް ތެދުވިއެވެ. އަދި އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ދޮގުވެރިއެއްކަމަށާއި ސިހުރުވެރިއެއްކަމަށް ގޮވިއެވެ. މިކަމުގެ ސަބަބުން ޚުދު އެކަލޭގެފާނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގަތެވެ. މިފަދަ ކޮންމެ ހާލަތެއްގައި ﷲ ވަހީ ބާވައިލައްވައި އެކަލޭގެފާނަށް ޔަގީންކަންދެއްވިއެވެ. އެގޮތުން ސޫރަތުލް ރަޢުދުގެ 43 ވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. މިކަމުން އެނގިކަށަވަރުވަނީ ރަސޫލުﷲ ގެ މާތްކަން އެހެން އެއްވެސް މަޚުލޫޤަކާއި އަޅާނުކިޔޭނެކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުގައި އެކަކުނެތަސް އެކަލާނގެ ވޮޑިގެންވަނީ އެކަލޭގެފާނާއި އެކުގައިކަން އެންގެވިއެވެ. ތަކުރާރުކޮށް އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއްނެތަސް އެކަލޭގެފާނަށް ﷲ އެކަނި ފުދޭކަމަށް އެންގެވިއެވެ. ދީނަށް ގޮވައިލެއްވުމުގައި އެކަލޭގެފާނާއި ކުރިމަތިވާނެ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވިއެވެ. އެހެންކަމުން ދުރާލާ ﷲ އެކަލޭގެފާނުގެ ކިބައިން އެދިވަޑައިގަތީ ﷲ އަށް ޓަކައި އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމަށެވެ. އެގޮތުން ސޫރަތުލް މުއްދައްޘިރުގެ 7 ވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. އެކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ބޭކަލުންނާމެދު ކަންވީގޮތް ސާފުބަހުން ބަޔާންކޮށްދެއްވިއެވެ. ޔާސީން ސޫރަތުގެ 13 އަދި 14 ވަނަ އާޔަތަކީ އެފަދަ މިސާލުތަކެވެ. މިއިން އަންގައިދެނީ ﷲ އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަތިވެރިކުރައްވައި އެކަލޭގެފާނަށް ޔަގީންކަން ދެއްވި މިންވަރެވެ.
ކީރިތި ޤުރްއާނަށް މީސްތަކުން އިންކާރުކުރުމުންވެސް ﷲ، ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިތްވަރުދެއްވީ ޢިއްޒަތާއި ޝަރަފުންނެވެ. ކީރިތި ޤުރްއާނަށް އެންމެން ފުރަގަސް ދިންނަމަވެސް ނުވަތަ އެޤުރްއާނަށް އެކަކު ތަބާނުވިނަމަވެސް ﷲ އެޤުރްއާނަށް ހެކިވެވޮޑިގެންވާކަމަށް އެންގެވިއެވެ. ހަމައެފަދައިން އެކަލާނގެ މަލާއިކަތުންވެސް ކީރިތި ޤުރްއާނަށް ހެކިވެޑައިގަންނަވާކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 166 ވަނަ އާޔަތަކީ އެފަދަ ފުރިހަމަ މިސާލެކެވެ. ހަގީގަތުގައި ﷲ މިދެއްވާ މެސެޖަކީ ޝަހާދަތް ކިޔާނެ އެންމެ މީހަކުނެތަސް ﷲ އާއި މަލާއިކަތުން އެކަމަށް ފުދޭކަމަށެވެ. މިފަދަ ލޯތްބާއި އިހުތިރާމްގެ ބަސްފުޅުތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މަތިވެރިކަން ހާމަވެ ފާޅުވެއެވެ.
ﷲ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަ މަތިކުރައްވަމުން އިންޝިރާ ސޫރަތުގެ 4 ވަނަ އާޔަތުގައި އަންގަވަނީ ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. ވިސްނާށެވެ! ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ތަނެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅުވެއެވެ. ޝަހާދަތުގެ ދެ ކަލިމައިގައި އެނަންފުޅުވެއެވެ. ބަންގިއާއި ޤަމަތުގައި އެކަލޭގެފާނުގެ ނަންފުޅުވެއެވެ. ނަމާދެއް ފުރިހަމަވަނީ އެނަމާދެއްގައި އެކަލޭގެފާނަށް ޞަލަވާތްކިޔަވައިގެންނެވެ. ހުކުރު ޚުޠުބާ ފުރިހަމަވަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިގެންނެވެ. އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔަންޖެހެއެވެ. އެކަލޭގެފާނަށް ޞަލަވާތްނުކިޔާ މީހާ ފާފަވެރިވެއެވެ. އަދި އެކަލޭގެފާނަށް ތަބާނުވުން ކުފުރުގެތެރޭގައި ލެއްވިއެވެ.
(ނުނިމޭ)