މިގައުމު ހަމައަކަށް އެޅުވޭނީ ރައީސް ނަޝީދަށް: މުސްތަފާ

އަދިވެސް މިގައުމު ހަމައަކަށް އެޅުވޭނީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއަޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށް ރައްޔޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެސް މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޒީރޯ ޓޮލަރެންސަކީ" ވައްކަން ކުރުމަށް ހުޅުވާފައިވާ ދޮރެއް ކަމަށެވެ.

މިހާރުވެސް ސަރުކާރުގެ މިނިސްޓަރުންތަކެއް ސަރުކާރުގެ ކުންފުންޏެއްގެ މޭނޭޖިން ޑިރެކްޓަރަކު ލައްވައި ބޮޑުވައްކަމެއް ކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވެއެވެ.

އެވައްކަމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން ކޯޓުގައި ދައުވާ ކޮށްފައިވާ ކަމަށްވެސް މުސްތަފާ ވިދާޅުވެފައިވެއެވެ. "މިހާރުވެސް އެއޮތީ ސަރުކާރު ކޮމްޕެނީ އެއެއްގެ އެމްޑީ އެއް މެދުވެރިކޮށް ސަރުކާރުގެ މިނިސްޓަރުން ތަކެއް ކުރުވި ވައްކަމަށް ބަދަލު ހޯދަން 10 މިލިއަން ރުފިޔާ އަށް ދައުލަތުގެ މައްޗަށް ދައުވާ ކުރުވާފައި. ދުވާލުގެ އަލީގައި ވައްކަންކުރާ މިސަރުކާރުގެ ވަގުންތައް މަގާމުން ދުރުކުރުމަށްވެސް ސަރުކާރު މިއޮތީ ނުކުޅެދިފައި،" މުސްތަފާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިކަންކަން ހައްލުކޮށް ހަމައަކަށް އެޅުވާނީ ރައީސް ނަޝީދަށް ކަމަށެވެ. "މިގައުމަށް ރަނގަޅު ގޮތެއް ގެނެސް މިގައުމު އަދިވެސް ހަމައަކަށް އެޅުވޭނީ ރައީސް ނަޝީދަށް އެކަނި،" މުސްތަފާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.