
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދާނެ ގޮތެއް ނުވިސްނޭ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ކަރުދާހުގައި ޖަހައިގެން ކިތަންމެ ބޮޑު ބަޖެޓެއްވެސް ހުށަހެޅިދާނެ ކަމަށެވެ. އެންމެ ފަހުން އުޅެންޖެހޭނީ އެއަށް ފައިސާ ނުލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޮޑު ސިންގާ ބަޖެޓެއް ކަރުދާހުގައި ޖަހައިގެން މަޖިލީހަށް މިހުށަހަޅަނީ. އެއަށް ފައިސާ ހޯދާނީ ކިހިނެއް ކަމެއް އަޅުގަނޑަށް ނުވިސްނޭ. ބަޖެޓުގައި އެހުންނަ ފިގާ ތަކަކީ ލަފާކުރެވޭ އަދަދުތަކެއް. އެންމެ ފަހުން ބުނަން ޖެހެނީ ފައިސާ ނުލިބުނޭ އެވެނިކަމެއް މިވެނިކަމެއް ނުވިޔޭ،" މުސްތަފާ ވިދާޅުވިއެވެ.
އަންނައަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެބޮޑު އެއްޗެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ޓެކުހުންނެވެ. ޖުމްލަ އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާއެވެ.
މުސްތަފާ ވިދާޅުވީ ހިލޭއެހީއަކީ ވެސް ބަޔަކުދީފިނަމަށް ލިބޭނެ އެއްޗެއް ކަމަށެވެ. "ގިނަ ފަހަރަށްއޮންނަނީ ކޮންމެ ވެސް ސަބަބެއް މެދުވެރިވެރި ހިލޭ އެއީ ވެސް ނުލިބިފައި" އޭނާ ވިދާޅުވިއެވެ.