މިދިޔަ ސަރުކާރުން ގެންދިޔަ ގޮތަށް ނޫމަޑިއަށް ބަދަލު ދިނުން ކުރިއަށް ގެންދިޔަނަމަ 55 މިލިއަން ޑޮލަރު ދޭކަށް ނުޖެހުނީސް:  މުޢިއްޒު 

މިދިޔަ ސަރުކާރުން ގެންދިޔަ ގޮތަށް ނޫމަޑިއަށް ބަދަލު ދިނުން ކުރިއަށް ގެންދިޔަނަމަ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރުގެ ބޮޑު ޢަދަދެއް ދޭން ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.

ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން މިދިޔަ ސަރުކާރުން އުވާލުމާ ގުޅިގެން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅުމާ އެކު، މިހާރުގެ ސަރުކާރުން ވަނީ ކޯޓުން ބޭރުގައި 55 މިލިއަން ޑޮލަރުގެ ބަދަލެއް ދީފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ބަދަލު ނުދީ އާބިޓްރޭޝަން ކުރިއަށް ގެންދިޔަނަމަ، އެ މަރުހަލާ ނިމޭއިރު ދޭންޖެހޭ ބަދަލުގެ އަގު 200 މިލިއަން ޑޮލަރަށް އަރާނެއެވެ. އެހާ ބޮޑު ޢަދަދެއް ދޭން ޖެހޭނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޢިއްޒު އާބިޓްރޭޝަނަށް ދެއްވައިފައިވާ ބަޔާނެއްގެ ސަބަބުން ކަމަށް މިސަރުކާރުގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިއަދު މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވަނީ އެކަން ދޮގުކުރައްވައިފައެވެ.

މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުންކުރިއަށް ގެންދެވިގޮތަށް އާރބިޓްރޭޝަން ކަންތައް ކުރިއަށް ދިޔަނަމަ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ މިންވަރު 55 މިލިއަން ޑޮލަރަށްވެސް ނާރާނެކަމަށެވެ. އެކަމުގެ ތަފްޞީލްތައް އޭޖީ އޮފީހުގެ ލިޔެކިޔުން ތަކުން ވަރަށް ރަނގަޅަށް ފެންނަން އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި މުޢިއްޒު ދެއްވި ބަޔާނަކީ ސަރުކާރަށް ދެރެވާގޮތަށް ދެއްވައިފައިވާ ބަޔާނެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އާރބިޓްރޭޝަން ނިމޭއިރު 200 މިލިއަން ޑޮލަރު ލިބޭގޮތަށް އޮތް މައްސަލައެއްގައި ކޯޓުން ބޭރުން 55 މިލިއަނަށް އެކުންފުނި އެއްބަސްވާނެތޯ މުޢިއްޒު ވަނީ ސުވާލު އުފައްދަވައިފައެވެ.

ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި މިދިޔަ ސަރުކާރުން އެހެން ރަށެއް ދޭން މަސައްކަތް ކުރެއްވިކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެކުންފުނިން އެގޮތަށް އެއްބަސް ނުވެ އާރބިޓްރޭޝަނަށް ދާން ނިންމީ ކަމަށް ކޮމެޓީގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އާރބިޓްރޭޝަންގައި، ވަކި ޢަދަދެއް ދިނުމަށް ނުނިމި އުޅެނިކޮށް ސަރުކާރު ބަދަލުވީކަމަށް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވިދާޅުވީ ނޫމަޑީގެ މައްސަލައިގެ އަސްލަށް ވާޞިލްވުމަށް، ވަކި މީހަކު ސިކުނޑީގައި ބައިންދައިގެން އެމީހަކަށް ތާށި ކުރުމަށް މަސައްކަތް ކޮށްގެން ނުވާނެކަމަށެވެ. މިހާތަނަށް ނޫމަޑީގެ މައްސަލައިގައި ކޮމެޓީތައް ހާމަކަންބޮޑު ގޮތެއްގައި ނުގެންދަވައި މިއަދު ބައްދަލުވުން ހާމަކަންބޮޑުކޮށް ގެންދެވުމުން ކުރިއަށް އޮތްތަނުގައި ވެސް ކޮމެޓީގައި ނޫމަޑީގެ ކަންކަމުގައި ކުރެވޭ ހުރިހާ މުޢާމަލާތެއް ވާންޖެހޭނީ ހާމަކަންބޮޑުގެން ގެންދެވޭ މުޢާމަލާތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.