ތިނަދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ސެނޮކްއާ ޙަވާލުކޮށްފި

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް އެރަށުގައި ފެންހިންދާ ނިޒާމެއް ގާއިމް ކުރުމަށް މިއަދު ބަޔަކާ  ޙަވާލުކޮށްފިއެވެ.

އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ  އެއް އަހަރު ތެރޭނިންމާގޮތަށެވެ. މަސައްކަތުގެ ޖުމްލަ އަގަކީ  38،636،650.20 ރުފިޔާއެވެ. މި މަސައްކަތް ނިމުމުން ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވިއެވެ.

  މި މަސައްކަތުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ. ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓެންޓް ޕްރަބަތު ރަވަންޕޫރާ އެވެ.

މީގެ އިތުރުން ތިނަދޫގައި 2 މެގަވޮޓްގެ ސޯލާރ ފާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ތިނަދޫ ކައުންސިލާއި މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.  އަދި ތިނަދޫ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓަރ އެއް ބެހެއްޓުމަށް މިއަދު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

މިނިސްޓަރ ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ތިނަދޫ ކައުންސިލާ ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު ވަނީ ތިނަދޫގެ ކުޅި އާއި ކުނި މެނޭޖްކުރާ މަރުކަޒާއި ރަށް ގިރަމުންދާ ސަރަހައްދު އަދި ތިނަދޫގެ ފެން ޕްލާންޓާއި ނަރުދަމާ ނިޒާމު ބައްލަވާލައްވާފައެވެ. އަދި ތިނަދޫގެ ޕަވަރ ހައުސް އާއި ސްޓޯމް ވޯޓަރ ޕަމްޕިންގ ސްޓޭޝަންވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.