ޢަބްދުﷲ ޞާދިގާއި އަޙުމަދު އާދަމަށް ނިޝާން ޢިއްޒުއްދީން އިއްޒަތުގެ ލަގަބު އަރުވައިފި

ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިގާއި، އަޙުމަދު އާދަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު މިރޭ އަރުވައިފިއެވެ.

މިދެބޭފުޅުންނަށް މި ލަޤަބު އެރުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ނިޝާން ޢިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވި ހ. އާމުލީގެ، ޢަބްދުﷲ ޞާދިގަކީ ލިޔުންތެރިއެކެވެ. އަދީބެކެވެ. އޭނާ ވަނީ 55 އަހަރަށްވުރެ ދިގު މުއްދަތަށް ސަރުކާރަށް ޚިދުމަތް ކޮށްދެއްވައިފައެވެ. އޭނާ ވަނީ އަދަބީ އެކި މަޢުޟޫތަކަށް ޅެން ހައްދަވައި މީހުންގެ މަޤުބޫލުކަން ހޯދައިފައެވެ. އޭގެ އިތުރަށް އޭނާއަކީ އެތައް ބައެއްގެ އެދުރެކެވެ. ސޯދުބެ ވަނީ ތާރީޚީ ދިރާސާތަކަށްފަހު އެކަމާގުޅޭ ލިޔުންތައް ވެސް ލިޔުއްވައިފައެވެ. މީގެ ކުރިން ސޯދުބެއަށްވަނީ ޢާއްމު ޚިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައެވެ.

ނިޝާން ޢިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވި ހ. ހިކަރި، އަޙުމަދު އާދަމަކީ އިންޖިނިއަރިންގެ ދާއިރާގައި މުޅިރާޖެއިން ވެސް ފާހަގަ ކޮށްލެވުނު ބޭފުޅެކެވެ. އޭނާއަކީ ދ. މާއެނބޫދުއަށް އުފަން ބޭފުޅެކެވެ.

 އަހްމަދު އާދަމް ވަނީ އިނގިރޭސިވިލާތުން އިންޖިނިއަރިންދާއިރާއިން ކިޔަވާ ވިދާޅުވެފައެވެ. ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެއަށް އެނބުރި ވަޑައިގެން އޭނާ ވަނީ ސަރުކާރަށް އަގުބޮޑު ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

އޭނާ ވަނީ ސަރުކާރުގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. މާލޭގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ކުރެއްވި މަސައްކަތުގައި އޭނާގެ ދައުރު ވަރަށްބޮޑެވެ. އަޙުމަދު އާދަމަށްވަނީ ހިތްވަރު ދިނުމުގެ އިނާމް ރައީސް މައުމޫންގެދައުރުގެ ކުރީކޮޅު ލިބިވަޑައިގެންފައެވެ.

މި ލަޤަބު ނިސްބަތްވެ ވަޑައިގަންނަވަނީ މަލާބާރީންގެ އަތުން ރާއްޖެ ސަލާމަތްކޮށްދެއްވި ހިތްވަރުގަދަ ބަތަލް ދޮންބަންޑާރައިންނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.