ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހިލައިގެން ދުވަސްކޮޅަކަށް ނަމަވެސް އުޅުމުގެ ފުރުސަތު ދެއްވަން ނުވޭތޯ ވިދާޅުވެ ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ސުވާލު ކުރައްވައިފައެވެ.
އެމަނިކުފާނު މިސުވާލު ކުރެއްވީ ދަރުބާރުގޭގައި ރޭ ބޭއްވި ޤައުމީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ؟" ރައީސްގެ ސުވާލުގައި ވިދާޅުވިއެވެ.
"އަޅުގަނޑު ހިތަށް އަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީ ބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެ ބާވައޭ؟" ވެސް ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުންކަމަށެވެ.
ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކަކީ، މާތްވެގެންވާ އިސްލާމް ދީނާއި މާދަރީ ބަހާއި ދިވެހި މުއްސަނދި ސަގާފަތާއި ތަރިކަކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަން ހިމާޔާތް ކުރެއްވުމަށް މީގެ 460 އަހަރު ކުރިން އުތީމު ތިން ބެއިން ކުރެއްވި ޤައުމީ ޖިހާދުގެ މަތިން އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.
ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި އިސްތިޢުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަންވެސް އެތައް ފަހަރަކު ގެއްލިގެން ދިޔަކަން ހަނދާން ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ޤައުމިއްޔަތަށް އަރާ ލޮޅުން ކަމަށެވެ.
Raees kuren aharen ahaalan beynun rayyithun thi haggun emme bodah mahuroomu kollee konbayakuthoa han'dhumafulhu nethuneethoa ey.gaimu hamajehigen lolu fiyajahaa nulevey viyyaa eyru.