
އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސްސް ނުވަތަ އިސްލާމިކް ސްޓޭޓް) ގެ ވެރިޔާ އަބޫބަކްރު އަލްބަޣުދާދީއަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބުނެފިއެވެ.
ނަން ހާމަނުކުރަން އެދި ރޮއިޓާސްއަށް މައުލޫމާތުދިން އެމެރިކާގެ އޮފިޝަލު، އެހަމަލާ ކާމިޔާބުވީކަން ނުވަތަ ނޫންކަން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، އެ އޮޕަރޭޝަންގެ ނަތީޖާ އެނގިހުރި އެމެރިކާ ސިފައިންގެ އޮފިސަރަކާ ހަވާލާދީ ނިއުސްވީކުން ބުނެފައި ވަނީ އެ ހަމަލާގައި އަލްބަޣްދާދީ މަރުވެފައިވާ ކަމުގައެވެ.
މިހަމަލާ ދިންކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައި ނުވިނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ހޯގަން ގިޑްލީ ވިދާޅުވީ މިއަދު ހެނދުނު 9 ޖަހާއިރު (ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖަހާއިރު) ރައީސް ޓްރަމްޕް "މުހިއްމު ބަޔާނެއް" ދެއްވާނެ ކަމުގައެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރައީސު ޑޮނާލްޑް ޓްރަމްޕް ރޭ ކުރެއްވި ޓުވީޓެއްގައި "ވަރަށް ބޮޑު ކަމެއް ދެންމެ ހިނގައިފި" ކަމަށް ވިދާޅުވެފައި ވެއެވެ.
ފާއިތުވި ފަސް އަހަރު އިސްލާމިކް ސްޓޭޓްގެ ވެރިއެއްގެ ގޮތުގައި ހުރި އަލްބަޣޫދާދީ މަރާލައިފި ކަމަށް މީގެ ކުރިން އެތައް ފަހަރަކު އެމެރިކާއިން ބުނި ނަމަވެސް އެކަން ހަގީގަތަކަށް ވެފައި ނުވެއެވެ.