ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ އައިސް ޕްލާންޓަށް މައްސަލަތަކެއް ދިމާވެ އެކަށީގެންވާ ގޮތުގައި ޚިދުމަތް ނުދެވޭތާ ގިނަ ދުވަސްތަކަށްފަހު އެރަށުގައި މުޅިން އައު އައިސްޕްލާންޓެއް މިފްކޯއިން ބަހައްޓައިފިއެވެ.
މިފްކޯއިން ބަހައްޓައިދިން މި އައިސްޕްލާންޓާ ބެހޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ އައު އައިސް ޕްލާންޓް އެރަށަށް ލިބިފައިވަނީ އިއްޔެ ކަމަށެވެ. މިހާރުވަނީ ޕްލާންޓް ބަހައްޓައި ނިމި އައިސް ހަދަން ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަހަރުވެސް ބެހެއްޓީ ފޮތި އައިސް އުފައްދާ 25 ޓަނުގެ ޕްލާންޓެކެވެ. އައިސް ނުލިބި ދިޔަ މުއްދަތުގެ ތެރޭގައި މަސްވެރިންގެ ފަރާތުން ވަރަށް ޝަކުވާ ލިބުނު ކަމަށް ނަސްރު ވިދާޅުވިއެވެ.
ރަށްރަށުގައި ބަހައްޓާ އައިސް ޕްލާންޓްތަކަކީ ހުރިހާ މަސްވެރިންނަށް ބަހައްޓާ އެއްޗެކެވެ. އެހެންކަމުން މަސްވެރިން އައިސް އެޅުމަށް އަބަދު ވެސް ޚިޔާރު ކުރަމުން އަންނަނީ އެވަގުތަކު އެންމެ ކައިރީގައި ހުންނަނަ އައިސް ޕްލާންޓެވެ. ފަރެސްމާތޮޑާ އައިސް ޕްލާންޓަށް މައްސަލަ ދިމާވުމުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނީ އެރަށުގެ މަސްވެރިންނަށެވެ.
"ފަރެސްމާތޮޑާގައި އެކަނިވެސް ތޭރަ މަސްދޯނި އެބަ ދުއްވާ. އައިސްޕްލާންޓުގައި މައްސަލަ ޖެހި އައިސް ލިބުން ދަތިވުމުން އެކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ވަރަށްބޮޑަށް ލިބުނު. އެހެންނަމަވެސް އިއްޔެ ގެނައި އައިސްޕްލާންޓް އިންސްޓޯލް ކޮށް މިއަދުން ފެށިގެން އައިސް ހަދަން ފަށައިފައިވަނީ. އިރާދަ ކުރެއްވިއްޔާ މިއަދުން ފެށިގެން އައިސް ލިބޭނެ މަސްވެރިންނަށް،" ނަސްރު ވިދާޅުވިއެވެ.
މިސަރުކާރުން ވަނީ ކޮންމެ އަތޮޅެއްގައި އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަޝްރޫއެއް ފަށައި އެކަން ނިމުމަކާ ހަމައަށް ގެނެސްފައެވެ. އެންމެފަހު އަތޮޅުގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލު ކުރައްވައިފައެވެ.