ކުރީގެ ފަނޑިޔާރު ރާޢިބުގެ މައްޗަށް ޖިނާޢީ ތަޙުގީގެއް ހިންގުމަށް ފުލުހަށް ހުށަހަޅައިފި

މިހާރު މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ރާޢިބު އަޙުމަދުގެ މައްޗަށް ސާބިތުވި ސުލޫކީ ބައެއް މައްސަލަތަކަކީ ޖިނާޢީ ތަޙުޤީޤެއް ކުރަންޖެހޭ ކަންކަމަށްވާތީ އެ ތަޙުޤީޤު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

ރާޢީބުގެ މައްޗަށް ސުލޫކީ އަށް މައްސަލައެއް ވަނީ ސާބިތުވެފައި ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އެއީ، ކޯޓުގައި މަސައްކަތްކުރާ ދެ އަންހެން މުއައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރި މައްސަލައަކާއި، ކ. ތުލުސްދޫ ކޯޓުން ޙުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައާއި، ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައި އެޤަޟިއްޔާތަކުން ނިންމާފައިވާ ޙުކުމަށް ބަދަލު ގެނެސް  ޝަރުޢީ ލިޔެކިޔުމަށް ބަދަލުގެނައި މައްސަލައެވެ. އޭގެ އިތުރަށް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެއްފަރާތާ ގާތްގުޅުން ބާއްވާ މައްސަލައާއި، ކޯޓުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި މުވައްޒަފުންލައްވާ މަޖުބޫރުން މުވައްޒަފުންގެ ޒިންމާއިން ބޭރު ބޮޑެތި މަސައްކަތްކުރުވުމުގެ މައްސަލައާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ފަރާތްތަކަށް ތާއިދު ހޯދުމަށް ޢަމަލީ ގޮތުން ޙަރަކާތްތެރިވި މައްސަލަ އެވެ. އަދި ޑިޕާޓުމެންޓް އޮފް ޖުޑީޝަލް އެޑުމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އިދާރީ ހިންގުމުގެ އުސޫލާ ޚިލާފަށް އަތޮޅުގެ އިދާރީ ކަންކަން ބައްޓަންކޮށް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާމައްސަލައިގެ އިތުރަށް، ކ. ތުލުސްދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުނު ކައިވެނީގެ މައްސަލައެއްގައި ހިމެނޭ އަންހެންކުއްޖެއްގެ ނުރުހުމުގައި އެކުއްޖާގެ ކައިވެނި ކޯޓުގައި ކުރުވުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ ވެސް ހިމެނެއެވެ. އަދި ބިދޭސީ އަންހެނަކު ތުލުސްދުއަށް އޭނާއާއެކު ގެންގޮސް، ފަނޑިޔާރުންގެ އަދަބާ ޚިލާފު ޢަމަލުތައް ހިންގުމުގެ މައްސަލައެއްވެސް ހިމެނޭ ކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

ރާޢިބު އިސްތިއުފާ ދެއްވުމުގެ ކުރިން ވެސް ޖޭއެސްސީ އިން އައީ މިކަންކަމުގެ އިތުރަށް އޭނާއާ ބެހޭ މައްސަލަތަކެއް ތަޙުގީގު ކުރައްވަމުންނެވެ. އޭގެ އިތުރުން 2009 އިން 2013 އާ ދެމެދު އޭނާއާ ބެހޭގޮތުން ހުށަހެޅި 9 މައްސަލައެއް ބަލާނެ ތަނެއްނެތް ކަމަށް ވެސް ޖޭއެސްސީވަނީ ނިންމަވައިފައެވެ. އޭނާ ފަނޑިޔާރު ކަމުގައި ހުންނެވި މުއްދަތުގައިވަނީ އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކެއް ބަލައި ފިޔަވަޅު އަޅުއްވައިފައެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ. އިސްތިއުފާ ދެއްވުމަށްފަހު ވަނީ ޖޭއެސްސީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެއީ ޙަގީގާތާ ޚިލާފު ވާހަކަތައް ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.