އާދަމް މުޙައްމަދުގެ ދިފާޢީ ވަކީލަކަށް ޑރ. ޖަމީލް ބަލައެއްނުގަތް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދާ ބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުންދާ މައްސަލައެއްގައި އޭނާގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ބަލައި ނުގަންނަން ނިންމައިފިއެވެ.

ޖޭއެސްސީގެ ތަޙުޤީޤު ކޮމިޓީން މިގޮތަށް ނިންމެވީ ސްޕުރީމް ކޯޓަށް ޑރ. ޖަމީލް ހުށަހަޅުއްވައިފައިވާ މައްސަލައެއް ބެލުމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ބައިވެރިވެ ވަޑައިގަންނަވާތީއެވެ.

މިއަދުގެ ތަޙުޤީޤު ކުރިއަށް ގެންދެވީ އާދަމް މުޙައްމަދުގެ އެދިވަޑައިގެންނެވުމަކަށް ހުޅުވާލައިގެންނެވެ. އަދި ބައެއް ޓީވީޗެނަލްތަކުން ތަހުގީގު މަޖިލިސް ލައިވްވެސް ކުރިއެވެ. އާދަމް މުޙައްމަދުގެ ދިފާޢީ ވަކީލަކަށް ޑރ. ޖަމީލް ބަލައިނުގަނެ އެހެން ވަކީލަކު މާދަމާއަށް އައްޔަން ކުރުމުގެ ފުރުސަތު އާދަމް މުޙައްމަދަށް ދެއްވުމަށްފަހު ތަޙުޤީޤު މަޖިލިހުގެ މިއަދުގެ ރިޔާސަތު ބެލެހެއްޓެވި ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ޙުސްނީ ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ. އެ ތަހުގީގު އަލުން ފަށާނީ މާދަމާއެވެ.

އާދަމް މުޙައްމަދުގެ އިތުރަށް ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.