ފިކުރީ ހައްދުފަހަނައަޅައިދިއުމާ އެއްވަރަށް، ހޭލުންތެރި ކުރުވުމަކީ ލާޒިމް ކަމެއް: އާތިޔާ

ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ސްކޫލް ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅުމަގުދައްކައި ދިނުމަކީ ތަޢުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމްކުރާކަމެއް ކަމަށް ސްޓޭޓު މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓު މިނިސްޓަރ މިހެން ވިދާޅުވޫ "ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު" މިނަމުގައި ހިންގާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ 7ވަނަ ޕްރޮގްރާމް ފުވައްމުލަކުގައި އިފްތިތާހު ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ފުވައްމުލަކު 4 ސްކޫލްގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް ހިންގި ބައްދަލުވުމެކެވެ. އެ 4 ސްކޫލުން 28 ބޭފުޅުންވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފިއެވެ.  ބައްދަލުވުން ބޭއްވި ޙާފިޒް އަޙުމަދު ސްކޫލް ޓީޗަރސް ރިސޯސް ސެންޓަރުގައެވެ.

މިއީ ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ޔޫ.އެން.ޑީ.ޕީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބާއްވާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެކެވެ.

ސްޓޭޓު މިނިސްޓަރ ޢާތިޔާ ވިދާވީ މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ.

އެއް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވެސް އިސްލާމިކް ޔުނިވާރސިޓީ ގެ ވައިސް ޗާންސަލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.