ޖޭޕީ އަށް ނާއިބު ރައީސަކު ހޮވުން ބުރާސްފަތި ދުވަހު

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނާއިބު ރައީސަކު ހޮވުމަށްޓަކައި އެޕާޓީގެ ކައުންސިލުގައި ބުރާސްފަތި ދުވަހު ވޯޓު ނެގުމަށް ހަމަޖެހިއްޖެއެވެ.

ޖޭޕީގެ ނާއިބު ރައީސް ކަމަށް ކުރިމަތި ލައްވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޙުސައިން ޝަހުދީއާއި، މަޖިލިސް މެމްބަރ ޢަލީ ޙަމީދާއި، ކައުންސިލް މެމްބަރު ޢާއިޝަތު ނާޒިމާއި، ކައުންސިލް މެމްބަރ އަޙުމަދު ސަޢުދެވެ. ސަޢުދަކީ އެޕާޓީގެ ކުރީގެ ރަޖިސްޓްރަރ ވެސް މެއެވެ.

ޖުމްހޫރީ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައިވަނީ މި ބޭފުޅުންގެ ކެންޑިޑޭޓު ނަމްބަރުތައް ތަރުތީބު ކުރައްވައިފައެވެ. އެގޮތުން ޝަހުދީ އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓު ނަމްބަރ އެކެކެވެ. ކެންޑިޑޭޓު ނަމްބަރު 2 ލިބި ވަޑައިގެންނެވީ ޢަލީ ޙަމީދަށެވެ. ނަމްބަރު ތިނެއް ލިބިވަޑައިގެންނެވީ ނާޒީމާއަށެވެ. އަޙުމަދު ސަޢުދަށް ލިބިވަޑައިގެންނެވި ނަމްބަރ 4 އެވެ.

އެޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ އެމަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓު ކައުންސިލުގައި ކަމަށެވެ. "ނާއިބު ރައީސް ހޮވަން ވޯޓުނަގާ ގޮތަށް ހަމަޖެހިފައިވަނީ ކައުންސިލުގައި. ވޯޓު ނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެނގިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ޖޭޕީއަށް ނާއިބު ރައީސަކު އިންތިޚާބު ކުރަނީ ކުރިން އެމަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ މަޢޫސޫމް އިސްތިއުފާ ދެއްވުމުންނެވެ. މިހާރު އޭނާއަކީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.