އަމާޒަކީ ނޮވެމްބަރުގެ ނިޔަލަށް އައްޑޫ ފުލެޓުތަކަށް މީހުން ވައްދައި ނިންމުން: ޔަސްރިފް

އައްޑޫ ސިޓީގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ ފުލެޓުތަކަށް ނޮވެމްބަރުގެ ނިޔަލަށް މީހުން ވައްދައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ ނޮވެމްނަރުމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މީހުން ވައްދަން ފަށައި އެމަސް ނިމެންވާއިރަށް ހުރިހާ ފުލެޓުތަކަށް މީހުން ވައްދައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ދުވަސްތަކެއް ވެއްޖެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާތާ. ފެނާއި ނަރުދަމާގެ މަސައްކަތް އެހުރީ ނިމިފައި. ކަރަންޓު ޚިދުމަތް ދިނުމަށް ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިހާދަނީ ކުރަމުން،" ޔަސްރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތެރޭގައި އިމާރާތުން އިމާރާތަށް އަޅަންޖެހޭ ކޭބަލްތައް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށް އެކަންވެސް ކުރިއަށްދާ ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ނޮވެމްބަރުމަހުގެ ފުރަތަމަ ހަފްތާ ނިމެންވާއިރަށް ފުލެޓުތަކަށް މީހުންވައްދަން ފެށުން. ނޮވެމްބަރުމަހުގެ ނިޔަލަށް މީހުން ވައްދާ ނިންމުން ޓާގެޓަކީ،" ޔަސްރިފް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައި ޢިމާރާތް ކުރެވިފައިވާ ފްލެޓްތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ފެނަކައިގެ އެހީތެރިކަމާއި އެކު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. ސިޓީކައުންސިލުން މިހާރުވަނީ ފުލެޓުތައް ލިބޭ މީހުން ކަނޑައަޅައި އެމީހުންނާއެކު އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.