
ސިނަމާލެ ބުރިޖުހައިވޭގައި މިއަދު ހިނގި ސައިކަލް އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
އަނިޔާވި ދެމީހުންނަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެދެމީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދުން މެންދުރު 12:06 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެއަށްދިޔަ ސައިކަލެއް ހައިވޭ ހަތަރު ލޭން ސަރަހައްދުން ކަހާލައިގެން ދިޔަ މަންޒަރު ބަލަން އިން މީހެއްގެ ސައިކަލުގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ.
އަނިޔާވެފައިވަނީ ކަހާލި ސައިކަލުގައި އިން މީހާއި އެކްސިޑެންޓްވި ސައިކަލުގައި އިންމީހާއަށެވެ.
ކަހާލައިގެން ވެއްޓުނު ސައިކަލާއި އެކްސިޑެންޓުވި އެއް ސައިކަލަށްވަނީ އެކިވަރުގެ ގެއްލުންވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ތިން ސައިކަލުގައި ތބި ތިން މީހުންގެ އަތުގައިވެސް ޑްރައިވިން ލައިސަންސް އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.