ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވި ލެގޯކޮޅު ނެގީ ނޭވާ ލައްވަމުން: ޑޮކްޓަރ މޫސާ

ޢުމުރުން ހަ އަހަރުގެ ކުޑަ ކުއްޖެއްގެ ފުއްޕާމޭގައި ތާށިވި ލެގޯކޮޅެއް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ (އަޖީއެމްއެޗް) ޑޮކްޓަރުން މިއަދު ނަގައިފި އެވެ.

ފުއްޕާމެއާއި ނޭވަލާ ނިޒާމުގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓްގެ ވެރިޔާ، އަދި މި ޕްރޮސީޖަރ ކުރިއަށް ގެންދެވުމުގައި އެންމެ އިސްކޮށް ހުންނެވި ޑޮކްޓަރ މޫސާ ޙުޞައިން ވިދާޅުވީ ފުއްޕާމޭގައި ލެގޯ ކޮޅެއް ތާށިވި ކުއްޖާ އައިޖީއެމްއެޗަށް ގެނެވުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެއީ ރަށަކުން ގެނައިކުއްޖެކެވެ. ލެގޯ ކޮޅު ނެގުމަށްފަހު ކުއްޖާގެ ޙާލު ރަނގަޅު ވަމުން އަންނަކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެކުއްޖާގެ ފުއްޕާމޭގައި ލެގޯކޮޅު ތާށިވުމުގެ ޙާދިސާ ހިނގީ މިމަހު 18 ވަނަ ދުވަހުއެވެ.

ތުއްތު ކުއްޖާގެ ފުއްޕާމޭގައި ތާށިވި ލެގޯކޮޅު ނެގުމަށް ހޭދަވީ ބައިގަޑިއިރެވެ. ނަމަވެސް މުޅި ޕްރޮސީޖަރއަށް ދެގަޑީއިރު ހޭދަވިއެވެ. ކާމިޔާބު ކަމާއެކު މިޕްރޮސީޖަރ ނިންމާލެވިފައިވަނީ ހޭނައްތާ ޑޮކްޓަރުނާއި ރޭޑިއޮލިޖީ ޑިޕާރޓްމަންޓްގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު "ޓީމްވާރކުން" ކަމަށް ޑރ. މޫސަ ވިދާޅުވިއެވެ.

މިޕްރޮސީޖަރ އަކީ އެފަދަ އެންމެ އުދަނގޫ އެއް ޕޮރޮސީޖަރކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. ސަބަބެއްކަމަށް ކަމަށް ވިދާޅުވީ، ކުއްޖާ ނޭވާ ލައްވަމުން ކުރިއަށް ގެންދަން ޖެހުމެވެ. ޕްރޮސީޖަރ ކުރިއަށް ގެންދިޔައީ ކުއްޖާ ހޭނުނައްތައި ކޮންމެވެސް ވަރަކަށް ނިންދަވައިގެންނެވެ.

ފުއްޕާމެއިން ލެގޯ ކޮޅު ނަގައިފައި ވަނީ ކަރުތެރެއިން ލައިފައި ނޭވާލާ މައިހޮޅިން އެކަމަށް ބޭނުންވާ އަލާތްތައް ލައިވައިގެންނެވެ. ލެގޯކޮޅު ތާށިވެފައި ހުރީ ކުއްޖާގެ ފުއްޕާމޭގެ ވާތްފަޅީގައެވެ. ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުން، ސްކޭން ހަދައި ސީދާ ލެގޯކޮޅު ހުރިތަން ފާހަގަކޮށްދީފައިވުމުން ޕްރޮސީޖަރ ކުރިއަށް ގެންދެވުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ގޮސްފައިވާކަން ޑޮކްޓަރ މޫސާ ވިދާޅުވިއެވެ.

ނޭވާލާ ހޮޅިއާއި ފުއްޕާ މެޔަށް ތަފާތު ކުދިކުދި އެއްޗެތި ތާށިވެގެން ދޭތެރެދޭތެރެއިން ކުދިން ގެނޭވޭކަން ޑޮކްޓަރ މޫސާ ޙަޞަން ފާހަގަ ކުރެއްވިއެވެ. ސުޕާރީކޮޅުކޮޅާއި އެނޫންވެސް ކުދިކުދި ތަކެތި ނޭވާލާ ނިޒާމުގައި ތާށިވެގެން ގެންނަކަން ވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ. ތިނޯހެއް ތާށިވެގެންވެސް ކުއްޖަކު ގެނެވިފައިވާކަން ޑޮކްޓަރ ވިދާޅުވިއެވެ.

ފުއްޕާމޭގައި މިފަދަ ތަކެތި ތާށިވެ ނެގޭގޮތް ނުވެއްޖެނަމަ މުޅި ފުއްޕާމޭވެސް ހަލާކުވެދާނެކަމަށާއި އެކަހަލަ ބައެއް ޙާލަތްތަކުގައި ފުއްޕާމޭގެ ބަޔަކާއެކު ވެސް އެތަކެތި ނަގަން ޖެހިދާނެކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ.

ދިރުވާލެވޭފަދަ ކުދިކުދި ތަކެތި ކުދިން ކުޅެން ނުދިނުމަށް ޑޮކްޓަރ މޫސަ އެދިވަޑައިގެންނެވިއެވެ. ކުޅޭތަކެއްޗާއި އެނޫން ވެސް ތަކެތި ކުދިން އަގަޔަށް ލައިގެން އުޅެން ދޫކޮށް ނުލުމަށް ޑޮކްޓަރ އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.