
ވިލިމާލޭ ހޮސްޕިޓަލުގައި މާދަމާއިން ފެށިގެން ވެކްސިން ޖަހަން ފަށަނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ބުނެފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާ ގުޅިގެން މި މައްސަލަ ތަހުޤީޤުކޮށް މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މިކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އިރުޝާދާ އެއްގޮތަށް، އައި.ޖީ.އެމް.އެޗްގެ ބެލުމުގެ ދަށުން މާދަމާ އިން ފެށިގެން އަލުން ވެކްސިން ދޭން ފަށާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، މިކަމުގެ ސަބަބުން މި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ހޮސްޕިޓަލުގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.