ދެ މެމްބަރެއްގެ ކަންބޮޑުވުންތަކަށް މަޖިލިސް ރައީސް ދެއްވި ތާރީޚީ ފަރުވާ!

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު" އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރެއިން މަޖިލީހުގެ ދެމެމްބަރަކު މުޅިން ތަފާތު ކަންބޮޑުވުންތަކެއް ފާޅު ކުރެއްވިއެވެ.

ތަފާތު ގޮތަކަށް މި ކަންބޮޑުވުންތައް އައީ ނޮޅީވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ގެ ކިބައިންނެވެ. މި ދެމެމްބަރުން ފާޅުކުރެއްވި ބޮޑެތި ކަންބޮޑުން ތަކަށް ބަހުސްގެ ތެރެއިން، ވަގުތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވަނީ ދިވެހި ތާރީޚުގެ ސޮފުޙާތަކުގެ އިތުރުން ދުނިޔޭގެ ބަޔެއް އެހެން ބަސްބަހުގެ ތާރީޚީ ސޮފުޙާތަކުގެ ތެރެއިން ތަފާތު ތާރީޚީ ފަރުވާއެއްވެސް ހޯއްދަވައި ދެއްވާފައެވެ. މަޖިލީހުގެ ރައީސް ނަޝީދަކީ ދިވެހި ތާރީޚުގެ ވަރަށްގިނަ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވަތީ ކުއްލި އަކަށް ނަމަވެސް އެ ތާރީޚީ ފަރުވާ އެމަނިކުފާނު ދެއްވީ ވަރަށް ފަރިތަކަމާއެކުގައެވެ. ދެމެމްބަރުންގެ ކަންބޮޑުވުންތައް އަންނަން ދިމާވި ސަބަބާއި، އެކަމުގެ ޙައްލުވެސް އެމަނިކުފާނު ވިދާޅުވެދެއްވީ ވަރަށް ފުރިހަމަ ތާރީޚީ މައުލޫމާތު ތަކާވެސް އެކުގައެވެ.

މީގެތެރެއިން ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އޮންނަ ނޮޅިވަރަމް އާއި ނޮޅިވަރަމްފަރެވެ. މި ދާއިރާގައި އެންމެ ދެރަށް އޮންނައިރު، ދެ ރަށުގެ ނަންވެސް މާބޮޑަށް އެއްގޮތް ކަމުން އެންމެ ބޮޑަށް ދިމާވާ މައްސަލައެއްގެ ގޮތުގައި ނަޝީދު ފާހަގަކުރީ އެ ދެރަށަކީވެސް އެއްރަށެއްގެ ގޮތުގައި ގިނަބަޔަކަށް ހީވަމުން ދިޔުމެވެ. ދެ ރަށުގެ ނަން ދެރަށެއްގެ ގޮތުގައި މީހުންނަށް ވަކިކުރަން ނޭނގުމެވެ.

"އަޅުގަނޑުމެން ދާއިރާގައިވެސް މި އޮންނަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާ. މިގޮތަށް އޮންނާތީ ބައެއް މީހުންނަށް އެބަހުރި އެއީ ދެރަށް ކަމެއް ނޫނީ އެއް ރަށް ކަމެއްވެސް ނޭނގޭ ހާލަތްތައް އައިސްފަ" ނަޝީދުގެ ކަންބޮޑުވުންތައް ފާޅު ކުރައްވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ދާއިރާތަކަށް ކިޔާ ނަންތައް ބަދަލު ވެގެން ބިލު އަންނައިރު އޭނާ އެ ފާހަގަ ކުރެއްވި ކަންބޮޑުވުންތަކަށްވެސް ބިލަށް ގެނެވޭ އިސްލާޙުތަކުގެ ތެރެއިން ޙައްލެއް ލިބިފައި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާގެ އެ ކަންބޮޑުންތަކަށް ހޯދޭނެ ސީދާ ފަރުވާއެއް މިވަގުތު އަމިއްލަފުޅަށް ވިދާޅުވާން އެނގިވަޑައިނުގެންނެވި ނަމަވެސް ނަޝީދުވެސް ވަނީ އެކަމުގައި ހެދިދާނެ ކަމަށް އޭނާއަށް ފެންނަ ގޮތްތަކެއްވެސް ޙިއްސާ ކުރައްވާފައެވެ.

"އެ ދެރަށުގެ ނަން ވެސް ނޮޅިވަރަމާއި، ނޮޅިވަރަންފަރު އިންދާ، އަޅުގަނޑުމެނަށް ނޮޅި ކަނޑައިލާފައި، ނޫނީ ދެން ރަންފަރު ކިޔާފައި، ނޫނީ ހަމައެކަނި ނޮޅިވަރަންފަރު، ނޫނީ ދެން އަނެއް ރަށަށް އެހެން ކޮންމެވެސް ނަމެއް، މިގޮތަށް އިސްލާހެއް ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވައިފިއްޔާ ވަރަށް ރަނގަޅު މިކަހަލަ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނައިރު. އޭރުން އަޅުގަނޑުމެންނަށްވެސް ދެރަށުގެ ނަން ތަފާތުކޮށް ކިޔަން ފަސޭހަވާނެ. އެއީ ކޮންމެ ބަޔަކަށްވެސް ވަކި އައިޑެންޓިޓީއެއް ބޭނުންވާނެ ކަންނޭނގެ މިހާލަތުގައި" ނަޝީދު އޭނާގެ އަމިއްލަ ޚިޔާލު ދެއްވަމުން ވިދާޅުވިއެވެ.

ނަޝީދުގެ ދާއިރާއިން މިސާލު ނަންގަވައި އޭނާ ފާޅުކުރެއްވި ކަންބޮޑުވުންތައް އަންނަން މެދުވެރިވި ސަބަބާއި އެކަމުގައި ހޯދިދާނެ ޙައްލު ދެން ވިދާޅުވީ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދެވެ. ނަޝީދުގެ ވާހަކަ ނިމުމާއެކު މަޖިލީހުގެ ރިޔާސަތަށް ލިބުނު ފުރުޞަތުގެ ބޭނުން ހިއްޕަވައި މަޖިލީހުގެ ރައީސް އެންމެ ފުރަތަމަ ވިދާޅުވެދެއްވީ ނޮޅިވަރަމް ދާއިރާއަށް އެ މައްސަލަ ކުރިމަތިވި ހަގީގީ ސަބަބު ކަމަށް ދިވެހިރާއްޖޭގެ ތާރީޚާއި އަދި ބަޔެއް އެހެން ގައުމުތަކުގެ ތާރީޚީ ފަތްފުށްތަކުންވެސް ފެންނަން އޮތް ގޮތެވެ. ރަށްރަށާއި ތަންތަނަށް ދިވެހިން ނަން ކިޔައި އުޅުމުގައި ބޭރުގެ ބަސްބަހާ ގުޅި ލާމެހިފައިވާ މިންވަރުވެސް ވިދާޅުވެ ދެއްވިއެވެ. ދިވެހި ބަސް އުފެދިގެން އައިރު ދިވެހި ބަހުގެ ތެރެއަށް ބޭރުގެ ބަސްބަހުގެ ނުފޫޒު ވަދެފައި އޮތް މިންވަރުވެސް ސާފުކޮށް ދެއްވިއެވެ. ވީމާ ނޮޅިވަރަމް އާއި ނޮޅިވަރަމްފަރުގެ ނަން އައީ ކޮންބަހަކުން ކަމާއި، އެ ދެ ރަށުގެ ނަން އެއްބަހަކަށް ހަދަން ބޭނުމިއްޔާ ދެން އަމަލު ކުރަން އޮތް ހަމައެކަނި ގޮތްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން، ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް. އަޅުގަނޑުމެނަށް އެ ދެނަން ނޮޅިވަރަމާއި ގުޅިގެން ދިރާސާތަކުން މިހާތަނަށް ފެނިފައި މިއޮތީ، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހި ބަހަކީ ފެންނަހެން އަރަބީގެވެސް ފާރިޝީއާއި ޕަސްތުއާ. ދެން އަޅުގަނޑުމެނަށް ވަރަށް ގިނަ ބަސްބަސް ހިމެނިގެން ދިވެހި ބަސް ލިބިފައި މިއޮތީ. ޚާއްޞަ ގޮތެއްގައި އިއްޒަތްތެރި މެންބަރުގެ ދާއިރާއަށް ނޮޅިވަރަމްޕަރަމް އާއި، ނާޅިވަރަމް. ދެރަށް އެއީ ހަމަ ކަނޑައެޅިގެން. އެހެންނަމަވެސް ޑްރެވީޑިއަން ބަހުން އަޅުގަނޑުމެނަށް ލިބިފައިވާ ދެނަން އެއީ. ދެން އަޅުގަނޑުމެން އެ އެއްބަހަކަށް ހަދަންޏާ އަޅުގަނޑުމެން ދާންޖެހޭނީ ދެކުނު އިންޑިއާގެ ތަންތަނަށް، ނަންނަމަށް، ބަސްބަހަށް، އަދި ޑްރެވީޑިއަން އެކިއެކި ބަސްބަހުގެ އޭގެ އަސްލަށް އަޅުގަނޑުމެން ދާންޖެހޭނީ" މެމްބަރު ނަޝީދުގެ ދާއިރާއަށް ކުރިމަތިވި ކަންބޮޑުންތަކަށް ތާރީޚީ ފަރުވާއެއް ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދެން އައި ދެވަނަ ކަންބޮޑުވުން އައީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދާއި އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެގެ ފަރާތުންނެވެ. ދެ މެމްބަރުންވެސް ކުރެއްވީ އެއް ޝަކުވާއެކެވެ. ދެ މެމްބަރުންގެވެސް މި ކަންބޮޑުވުމަކީ ހަމަ އެއް ކަންބޮޑުވުމެކެވެ. އެއީ ރާއްޖޭގައި އެއް ނަމެއް ކިޔާ އެއްރަށަށްވުރެ ގިނަ ރަށް ހުރުމެވެ. އޭގެ ސަބަބުން އަރާ އޮޅުންތަކާއި މައްސަލަތަކުގެ ވާހަކައެވެ. ދާއިރާ ތަކަށް ނަން ކިޔުމުގައިވެސް އެއް ނަމެއް ކިޔާ ދެރަށް ނުވަތަ އެއަށްވުރެ ގިނަ ރަށް ރާއްޖޭގައި ހުރުމުން އުދަނގޫވާ މައްސަލައެވެ.

"ރާއްޖޭގައި އެބައޮތް ކަނޭނގެ މީހުން އުޅޭ ދެ ދިއްދޫއަކާއި، ދެ ވާދޫއަކާ މިގޮތަށް ހުރި ރަށްތަކެއް. އެހެންވީމާ އެގޮތަށް ހުރި ރަށްތައްވެސް އެބަޖެހޭ އަތޮޅު އެހެން އިނަސް، ރަށްތަކުގެ ނަންތައް ކޮންމެ ރަށަކަށްވެސް ވަކި ޚާއްސަ ނަމެއް ކިޔަން. ރާއްޖޭގައި އެބަހުރި ކަންނޭނގެ އަދި ބައިވަރު ރަށްރަށް (އެއްނަމެއްކިޔާ). މީހުން ނޫޅޭ ރަށްރަށްވެސް އެއް ނަމެއް ކިޔާ ރަށްރަށް. އެހެންވީމާ، އޮޅުންއަރާ ކަންތައްތައް ޙައްލު ކުރެވޭނީ އެ ރަށަކަށް ވަކި ނަމެއް ކިޔައިގެން" މެމްބަރު ނަޝީދު ވިދާޅުވިއެވެ.

ވައްޑެގެ ކަންބޮޑުވުމަކީވެސް އެއީއެވެ. ވައްޑެ ވިދާޅުވީ ރާއްޖޭގެ ތާރީޚު މަޖިލީހުގެ ރައީސަށްވެސް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރާއްޖޭގައި ތަކުރާރުކޮށް އެއްނަމެއް ކިޔާ ރަށްރަށް އެބަހުރި ކަމަށެވެ.

"މިސާލަކަށް މީދޫ ކިޔާ އެބައޮތް ތިން ރަށެއް. ވާދޫ ކިޔާ އެބައޮތް ދެރަށް. މާޅޮސް ކިޔާ އެބައޮތް ދެރަށް. ތިނަދޫ ކިޔާ އިއްޒަތްތެރި ރައީސް ވިދާޅުވި ގޮތަށް އެބައޮތް ދެރަށް" ވައްޑެ ވިދާޅުވިއެވެ.

ނަޝީދާއި، ވައްޑެގެ މި ކަންބޮޑުން ތަކަށްވެސް މަޖިލީހުގެ ރައީސް ހަމަ އެ ބަހުސްގެ ތެރެއިން ލަހެއް ފަހެއްނެތި ދިވެހި ތާރީޚުގެ ތެރެއަށް ޖެހިލެއްވުމަށްފަހު ވަނީ ފަރުވާއެއް ދެއްވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ އެއް ނަމެއް ކިޔާ ދެރަށް ނުވަތަ އެއަށްވުރެ ގިނަ ރަށް ރާއްޖޭގައި ހުރި ނަމަވެސް އެކަން އޮތީ އެ ދެމެމްބަރުންގެ ފަރާތުން ކަންބޮޑުންތައް އައިގޮތަށް ނޫން ކަމަށެވެ. އެކަން ހިނގާފައި އޮތް ގޮތްކަމަށް ދިވެހި ތާރީޚުން ފެންނަން އޮތީ މުޅިން އެހެން ގޮތެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެއް ނަން ކިޔާ ރަށްރަށް، އަޅުގަނޑަށް ދަންނަވަން ޖެހޭނީ ހަގީގަތުގައި އެ ގޮތަކަށް ނޫން އެކަން އޮންނަނީ. މިސާލަކަށް ތިނަދޫ. އެއީ މަސް ތިނަދޫ އާއި ހަވަރު ތިނަދޫ. ވ. އަތޮޅުގައި މިއޮތީ މަސް ތިނަދޫ. ހުވަދު އަތޮޅުގައި އެއޮތީ ހަވަރު ތިނަދޫ. ދެން އެހެންނޫނީ މުލަކު. މ. އަތޮޅުގައި އެއޮތީ ބޮލި މުލައް. ދެން އަޅުގަނޑުމެނަށް އެއޮތީ ފުވައްމުލައް. އެހެންވީމާ ނަންނަން ދޭއިރުގައި އެއް ނަމެއް ވަންނަންޏާ އެބަ އެއަށް އިތުރު ނަމެއް ލެވިފައި، އިތުރު ފާހަގައެއް އޭގައި ޖެހިފަވޭ" ދެ މެމްބަރުންގެ ކަންބޮޑުވުން ތަކަށް ތާރީޚުން ޙައްލު ހޯއްދަވައި ދެއްވަމުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.