އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.
މި ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ.
15 ހަފުތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކުން 288 ފިރިހެން ކެޑޭޓުން، އަދި 64 އަންހެން ކެޑޭޓުން ހިމެނޭހެން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. މި ކޯސް ފުރިހަމަކުރުމަށް ޓަކައި ކޯހުގެ ދަރިވަރުން ވަނީ ޖޫން 8ވަަނަ ދުވަހު ޅ.މާފިލާފުށީގައި ހުންނަ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރަށް ރިޕޯޓްކޮށްފައެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ކެޑޭޓުން އިޤްރާރުވުން އޮތެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދެވޭނެއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝާރިމާއި، މި ތަމްރީން ޕްރޮގްރާމްގެ މުދައްރިބުންނާއި ކެޑޭޓުން ބައިވެރިވެލެއްވިއެވެ.
