މެމްބަރުންގެ ބަހުސް ދާއިރާގެ ނަން ބަދަލު ކުރުމާ ދިމާލަށް، ތިރަށު މީހުން ބުނަނީ ކީކޭ؟

މިއީ ހަމަ ވަރަށް ޝައުގުވެރި ބަހުސެކެވެ. ރައްޔިތުންގެ ވިންދާ ވަރަށް ބޮޑަށް ގުޅުން ހުރި، އެހާމެ ދިގުކޮށްވެސް ކުރަންޖެހޭ ބަހުސެކެވެ. ވަރަށް ފުނަށް ފީނަންވެސްޖެހޭ ބަހުސެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަނި ބަހުސް ކޮށްލެއްވުމަށްފަހު، އެ ހިސާބުން ނިމެން އޮތް ބަހުސެއްވެސް ނޫނެވެ. ރައްޔިތުންވެސް މި ބަހުސްގައި ބައިވެރިވާންޖެހޭ، ސީދާ ރައްޔިތުންގެ ބަހުސެކެވެ. އެހެންވެ މި ބަހުސް ކުރަން މިޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންނެވެ. ދެބައިމީހުން އެކުވެގެން މި ބަހުސް ކޮށްނިންމާލާއިރު ދާއިރާގެ ނަން ބޯޑު އިންނާނީ ހެޔޮވަރު ވަރަކަށް ފިޓުކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް މިހާރު ނަން ދީފައި އޮންނަނީ އެ ދާއިރާއެއްގައި އޮތް އެންމެ އާބާދީ ބޮޑު ރަށެއްގެ ނަމުންނެވެ. އެހެންވެ ދާއިރާގައި ކިތަންމެ ރަށެއް ހިމެނުނަސް ، ދާއިރާ ތަމްސީލު ކުރައްވާ މެމްބަރުންގެ މޭޒުކޮޅުގައި އިންނަ ބޯޑުންވެސް ފެންނަނީ އެންމެ ރަށެއްގެ ނަމެވެ. އިންތިޚާބީ ދާއިރާތަކުގެ ނަން މިހާރު އޮންނަ ގޮތުން އެ ދާއިރާގައި ހިމެނެނީ ކިތަށް ރަށްކަމެއް، އަދި އެއީ ކޮން ރަށްތަކެއް ކަމެއް އާންމުންގެ ތެރެއިން ގިނަމީހުންނަކަށް ހަގީގަތުގައިވެސް ނޭނގެއެވެ. މި ސަބަބާހުރެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މިސްރާބު ދާއިރާތަކުގެ ނަން ބަދަލު ކުރުމާދިމާލަށް މިހާރު ހުރީ ވަރަށް ބޮޑަށް ހިފާފައެވެ. މެމްބަރުން އުޅުއްވަނީ އެ ބަހުސްގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް މިހާރު ދީފައިވާ ނަމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ ސިގްނަލް އެންމެ ފުރަތަމަ ލިބިގެން ދިޔައީ ހުސްވި އޮގަސްޓް މަހުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމަށް، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ބިލެއް ހުށަހެޅުއްވި ހިސާބުންނެވެ. މި ބިލުގެ ބަހުސް ނިންމާލުމަށް ފަހު އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި، ބުދަ ދުވަހު ވަނީ 67 މެމްބަރުންގެ ރުހުމާއެކު މަޖިލީހަށް ބިލު ބަލައިގަތުމަށް ފާސްކޮށް، ބިލު އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ބިލުގެ ބަހުސް ކުރިޔަށްދިޔައިރު ވަރަށްގިނަ މެމްބަރުންގެ ޝައުގުވެރިކަން މިބިލަށް ހުއްޓެވެ. ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންހެން މި ބިލަށް ޖުމްލަކޮށް ތާއީދު ކުރެއްވިއެވެ. މިކަމުގައި ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ ފުށުންވެސް ފެނިގެން ދިޔައީ ދާއިރާތަކަށް މިހާރު ނަން ދީފައިވާ ގޮތް ބަދަލު ކުރުމުގެ ރޫޙެވެ. އެބޭފުޅުން ތަމްސީލު ކުރައްވަނީ އެންމެ ރަށެއް ނޫން ކަމާއި، ތަމްސީލު ކުރައްވާ އެހެން ރަށްތައްވެސް ނަމުގެ ތެރެއަށް ވައްދަންޖެހޭ ކަމަށް މެމްބަރުން ވަކާލާތު ކުރެއްވި މަންޒަރު ފެނިގެން ދިޔައެވެ.

ބިލުގެ ބަހުސްގައި ވަރަށްގިނަ މެމްބަރުން އެ ބޭފުޅުންގެ ޚިޔާލުފުޅު ދޫކޮށްލެއްވިއެވެ. މިހާރު ނަން ކިޔާފައި އޮތްގޮތް ކަމުނުދާ ސަބަބާއި، އަލުން ނަން ދޭއިރު ވިސްނުން ބަހައްޓަންވީ ކަންކަމުގެ މައްޗަށްވެސް މެމްބަރުން އަލި އަޅުވާލެއްވިއެވެ. އަދި މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދުވެސް މި ބަހުސްގެ ތެރެއަށް ފިސާރި ރަނގަޅަށް ވަންނަވައި، ދޭތެރެދޭތެރެއިން އެމަނިކުފާނުވެސް ފެނިވަޑައިގަންނަވާ އެއްޗެއް ތާރީޚުގެ ސޮފުހާތައްވެސް އުއްކަވަމުން ވިދާޅުވަމުން ގެންދެވިއެވެ. އެހެންނަމަވެސް މި ބިލު މަޖިލީހަށް ބަލައިގަތުމަށް ބުދަ ދުވަހު ފާސްވެގެން ގޮސް، ކޮމިޓީ މަރުޙަލާއަށް ދިޔައިރު ކޮމިޓީގެ މެމްބަރުންނަށްވެސް މިއީ އެހާ ފަސޭހަ މަސައްކަތަކަށް ނުވާނެކަން މެމްބަރުންގެ ވާހަކަފުޅުތަކުން އެނގިގެން ދިޔައެވެ.

ކޮމިޓީއަށް މިހާރު ގޮސްފައިވާ މި ބިލަށް ގެންނަ އިސްލާޙުތައް މިހާރު އަތުރާލާފައިވާ ގޮތަށް ބަލާއިރު، އިންތިޚާބީ ދާއިރާތަކުގެ ނަން ބަދަލު ކުރެވިގެން ދިޔުމުން އެ ދާއިރާއެއްގެ ރަސްމީ ލިޔުންތަކުގައި ލިޔާނީ، އެ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްވެސް ހިމެނޭ ގޮތަށެވެ. އަދި އެގޮތަށް ލިޔާއިރު އޮންނަންވާނީ އެ ދާއިރާއެއްގެ ރަށްރަށުގެ އާބާދީގެ ތަރުތީބުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އާބާދީގެ ތަރުތީބުން ނަން ކިޔާއިރު އެންމެ ކުރިޔަށް އަންނަންޖެހޭނީ އެންމެ އާބާދީ ބޮޑުރަށް ކަމަށާއި އެއަށްފަހު އާބާދީގެ ތަރުތީބުން ނަންތައް ލިޔަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ރަސްމީކޮށް ދާއިރާގެ ނަން ލިޔާއިރު އާބާދީ އެންމެ ބޮޑުރަށުގެ ނަން ލިޔުމަށްފަހު ދެން ހުރި އެހެން ރަށްރަށުގެ ނަން ލިޔެފައި އޮންނަންޖެހޭނީ ބުރެކެޓެއްގެ ތެރޭގައި ކަމަށް ބިލުގައި ވެއެވެ. ރަސްމީ ލިޔުންތަކުގައި ދާއިރާގެ ހުރިހާ ރަށެއް ފެންނަން އޮތް ނަމަވެސް ރަސްމީކޮށް ދާއިރާގެ ނަން ކިޔުމުގައި އަމަލު ކުރަންޖެހޭނީ މިހާރުވެސް އަމަލު ކުރަމުން އަންނަ އުސޫލާ އެއްގޮތަށް ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.

ބިލު ހުށަހަޅުއްވި މެމްބަރު ސަލީމް ވިދާޅުވީ އޭނާ މި ބިލު ހުށަހެޅުއްވި ސަބަބަކީ އާބާދީ ކުޑަޔަސް، ބޮޑަސް މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ދަފުތަރުގައި ހިމެނޭ ކޮންމެ ރަށަކީ ސަމާލުކަން ލިބެންޖެހޭނެ ރަށަކަށް ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން އިދާރީ ދާއިރާތަކުގެ ނަން ބޭނުން ކުރަނީ އެ ދާއިރާއެއްގައި އޮންނަ އެންމެ އާބާދީ ބޮޑު ރަށަށް ނުވަތަ ސިޓީއެއްގެ އަވަށަށް ނިސްބަތްވާ ގޮތަށް ކަމަށްވުން އެއީ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ ކަމަށެވެ. ސަބަބަކީ ދާއިރާގެ ނަން އެންމެ ރަށަކަށް ނިސްބަތްވާ ގޮތަށް މިހާރު އޮތުމުން އެ ދާއިރާއެއްގައި ހިމެނޭ އެހެން ރަށްތަކަކީ ކޮބައިކަން ރަސްމީ ލިޔުންތަކުން ގިނަ ފަހަރަށް ނޭނގުމަކީ މައްސަލައެއް ކަމަށްވާތީއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ފަދަ ހުރިހާ ރައްޔިތުން ތަމްސީލުކުރާ ތަނެއްގައި، ދާއިރާތަކަށް މިހާރު ނަންދެވިފައިވާ ގޮތުން، ރާއްޖޭގެ ގިނަ ރަށްރަށް މަންޒަރުން ގެއްލިފައިވާ ކަމަށެވެ. އެހެންވެ އެއީ  އާބާދީ ކުދި ރަށްތަކަށް ލިބިފައިވާ އިހާނެތި ކަމެކެވެ. ބޭއިންސާފެކެވެ.

މި ބިލުގެ ބަހުސް މަރުޙަލާގައި ވަރަށްގިނަ މެމްބަރުން ވާހަކަފުޅު ދައްކާފައިވެއެވެ. އަދި މަޖިލީހުގެ ރައީސްވެސް އެމަނިކުފާނުގެ ޚިޔާލުފުޅުތައް މެމްބަރުންނާ ޙިއްސާ ކުރައްވަމުން ގެންދެވިއެވެ.

މިއީ ހަމައެކަނި މެމްބަރާ ގުޅުންހުރި މައްސަލައެއްނޫނެވެ. މިއީ ހަމައެކަނި ކޮމިޓީއާ ހަމައިން ނުވަތަ މެމްބަރުންނާ ހަމައިން ނިންމާލެވޭވަރަށްވުރެ ފުޅާ ބަހުސެކެވެ. މިކަމުގެ ތެރެއަށް ބަސް ކޮމިޓީތަކާއި، ކަމާގުޅޭ ފަންނީ މާހިރުންގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ޚިޔާލުވެސް ވަދެގެން ދާންޖެހެއެވެ. ދާއިރާގެ ހުރިހާ ރައްޔިތުންގެ ވިންދުވެސް ވަންނަންޖެހެއެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުން މިކަން އަލުން ނިއުޅައި ހާވާއި، ގޮތެއް ނިންމާއިރު ރައްޔިތުންގެ ބަސް ވަރަށް ބޮޑަށް މީގެތެރެއަށް ވައްދަންޖެހެއެވެ. "ތިރަށު މީހުން" ގެ ޚިޔާލަކީ ކޮބައިތޯވެސް އަހައި، އޮޅުންފިލުވައިލުމަކީވެސް މެމްބަރުން ހިސާބަކަށް ކުރައްވާނެ ކަމެއް ކަމަށް ހީވެއެވެ. އޭރުން ނިމޭއިރު އޮންނާނީ ރަށުމީހުންގެ ބަހެއްވެސް އޭގެތެރެއަށް ޝާމިލު ވެފައެވެ. ދާއިރާގެ ނަން ބަދަލު ކުރަން މެމްބަރުން އެ އުޅުއްވަނީވެސް ހުރިހާ ރަށެއްގެ މީހުންވެސް ހިތްހަމަ ޖައްސައިދިނުމުގެ ނިޔަތުގައެވެ. އެހެންވީމާ އެ ހިތްހަމަޖެހުން ލިބިގަންނަން ތިބި މީހުންގެ ރައުޔެއްވެސް މުހިންމު ވާނެއެވެ.

ބަޔެއް މެމްބަރުންގެ ޚިޔާލުފުޅު:

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހީމް ވިދާޅުވީ ކަނޑިތީމު ދާއިރާ ތަމްސީލު ކުރާ މެންބަރެއްގެ ހައިސިއްޔަތުން ކަނޑިތީމު ދާއިރާގައި ފަސް ރަށް ހިމެނިފައި އޮތްއިރު، ކަނޑިތީމު ދާއިރާއޭ ބުނުމުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެ ދާއިރާގައި ދެން އޮތީ ކޮންރަށްތަކެއް ކަމެއް ނޭނގޭ ކަމަށެވެ. އެހެންވެ ބްރެކެޓެއްގައި ނަމަވެސް ދާއިރާ ތަމްސީލުވާ ގޮތަށް އެ ދާއިރާގައި ދެންހުރި ރަށްތައް ކަމށްވާ ނޫމަރާ، ފޭދޫ، ގޮއިދޫ، ބިލެތްފަހިވެސް އޮތުމަކީ ދާއިރާގެ ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނާނެ ކަމެއް ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ސިފަ ކުރެއްވި ގޮތުގައި އިންތިޚާބީ ދާއިރާތަކުގެ ނަމަށް ބަދަލު ގެނައުމަށް ބިލުގައި ބުނެވިފައިވާ ކަންކަމަށް ބަލާއިރު އެއީ ދާއިރާތަކުގެ ރައްޔިތުންނަށް ލިބިގެންދާ އިތުރު ޝަރަފަކާއި ފަޚުރެއް ގެނުވާނެ ކަމެކެވެ. އޭނާވެސް ވިދާޅުވީ މިހާރު ދާއިރާތަކުގެ ނަން ކިޔަމުން އަންނަ ގޮތުން ދާއިރާތަކުގައި އޮންނަ އާބާދީ ކުދި ރަށްރަށުގެ މީހުންގެ ހިތުގައި ސުވާލު އުފެދި، ނިކަމެތިކަން އެމީހުންނަށް އިޙްސާސް ކުރެވޭ ކަމަށެވެ.

" އެހެންވީމާ، އަޅުގަނޑު ދެކެނީ، ރައްޔިތަކަށް ޝަރަފެއް، ފަޚުރެއް، ލޯތްބެއް، އުފަލެއް ލިބޭ އެއްވެސް ކަމެއް، އަކުރެއް، ފިއްޔެއް، ތިއްކެއް ބަދަލުކުރަން ވިޔަސް އަޅުގަނޑު އެކަމެއް ހުށަހެޅި ބޭފުޅަކަށް ތާއީދުކުރާނަން." އަދުން ޙުސައިން ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވީ އޭނާގެ ދާއިރާގައި އޮންނަނީ އެންމެ ދެރަށް ކަމަށްވުމާއެކު، އެ ދާއިރާއަށް އޭނާ ވިދާޅުވާހިތް ވަނީ "ގައްދޫވާދޫ ދާއިރާ" މިހެންނެވެ. އޭނާ ވިދާޅުވީ މިހާރުވެސް ގިނަފަހަރު އަމިއްލަފުޅަށް ދާއިރާގެ ނަން ވިދާޅުވަނީ އެގޮތަށް ކަމަށެވެ. އަދި މިހާރު ދާއިރާއަށް ނަން ދީފައި އޮތްއިރު ހަމައެކަނި ގައްދޫގެ ނަން އޮތުމުން ވާދޫގެ ނަން "ފޮހެވިފައި އޮންނަނީ" ކީއްވެތޯ ރައްޔިތުން ސުވާލު ކުރަމުން އަންނަ ކަމަށް ޒާހިރު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުޙަންމަދު ޝިފާއުގެ ޚިޔާލު ބިލުގެ އިސްލާހުގައި މިހާރު އޮތްގޮތާ ތަފާތެވެ. ޝިފާއު ވިދާޅުވި ގޮތުގައި އޭނާއަށް ބޮޑަށް ތާއީދު ކުރެވޭ ގޮތަކީ މިހާރު އިސްލާޙު ހުށަހެޅިފައި އޮތްގޮތް ކަމަށްވާ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ފިޔަވައި ދެންހުރި ރަށްރަށުގެ ނަން ބުރެކެޓެއްގެ ތެރޭގައި ކުޑަކޮށް ފެންނަން އޮތުމުގެ ބަދަލުގައި، ހުރިހާ ރަށެއްގެ ނަންވެސް ތަފާތު ކުރުމެއްނެތި އެކީއެކައްޗަކަށް ކިޔޭ ގޮތަށް އޮތުމެވެ.

"ޙަޤީގަތުގައި ލިޔުމުގެ އިތުރުން އަޅުގަނޑުމެންނަށް ކިޔުމުގައިވެސް މިހުރިހާ ރަށްތަކެއް ބޭނުން ކުރެވޭނެ ގޮތަށް މަގުފަހިވެގެން ދިއުމަކީ އެއީ އަޅުގަނޑަށު އެދޭ އެންމެ ރަނގަޅު ގޮތް" ޝިފާއު ވިދާޅުވިއެވެ.

ދާއިރާއަށް ނަން ކިޔުމުގައި ނަންތައް ހިމަނާނެ ތަރުތީބު ކަނޑައެޅުމުގައިވެސް މިހާރު ކޮމިޓީއަށް ފޮނުވި އިސްލާހުގައި އޮތްގޮތާ އޭނާގެ ޚިޔާލު މުޅިން ތަފާތެވެ. އޭނާގެ ނަޒަރުގައި ނަންތައް ތަރުތީބު ކުރުމުގައި އާބާދީގެ ފަރަގަށް ބަލާކަށް ނުޖެހޭނެއެވެ. އާބާދީގެ ފަރަގުގެ ސަބަބުން ކުދި ރަށްރަށުގެ ނަން ފަހަތަށް ޖެއްސުމުގެ ބަދަލުގައި އޭނާ ތާއީދު ކުރައްވަނީ ރަށްރަށް ކަނޑައެޅުމުގައި ޒަމާނުއްސުރެ ރަށްރަށަށް ދީފައިވާ ތަރުތީބު ނަންބަރުން ނަން ހިމެނުމަށެވެ.

"ހަގީގަތުގައި އެ ނަންބަރުތައް މީގެކުރީގައިވެސް ދެވިފައި ހުރީ އުތުރުން ދެކުނަށް އެ ރަށްތައް އެތުރިފައި ހުންނަ ތަރުތީބަކުން. އެތަރުތީބު އަޅުގަނޑުމެން ސިކުނޑީގައި ގެންގުޅުނީމާ، ކޮންމެހެން އާބާދީއަށް ބަލައި ކުޑަރަށަށް ބޮޑު ރަށަށް އިސްކަންދީ، ފަސްކަންދީ، މިގޮތަށް ކަންކަން ކުރުމަށްވުރެ އަޅުގަނޑުގެ ހިތަށް ހަމަގައިމުވެސް މާފަސޭހަ ވަކިތަފާތު ކުރުމެއް ނެތި، ދެން އޮތް ތަރުތީބަކުން ނަންތައް ލިޔެލާފައި އެގޮތަށް އެކަން ދުއްވައި ލިއްޔާ" ޝިފާއު ވިދާޅުވިއެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ މިހާރު ދާއިރާއަށް ނަން ކިޔާފައި އޮންނައިރު ހަމައެކަނި ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުން ނަން ކިޔާފައި އޮންނާތީ ދެންހުރި ރަށްރަށަށް އެކަމުގެ ނިކަމެތިކަން ތަރައްގީގެ ކަންކަމުގައި މާބޮޑަށް ލިބެމުން އަންނަ ކަމަށެވެ. އަދި ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށަށް އިސްކަންދީފައި، ދެން ހުރި ރަށްރަށް މަތިން ގިނަބަޔަކު ހަނދާން ނުހުންނަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ބަޔެއް ވަޒީރުންނާއި، ބަޔެއް މުއައްސަސާތަކުގެ ބޭފުޅުންވެސް ދާއިރާގެ އާބާދީ އެންމެ ބޮޑު ރަށަށް ވަޑައިގަތުމަށް ފަހު، ދެން އެ ދާއިރާގައި ހުންނަނީ ކޮން ރަށްތަކެއްތޯ ސުވާލު ކުރައްވާ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުރި ކަމަށެވެ. ރަށްރަށް ތަރައްގީ ކުރާއިރު އާބާދީ ބޮޑު ރަށަށް އެރަށުގެ އާބާދީގެ ނިސްބަތުން ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، އާބާދީ ކުޑަރަށުގައި އެ ފެންވަރަށް މަޝްރޫއުތައް ނުހިންގި ނަމަވެސް ކުޑަރަށްވެސް ތަރައްގީގެ ބޮޅުގެ ތެރެއިން މުޅިން ބާކީކޮށްނުލައި އެކަމުގެ "ޕޯޝަނެއް" ނަމަވެސް ލިބޭނެ ގޮތަކަށް ކަންކަން ހިންގުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. ދާއިރާތަކަށް ނަން ކިޔުމުގައި ހުރިހާ ރަށެއްގެ ނަން ފެންނަން އޮތުމަކީވެސް އެކަމަށް ލިބޭ ބާރެއް ކަމަށް ރިޒާ ފާހަގަ ކުރެއްވިއެވެ.

ރިޒާވެސް ބޮޑަށް ތާއީދު ކުރައްވަނީ ދާއިރާއަށް އަލުން ނަން ކިޔާއިރު އެ ދާއިރާގެ ހުރިހާ ރަށެއްގެ ނަންވެސް ފެންނަން އޮތުމަށެވެ.

" އަޅުގަނޑުވެސް އެދެނީ ހަމަ މިލަންދޫ ދާއިރާގެ ނަމުގެ ފަހަތަށް މިލަންދޫ، ފީވައް، ނަރުދޫ، މި ތަރުތީބުން އައިއްސަ އޮތުމަކީ މުހިންމު ކަމެއް ކަމަށް" ރިޒާ ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުޙަންމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވީ ކުޑަ ރަށް މަތިން ހަނދާން ނެތިފައި އޮންނަ ވާހަކަ އާއި ކުޑަ ރަށާމެދު ސަމާލުކަމެއް ނުދެވޭ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުގައި އަބަދުވެސް ގެންގުޅޭ "ފޯމިއުލާ" އަކީ ރަށްރަށުގެ ސައިޒަށާއި، އާބާދީގެ ނިސްބަތުގެ ތަފާތު ކުރުމެއްނެތި ތަރައްގީ ގެނެސްދިނުން ކަމަށެވެ.

މޯޑު ވިދާޅުވީ އޭނާ ވެލިދޫ ދާއިރާގެ ތަމްސީލު ކުރައްވާއިރު، އެކަމާ ހަވާލުވީ ދާއިރާގައި އޮތް އެންމެ އާބާދީ ކުޑަ ރަށުގެ މީހުންގެ ވޯޓާވެސް އެކުގައި ކަމަށެވެ. އެހެންވެ އާބާދީ ކުޑަ ރަށުގެ އަޑުވެސް މަޖިލީހުގައި މެމްބަރުން އުފުލައި ދެއްވާއިރު އެ ދާއިރާގެ ނަން ކިޔުމުގައި ހުރިހާ ރަށެއްގެ ނަންވެސް ހިމެނޭ ގޮތަށް ކިޔުމަކީ މުހިންމު ކަމެއް ކަމަށް މޯޑު ވިދާޅުވިއެވެ. ވެލިދޫ ދާއިރާގައިވެސް ވެލިދޫގެ އިތުރުން ދެން އޮންނަ ދެ ރަށަކީ ކޮބައިކަން ގިނަ މީހުންނަށް ނޭނގޭކަން މޯޑު ފާހަގަ ކުރެއްވިއެވެ.

އާބާދީ އެންމެ ބޮޑު ރަށުގެ ނަން ބޮޑުކޮށް ލިޔުމަށްފަހު ދެން ހުރި ރަށްރަށުގެ ނަން ބުރެކެޓެއްގައި ލިޔުމުގެ ބަދަލުގައި ދާއިރާގެ ހުރިހާ ރަށެއްގެ ނަންވެސް ވަކިތަރުތީބަކުން ފެންނަން އޮންނާނެ ގޮތަށް ހެދުމަކީ މޯޑު ބޮޑަށް ތާއީދު ކުރައްވާ ގޮތެވެ. އެހެންވެ އޭނާއަށް އެންމެ ރަނގަޅީ އެ ދާއިރާގެ ނަމަކަށް "ވެލިދޫ،ޅޮހި،ފޮއްދޫ" މިހެން ކިޔުން ކަމަށް ވިދާޅުވިއެވެ.

"ބްރެކެޓެއްގެ ތެރޭގައި ތިން ރަށުގެ ނަން، ނޫންނަމަ އިތުރަށް ހިމެނޭ ރަށްތަކުގެ ނަން، އެގޮތަށް ވުރެވެސް ބޮޑަށް އަޅުގަނޑަށް ހަމަ ރަނގަޅީ ވެލިދޫ، ޅޮހި، ފޮއްދޫ މިދާއިރާގެ ނަމުގެ ގޮތުގައި އައުން" މޯޑު ވިދާޅުވިއެވެ.

ސަރުކާރަށް އެންމެ ބޮޑަށް މަޖިލީހުގައި ފާޑު ވިދާޅުވަމުން ގެންދަވާ އެއް މެމްބަރު ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު އަބްދުﷲ އަށްވެސް މިއީ ވަރަށް ގަޔާ ވެވުނު ބިލަކަށް ވެގެން ދިޔައެވެ. އޭނާ ވިދާޅުވީ "މާލެ އާއި ރާއްޖެތެރޭގެ ބެރު" ވަރަށް ގަދަވެފައި އޮތް ދަނޑިވަޅެއްގައި މިއީ މަޖިލީހަށް އައި ވަރަށް ރަނގަޅު ބިލެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭނާގެ ދާއިރާގައި އޮތީ ނޮޅިވަރަމާއި، ނޮޅިވަރަމްފަރު އެކަނި ކަމަށްވިޔަސް އެ ދެ ރަށުގެ ނަން އިންނަ ގޮތަށް ބަލާއިރު، އެ ދެ ރަށުގެ ނަން އެކުގައި އަތުވެއްޖެނަމަ ކިޔާލަން "ފުދޭވަރަކަށް ދިގު" ވާނެ ކަމަށެވެ. އެހެންވެ އެކަމުގެ ސީދާ ޙައްލެއް ވަގުތުން ވަގުތަށް ވިދާޅުވެދެއްވަން އުދަނގޫ ވިޔަސް  އެކަމުގައި އޭނާ ޚިޔާލެއް ދެއްވިއެވެ.

"ދިގު ނަންނަން ހުންނަ ރަށްރަށަށް ތަންކޮޅެއް ކުރު ގޮތަކަށް މީތި ކިޔާފައި މި ބޭނުން ކުރެވޭނެ، ތަންކޮޅެއް މީހުންގެ ދޫތަކަށް ފަސޭހަވާނެ ގޮތަކަށް މިކަހަލަ ކަމެއް ކުރާއިރު ކުރިއްޔާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން" ނަޝީދު ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވީ އޭނާގެ ދާއިރާގައި އޮންނަ ތޮއްޑޫ، ރަސްދޫ، އުކުޅަކީ ތަރައްގީގެ މައިދާނުގައިވެސް ވަރަށް އެއްބައިވަންތަ، ވަރަށް ގުޅިގެން ކުރިޔަށްދާ ތިން ރަށް ކަމަށެވެ. ދާއިރާއަށް ނަން ކިޔާއިރު ބޮޑު ރަށާއި، ކުޑަ ރަށް ތަފާތުނުކޮށް ކުޑަ ރަށު މީހާގެވެސް އިޙްސާސް ނަމާއެކު އޮންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ގެ ޚިޔާލު އެހެން ހުރިހާ މެމްބަރުންނާ ހަމަ މުޅިން ތަފާތެވެ. ވައްޑެގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށް އެކަން ކުރުމަށެވެ. ދާއިރާ ތަކުގެ ނަމާ އިތުރަށް މަޖިލީހުން ކުޅޭނަމަ އޭނާ ލަފަޔަކީ، އެކަމަކީ އެހާ ފަސޭހަ ފަސޭހައިން ކޮށްނިންމާލެވޭ ވަރަށްވުރެ ފުޅާ، ބިޔަ  މަސައްކަތަކަށް ހެދުމެވެ.

ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ނަން ދާއިރާގެ ނަމުގެ ތެރެއަށް ހިމެނުމަށް ބިލުގައި އޮތް އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މެމްބަރެއްގެ ނަންފުޅު ވިދާޅުވާ ކޮންމެ ފަހަރަކު އެ މެމްބަރު ހިމެނިވަޑައިގަންނަވާ ދާއިރާގެ ހުރިހާ ރަށެއްގެ ނަން ފައްޗަކަށް އަމުނާލެވިފައި އޮތުން އެއީ އޭނާއަށް އެންމެ ކަމުދާ ގޮތް ނޫން ކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.

"އަޅުގަނޑުގެ ނަން ގަނެވޭ ކޮންމެ ފަހަރަކު ނުވަތަ އަޅުގަނޑުމެން އަތޮޅުގެ އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޙަސަން އަޙްމަދުގެ ނަން ގަނެވޭ ކޮންމެ ފަހަރަކު ފަސް ރަށުގެ ނަން ހަމަ ކިޔާލަން ޖެހޭނެތޯ، އެއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް" ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ނަޒަރުގައި ދާއިރާތަކަށް ނަން ކިޔުމުގައި އަލުން އެހެން ގޮތަކަށް މަޖިލީހުން މަސައްކަތް ފަށާއިރު މެމްބަރުން މަޖިލީހުގައި ތިއްބަވާ މޭޒުކޮޅުގައި އިންނަ ބޯޑުގައި، ހަމައެކަނި ރަށްތަކުގެ ނަން ލިޔެލެވުނަކަސް އެ ރަށްރަށަށް ދޭންޖެހޭ ހައްގު މަގާމު ދެވުނީކީ ނޫނެވެ. ރަށްރަށުގެ ރައްޔިތުންނަށް ހައްގު މަގާމު ހޯދައިދިނުމަށްޓަކައި އެއަށްވުރެ މާމުހިންމު މަސައްކަތް ކުރަން އެބަހުރި ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައިވެސް މުއްސަނދި ސަގަފަތާއި، އެއިން ކޮންމެ ރަށަކާވެސް ގުޅިފައި އޮތް މުހިންމު ޙާދިސާއެއްވެސް އެބައޮތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންވެ ދާއިރާގެ ނަމަށް އެހެން ބަދަލުތަކެއް ގެންނައިރު ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ވަރަށް ފުޅާދާއިރާއެއްގައި ހޯދުމަށް ވައްޑެ އިލްތިމާސް ކުރެއްވިއެވެ.

ވައްޑެ ފާހަގަ ކުރެއްވި އަނެއްކަމަކީ ރާއްޖޭގައި އެއްނަމެއް ކިޔާ ދެތިން ރަށްވެސް ހުރި ކަމެވެ. އެހެންވެ ދާއިރާއަށް ނަން ކިޔުމުގައި ވަކި ރަށެއްގެ ނަން ކިޔުމަކީވެސް ޙައްލެއް ކަމަށް އޭނާ ނުދެކެއެވެ.

"މިސާލަކަށް މީދޫ ކިޔާ އެބައޮތް 3 ރަށެއް. ވާދޫ ކިޔާ އެބައޮތް 2 ރަށް. މާޅޮސް ކިޔާ އެބައޮތް 2 ރަށް. ތިނަދޫ ކިޔާ އިއްޒަތްތެރި ރައީސް ވިދާޅުވި ގޮތަށް އެބައޮތް 2 ރަށް. އެހެންވީމާ، ހަމައެކަނި ނަން ގެނައުން ވެސް އެއީކީ ޙައްލެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ  މިކަމުގެ ވަރަށް ފުރިހަމަ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި ރަނގަޅު ދިރާސާއެއް ހެދިގެން މިކަން ކުރުމަކީ އަޅުގަނޑަށް އެންމެ ރަނގަޅު ކަމެއް" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ނަމެއް ލިޔާއިރު ވީހާވެސް ކުރުކޮށް "އެންމެ ފޮޅުވަތަކުން ސިޓީ ނިންމާލެވޭ ވަރަށް" ލިޔެވޭތޯ ބަލަންޖެހޭނެއެވެ. އަދި މި ޒަމާނުގައި ކަންކަން އިޝްތިހާރު ކުރުމާއި، މާކެޓް ކުރުމަށް ބްރޭންޑިންގ ހަދާއިރުގައިވެސް ރަށްރަށުގެ ނަން ވީހާވެސް ކުރުކުރުމަކީ ވަރަށް ބޮޑަށް ބަލަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުޙަންމަދު ރާއީ ވިދާޅުވީ އޭނާގެ ދާއިރާގައި އޮތީ ހަމައެކަނި ތިން ރަށް ކަމަށްވާތީ "މަކުނުދޫ، ކުމުންދޫ، ނޭކުރެންދޫ" ކިޔާލަން އޭނާއަށް ވަރަށް ފަސޭހަ ކަމަށެވެ. ނަމަވެސް ބަޔެއް ދާއިރާ ތަކުގައި ފަސް ރަށްވެސް ހުރެފައި، ބަޔެއް ރަށްރަށުގެ ނަން ވަރަށް ދިގުކޮށް ހުރުމާއެކު އެގޮތަށް ރަށްތައް ގުޅުވައިގެން ކިޔަން އުދަނގޫތަކެއް ހުންނާނެ ކަމަށެވެ. އެހެންވެ ރާއީ ވަނީ ދިވެހި ބަހުގެ އެކަޑަމީއާވެސް މަޝްވަރާކޮށްގެން ރަމްޒީކޮށް ކުރުނަމެއް ކިޔާލަން ލިބޭތޯ މަސައްކަތް ކުރުމަށް ލަފާ ދެއްވާފައެވެ.

ބިލު ދިރާސާ ކުރަމުން ގެންދާ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައިވެސް އިންނަވާ ގަމު ދާއިރާގެ މެމްބަރު މުޙަންމަދު ވިޝާމް ވިދާޅުވީ އޭނާގެ ދާއިރާގައި އޮތް ގަމާއި މުންޑޫ އެއްކޮށްލައިގެންވެސް ނަން ލިޔެލެވިދާނެ ކަމަށާއި، ނަމަވެސް ބަޔެއް ދާއިރާތަކުގައި ގިނަ ރަށްތަކެއް ހުރުމާއެކު، ކަމާގުޅުން ހުރި ބޭފުޅުންނާވެސް މަޝްވަރާކޮށް، ކޮމިޓީ މަރުހަލާގައި އެނޫން ގޮތަކަށް ބަލައިލުން އެއީ ރަނގަޅު ކަމެއް ކަމަށެވެ.

ފުނަދޫ ދާއިރާގެ  މެމްބަރު މުޙަންމަދު ޝާހިދުވެސް ވިދާޅުވީ އޭނާގެ ދާއިރާގައި އޮތް ފުނަދޫ، މާއުނގޫދޫ، ޅައިމަގު، މި ތިން ރަށް އެއްކޮށްލައިގެން ކިޔަން އުދަނގޫ ވާނެ ކަމަށެވެ. އަދި ބުރެކެޓެއްގެ ތެރޭގައި އެހެން ރަށްރަށުގެ ނަން އޮތުމަށް ބިލުގައި އޮތް ބަޔަކަށް ގެންނަން ފެންނަ އިސްލާޙެއްވެސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ބަހުގެ ހަމަތަކަށް ބަލާއިރު، ބްރެކެޓަކީ ކުރިއަށް އޮންނަ ބަހުގެ ޚުލާސާ ނޫނީ ތަފްސީލު. އެހެންވީމާ މިސާލަކަށް "ފުނަދޫ ދާއިރާ" އެހެން ލިޔުމަށްފަހު އޭގެފަހަތަށް އަންނަ ބުރެކެޓުގައި މާއުނގޫދޫ، ޅައިމަގު ލިޔުނީމަ ފުނަދޫ ދާއިރާއަކީ ޅައިމަގު، މާއުނގޫދޫއޭ މީހުންނަށް ހީވެދާނެ. އެހެންވީމާ އަޅުގަނޑަށް ފެނޭ "ފުނަދޫ ދާއިރާ" އެހެން ލިޔާއިރު، ބުރެކެޓުގެ ތިން ރަށްވެސް އޮތުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް. އޭރަށް ލިޔުންތަކުގައި ފެންނަން އޮންނާނެ ފުނަދޫ ދާއިރާއަކީ ފުނަދޫއާއި، މާއުނގޫދޫއާއި، ޅައިމަގާ ތިން ރަށެއް އެއްކޮށްކަން" ޝާހިދު ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފުވެސް ވިދާޅުވީ ދާއިރާއަށް ނަން ކިޔުމުގައި ވީހާވެސް ކުރުކޮށް ނަން ކިޔޭނެ ގޮތަކާމެދު މެމްބަރުން ވިސްނަވަން ޖެހޭނެ ކަމަށެވެ. ބިލު ހުށަހެޅުއްވި ސަލީމު މެމްބަރުންގެ ވާހަކަފުޅު އަޑު އެއްސެވުމަށްފަހު ވިދާޅުވީ ސިޔާސީ ގޮތުން ރަށަކަށް އެންމެ ކުޑަމިނުން ލިބެންޖެހޭ ޙައްޤު ވާ މިންވަރަކީ، މަޖިލިސް އިދާރާގައި މެމްބަރުންގެ މޭޒުކޮޅުގައި އިންނަ ބޯޑުގައި އެ ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ނަން ހިމެނުންކަން ދެކިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދުގެ ޚިޔާލުފުޅު:

މި ބަހުސްގައި ސީދާ މަޖިލިސް ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް، ބަޔެއް  މެމްބަރެއްގެ ވާހަކަފުޅުނިމި، އަނެއް މެމްބަރަކަށް ރިޔާސަތުން ވަގުތު ދެއްވާއިރު އެވަގުތުކޮޅުގެ ތެރޭގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އެއްޗެއް މެމްބަރުންގެ ސަމާލުކަމަށްޓަކައި ވިދާޅުވަމުން ގެންދެވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ނަން ގަނެވޭ ފަރިއްސެއްވެސް އޮންނަ ކަމަށެވެ. އަދި އެ ފަރިހި ވަކިވަކިން އަތޮޅު ތަކަށްވެސް ކިޔައިއުޅޭ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑު އެއްތަނެއްގެ ނަން ދަންނަވަންޏާ ގޮއިފުޅަފެހެންދޫ. އެއީ ފަޅުތެރެއަށް، ގޮއިދޫ އަތޮޅަށް، އިނގިރޭސި ބަހުން ހޯޒްބަރގް އަތޮޅު. އެއަތޮޅަށް، ގޮއިދޫ އަތޮޅަށް ވަރަށް ގިނައިން އެ އަތޮޅުގަޔާއި، އަދި އެހެންވީމާ ތުޅާދޫ، ގޮއިފުޅަފެހެންދޫ. އެއީ ދާއިރާއެއްގެ ނަން މިސާލަކަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބިލު ހުށަހެޅުއްވި މެމްބަރު ސަލީމް ނިސްބަތްވެވަޑައިގަންނަވާ ހޯރަފުއްޓަކީ "އިހަވަންދިއްޕޮޅުގެ ހުޅަނދު ދާއިރާ" ކަމަށެވެ. އަދި އެ އައަތޮޅުގައި ދެން އޮތް އިހަވަންދޫއަކީ "އިހަވަންދިއްޕޮޅުގެ އިރުމަތީ ދާއިރާ" ކަމަށެވެ.

"މިސާލަކަށް ނ. އަތޮޅުގައި، ނ. އަތޮޅު މީހުން ވަރަށް ސާފުކޮށް ބުނާނެ ވައިމަތީ ރަށްތަކޭ. އަދި ވަރަށް ގިނަ އަތޮޅުތަކުގައި މިދަންނަވާހެން ދާއިރާ ކަނޑައެޅިފައި ހުރި ރަށްތައް ޖުމްލަކޮށްފައި އެއަތޮޅު ތަކުގައި ކިޔާ ގޮތެއްއޮވޭ. އެހެންވީމާ އަޅުގަނޑު މިދަންނަވާ ވާހަކައަކީ އެކަންކަމަށް ވަރަށް ބޮޑަށް އަޅުގަނޑުމެން މި ނަންތަކާ ގުޅޭގޮތުން ވިސްނަވާއިރުގައި ވިސްނުން ބޭނުންތެރިއޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަޔެއް އަތޮޅުތަކުގައި އޮންނަ އެންމެ ކުޑަ ރަށަކީ އެ އަތޮޅުގެ އެންމެ ވަރުގަދަ ރަށް ކަމަށްވެސް ވެފައި އެބަހުރި ކަމަށެވެ. އެންމެ ނުފޫޒު ގަދަ ރަށަކީވެސް ކުޑަ ރަށް ކަމަށް ވެފައިވެސް އެބަހުރި ކަމަށެވެ. "ބިންވެރިން" ވެސް އުޅެނީ އެފަދަ ރަށްރަށުގައި ކަމަށް ވިދާޅުވިއެވެ.

"ދެން ވަށައިގެން އާބާދުވެފައި އެހެރީ އެމީހުންގެ މީހުން، ކުޑަ ރަށުގެ ސާދާގަރުންގެ ފަރާތުން، ކިލެގެއިންގެ ފަރާތުން އެ ރަށްރަށުގައި މަސައްކަތް ކުރަންތިބޭ މީހުންގެ ތެރެއިން އާބާދުވީ. މިހާރު އަޅުގަނޑުމެންނަށް ކެނދިކުޅުދޫ ދާއިރާ، އެއީ ނެތް ރަށެއް. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އޮތް ދާއިރާއަކީ މިވަގުތު މިދެންނެވި ދާއިރާ. އެއީ ތޮޅެންދޫންނާއި އެހެން ރަށްރަށުން މީހުން އައިސް، އެރަށުގައި އާބާދުކޮށްފައި، އެއްފަސް ކުރެވިފައި އޮތް ރަށެއް އެއީ. އަޅުގަނޑުގެ ނުކުތާއަކީ، ރަށްރަށުގެ ނަންނަމާ ގުޅޭގޮތުން ވިސްނަވަމުން ގެންދަވާ އިރުގައި މުޅި ދިވެހި ރާއްޖެއާ ގުޅޭގޮތުން ވިސްނާލުމުގެ ފުރުޞަތެކޭ އިއްޒަތްތެރި މެންބަރުންނަށް ތިލިބިވަޑައިގަންނަވަނީ" ނަޝީދު ވިދާޅުވިއެވެ.

އެއީ މެމްބަރުންގެ ވާހަކައެވެ. ވިސްނުމެވެ. އެހެންވިއްޔާ ދެން ތި ދާއިރާގެ ނަން ބަދަލު ވެގެން އަންނައިރު ތިރަށު މީހުން މިކަމާމެދު ބުނަނީ ކީކޭ ހެއްޔެވެ؟ ތިރަށު މީހުންގެ ޚިޔާލަކީ ކޮބައި ހެއްޔެވެ؟

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.