ލެބެނާނުގައި ވަޓްސްއަޕް ކޯލުތަކުން ޓެކްސް ނެގުމާ ދެކޮޅަށް ފެށި މުޒާހަރާތައް ސަރުކާރު ވައްޓާލަން ގޮވާލާ މުޒާހަރާތަކަކަށް

ލެބެނާނުގައި މުޒާހަރާކުރާ މީހުން ބޭރޫތުގެ ރިޔާޟުއްޞުލްޙު މައިދާނަށް މިއަދު އެއްވެފައި

ވަޓްސްއަޕް ކޯލުތަކުން ޓެކްސް ނެގުން ހިމެނޭހެން ލެބެނާން (ލުބްނާން) ސަރުކާރުން އަލަށް ނަގަން ކަނޑައެޅި ޓެކްސް ނެގުމާ ދެކޮޅަށް ފެށި މުޒާހަރާތައް ސަރުކާރުން ވައްޓާލަން ގޮވާލާ މުޒާހަރާތަކަކަށް ބަދަލުވެއްޖެއެވެ. މިއަދުގެ މުޒާހަރާތަކުގައި ސަރުކާރު ވައްޓާލަން ގޮވާލާފައި ވާއިރު، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އަމަލް މޫވްމަންޓާއި، ޙިޒްބުﷲ އަށް ނިސްބަތްވާ ބައެއް މެންބަރުންގެ އޮފީސްތަކަށް ހަމަލާދީ، ގެއްލުންދީފައި ވެއެވެ.

ސަރުކާރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު މުޙައްމަދު ޝުޤައިރު އިއްޔެ އާ މުވާސަލާތީ ޓެކްސްއެއް އިއުލާންކުރެއްވިއެވެ. އެއީ، ވޮއިސް އޯވާ އިންޓަނެޓް ޕްރޮޓޮކޯލް (ވޮއިޕް) ބޭނުންކޮށްގެން ކުރާ ކޯލުތަކުން ކޮންމެ ދުވަހަކު %20 ގެ ޓެކްސް ނެގުމެވެ. ލެބެނާނު މީހުންގެ މެދުގައި މަގްބޫލު ވަޓްސްއަޕް ވެސް ބޭނުންކުރަނީ މި ޕްރޮޓޮކޯލްއެވެ.

ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރުގެ މިއިއުލާނާއެކު އެތައް ހާސް ބަޔަކު ވެރިރަށް ބޭރޫތުގެ މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށިއެވެ. އެމީހުން ވަނީ މަގުތައް ބަންދުކޮށް، ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލައި، މަގުމަތީގައި ހުރި ތަކެތި ރޯކޮށް ހަދާފައެވެ. ބޭރޫތު ފިޔަވައި، ލެބެނާނުގެ އެހެން ހިސާބުތަކުގައި ވެސް މުޒާހަރާކުރަން މީހުން ނުކުތެވެ.

އާއްމުންގެ ފަރާތުން އައި ކުއްލި ރައްދާ ގުޅިގެން، މިނިސްޓަރު ޝުޤައިރު ވަނީ ސަރުކާރުން މުވާސަލާތީ ޓެކްސް ނަގަން ނިންމި ނިންމުން ބާޠިލުކުރިކަން ލެބެނާނުގެ ރޭޑިޔޯ ސްޓޭޝަންތައް މެދުވެރިކުރައްވައި އިއުލާންކުރައްވާފައެވެ.

މުވާސަލާތީ ބައެއް ޚިދުމަތްތަކުން ޓެކްސް ނަގަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދިޔައަސް ރައްޔިތުންގެ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވެއެވެ. މިއަދުވެސް ބޭރޫތާއި، އެހެން ބައެއް ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން ދާއިރު، މުޒާހަރާތައް މިހާރު ވަނީ އާއްމުކޮށް އިގްތިސާދީ އިސްލާހުތައް ގެނައުމަށް ގޮވާލާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ. މުޒާހަރާކުރާ މީހުން މިހާރު ދަނީ އިގްތިސާދީ އިސްލާހުތައް ނުގެނެވޭނަމަ ސަރުކާރު ވައްޓާލުމަށް ވެސް ގޮވާލަމުންނެވެ.

މިއަދުގެ މުޒާހަރާތައް ވަރުގަދަވުމާ ގުޅިގެން ބޮޑުވަޒީރު ސަޢުދު އަލްޙަރީރީ ވަނީ މިއަދު ބާއްވަން ހަމަޖެހިފައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކެންސަލްކުރައްވާފައެވެ. އަދި މިހާރު އުފެދިގެން އުޅޭ މައްސަލަ ހައްލުކުރާނެ ގޮތަކާމެދު ރައީސު މިޝޭލް ޢައުނާ މަޝްވަރާކުރައްވާފައެވެ. ބޮޑުވަޒީރު އަލްޙަރީރީ އިސްތިއުފާދެއްވަން އުޅުއްވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.