ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު މިއަހަރުގެ ތެރޭގައި ހިއުމަން ޓްރެފިކިންގްގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރެވިފައި ހުރި ޢަދަދު އިތުރުވެފައިވާކަމަށް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް ވިދާޅުވެއްޖެއެވެ.
ޕޮލިސް ލައިފްއަށް މަޢުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިހުރި މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި ދެ މައްސަލައެއްގެ ތަހުޤީޤު ނިންމާ ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި މި ދެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގެ ޝަރީއަތް މިހާރު ކުރިއަށްދާކަމަށެވެ. މި ދެ މައްސަލައިގަވެސް ޓްރެފިކް ކުރުމުގެ ޢަމަލުގައި ޝާމިލްވަނީ ބަންގްލަދޭޝް ރައްޔިތުންކަން ފާހަގަކުރައްވައި، އެމީހުންނަށް އެހީތެރިވުމުގައި ދިވެހިންގެ ބަޔަކުވެސް ބައިވެރިވެފައިވާކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ހުށަހެޅިފައިހުރި ގިނަ މައްސަލަތަކުގައި ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކުރައްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް ވިދާޅުވީ ޚާއްސަކޮށް ރާއްޖޭގެ އުޅުމެންދާ ބަންގްލަދޭޝް ރައްޔިތުން އެޤައުމުގެ އެހެން ރައްޔިތުންނަށް ވަޒީފާ ދޭނެކަމަށްބުނެ އޮޅުވާލައިގެން ރާއްޖެގެނެސް މަގުމަތިކޮށްފައިވާކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނައުމުގައި ރާއްޖޭގެ އުޅޭ ބަންގްލަދޭޝް ރައްޔިތުން ޝާމިލްވާކަން ފާހަގަކުރެވޭކަމަށާއި މިކަންކަމުގައި ގިނަ ފަހަރަށް ޝާމިލްވަނީ ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މީހުން ރާއްޖެ ގެންނައިރު އެމީހުންގެ އަތުން ވަރަށް ބޮޑު ޢަދަދެއްގެ ފައިސާ ނަގާކަން ފާހަގަކުރައްވައި، ރާއްޖެ ގެނެސް އެއަރޕޯޓުން އެމީހުންނާ ހަވާލުވުމަށްފަހު މާލޭގެ ކޮންމެވެސް ގެސްޓް ހައުސްއެއްގައި ބެހެއްޓުމަށްފަހު އެމީހާ ދޫކޮށްލާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންގެ ފަރާތުން ފުލުހުންނަށް އެކަށީގެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް އެކަށީގެންވާ ގޮތަށް ތަހުޤީޤު ފުރިހަމަ ކުރުމުގައި ދަތިތައް ދިމާވާކަން ފާހަގަކުރައްވަމުން ޝަތީޙް ވިދާޅުވީ ގިނަ ފަހަރަށް އަނިޔާ ލިބިފައިވާ ފަރާތްތައް ފުލުހުންނާ ހަމައަށް އައުމަށް ޖެހިލުންވާކަމަށާއި އެފަދަ މީހުންނަކީ ޒާތަކަށް ކުށްވެރިވެފައިވާ ބައެއްގެ ގޮތުގައި އެމީހުންނަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ޓްރެފިކް ކުރެވޭ މީހުންގެ ފަރާތުން ބިރު ދައްކައިގެން ނުރަނގަޅު ނުފޫޒުތަކެއް ފޯރުވައިގެން ފުލުހުންނާ ހަމައަށް ދިއުމަށް ހުރަސްތަކެއް އަޅާކަން ފާހަގަކުރެވޭ ކަމަށެވެ. މިކަންކަމުގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކުން ރާއްޖޭގައި ހުންނަން ބޭނުން ނުވުމާއި ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުން ނުވެގެން ގިނަ ފަހަރަށް ފުރައިގެން ދިޔުމާއި ފިލައިގެން ދިޔުމުގެ ސަބަބުން ފުލުހުންނާ ހަމައަށް ވާސިލްނުވެވުގެ ސަބަބުންވެސް މައްސަލަތައް ތަހްޤީޤްކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރެއްވިއެވެ..
މިއަހަރު ފުލުހުންނަށް ހުށަހެޅިފައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ގޮތަށް ތަހުޤީޤުކުރެވިގެން ދަޢުވާ ކުރުމަށްޓަކައި ބައެއް މައްސަލަތައް ފޮނުވިފައިކާމަށާއި މިއަހަރުގެ ތެރޭގައި އިތުރު މައްސަލަތައް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮވުމަށް މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް ސަތީޙް ވިދާޅުވިއެވެ.
އިންސާނީ ވަގުފާރީގެ މައްސަލަތަކާ ދޮކަޅަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި ޝަތީޙް ވިދާޅުވީ މިފަދަ މައްސަލަތަކުގެ ފުލުހުންގެ މައިގަނޑު މަސައްކަތަކީ މިފަދަ މައްސަލަތައް ތަހުޤީޤު ކުރުމާއި މިފަދަ ކުށްކުރާ މީހުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ހޭލުންތެރިކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މީގެއިތުރުން ހިއުމަން ޓްރެފިކިންގ މައްސަލަތަކާ ގުޅިގެން ރާއްޖެއާއި ގުޅޭގޮތުން ކުރިން ނެރެފައިވާ ރިޕޯޓްތަކުގައި މިފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭ މިންވަރާއި ދަޢުވާ ކުރެވޭ މިންވަރު ދަށްކަން ފާހަގަކޮށްފައިވާކަމަށާއި އެހެންނަނަވެސް ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކުރެވުނު ޙުކުމާއި މިއަހަރުގެ ތެރޭގައި ޕްރޮސެކިއުޓް ކުރެވުނު މައްސަލަތަކާއި ގުޅިގެން ދެން އަންނަ ރިޕޯޓް ރަނގަޅު ނަތީޖާއެއް ގޮތުގައި ފާހަގަކުރެވިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.
ޝަތީޙް އިތުރަށް ވިދާޅުވީ ހިއުމަން ޓްރެފިކިންގ މައްސަލަތަކަކީ ރާއްޖެއަށް ވަރަށް އައު ކަމެއްގެ ގޮތުގައި އަދިވެސް ފާހަގަކުރެވިފައިވާކަމަށާއި މިކަމަށްޓަކައި އާއްމު ރައްޔިތުންނާއި ކަމާ ގުޅުންހުރި މުއައްސަސާތަކާއި މިފަދަ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލްވާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުންނާއި ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ޤައުމީ ފެންވަރުގެ ހޮޓްލައިންއެއް ޤާއިމްކުރެވިފައިވާކަމަށާއި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގައިވެސް ހޮޓްލައިންއެއް ޤާއިމްކުރެވިފައިވާކަން ފާހަގަކުރައްވައި މި ނަމްބަރުތައް ބޭނުންކުރާ މިންވަރު ކުރިއަށް އޮތްތަނުގައި އިތުވެގެން ދިޔުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހިއުމަން ޓްރެފިކިންގ މައްސަލައަކާއި ގުޅިގެން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމެއް ކޮށްފައިވާކަން ފާހަގަކުރައްވައި ސަތީޚް ވިދާޅުވީ މި މައްސަލައަކީ ހިއުމަން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ވުޖޫދަށް އައުމަށްފަހު ފުލުހުންނަށް ހުށަހެޅުނު ފުރަތަމަ މައްސަލަކަމާއި މި މައްސަލައަކީ ދަޢުވާކުރަން ފޮނުވުނު މިފަދަ ފުރަތަމަ މައްސަލަކަމަށެވެ.
މި މައްސަލާގައި ކަން ހިނގާފައިވާގޮތް ހިއްސާކުރައްވަމުން ސަތީޙް ވިދާޅުވީ ބަންގްލަދޭޝް އަންހެނަކަށް ވަޒީފާ ދޭނެކަމަށްބުނެ ރާއްޖެ ގެނެސް މާލޭގެ ގެސްޓް ހައުސްއެއްގައި ބަހައްޓައިގެން އޭނާއާމެދު ބަދުއަހުލާޤީ އަމަލު ހިންގައި އޭނައާ ފިރިހެނުން ޖާމިނުކުރުވައި ހަށި ވިއްކުމުގެ ޢަމަލު ހިންގާފައިވާކަން ތަހުޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ބަންގްލަދޭޝް 3 މީހުންނަށް 10 އަހަރުގެ ދުވަހުގެ ޙުކުމެއް ކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
(މި ރިޕޯޓު ލިޔުއްވައިފައި ވަނީ ޕޮލިސް ސާޖަންޓު ޖާވީދު އިސްމާޢީލެވެ.)