ށ.ގޮއިދޫ ފުޓްސަލް ޓީމަށް އެރަށުން ހޫނު މަރުޙަބާއެއް ކިޔައިފި

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ގޯލްޑެން ފުޓްސަލް 2019" ފުޓުސަލް މުބާރާތުގެ  މުބާރާތުގައި ވާދާ ކުރާ ށ.ގޮއިދޫ ފުޓްސަލް ޓީމު މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދުމަށްފަހު މިމަހު 11 ވަނަ ދުވަހު އެރަށަށް ދިޔުމުން ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެޓީމުންވަނީ ށ.އަތޮޅުގެ ބުރުގައި އަތޮޅު ޗެމްޕިއަންކަން ހޯދައިފައެވެ. އަދި ޖެހިގެން އައި ޒޯން-1 (ހއ. ހދ. ށ) ބުރުގައި ކުޅެ ޒޯން ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އެޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ވަކިވަކި ހުނަރަށް ބެލިޔަސް ހުނަރުހުރި ކުޅުންތެރިންކަމާއި، ޓީމަކީވެސް ތަފާތު ޓީމެއްކަން ދައްކާފައިވާ ކުޅުމަށް ބަލާލިޔަސް ފާހަގަ ކުރެވޭނެވެ.

"މި ޓީމުން ދައްކަމުން ގެންދާ ތަފާތު މޮޅު ކުޅުމުގެ މައިގަނޑު ސިއްރަކީ އެޓީމަށް ކޯޗް ކަން ކޮންދެމުން ގެންދާ، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރ ކަމުގައިވާ ކުރީގެ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުގެ ކުޅުންތެރިޔާ އަޙްމަދު ނިޔާޒު (ނިޔާ) ގެ މޮޅު ރޭވުންތެރިކަމާއި، ޓީމުގެ ސަޕޯޓަރުން އާދަޔާ ޚިލާފު ރޫޙެއްގައި ދެމުން ގެންދާ އާދަޔާ ޚިލާފު ސަޕޯޓުކަން ފާހަކުރަން. އަދި ރައްޔިތުންނާއި ޓީމުގެ ހީވާގި މެނޭޖްމަންޓުގެ ބަދަހިކަމާއި މިކަމަށް ރަށުކައުންސިލުންދޭ އެއްބާރުލުން." އޮފިޝަލް ބުންޏެވެ.

މި މުބާރާތުގައި ށ.ގޮއިދޫ ފުޓްސަލް ޓީމު ބައިވެރިވާ މީ ދެވަނަ އަހަރެވެ. މީގެ ކުރިން މި ޓީމު ބައިވެރިވީ 2015 ވަނަ އަހަރުއެވެ. އެފަހަރު ވަރަށް އާދައިގެ ގޮތަށް ބައިވެރިވި ޓީމަށް، އަތޮޅު ބުރުވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، މި އަހަރު މި މުބާރާތުގައި ދައްކަމުން ގެންދާ ކުޅުމުގެ ސަބަބުން މިވަނީ މިކަން ބަދަލުކޮށް، މުޅި ށ.އަތޮޅުވެސް ފަޚްރުވެރިވާ ވަރުގެ ބޮޑު ކާމިޔާބީއެއް މި މުބާރާތުން ހޯދާފައެވެ. މިހާރު މި މުބާރާތުގައި ށ.ގޮއިދޫ ޓީމުވަނީ ޒޯން-1 ގެ ބުރު ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ޓީމުގައި ހިމެނި، މުބާރާތުގެ ކުއަޓަރ ފައިނަލްއަށް ދަތުރު ކޮށްފައެވެ.

މި ކާމިޔާބީ ފާހާގަ ކުރުމަށް މިޓީމު ރަށަށް ދިޔަ ދަތުރަކީވެސް ތަފާތު އުފާތަކެއް އެ ޓީމަށާއި މުޅި އެރަށުގެ ރައްޔިތުންނަށް ލިބުނުކަމެއް ކަމަށް ޓީމުން ބުންޏެވެ. ރަށުން، މުޅި ޓީމަށް ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އަދި ޓީމުގެ ހޯދި ކާމިޔާބީގެ ޝަރަފުގައި މުޅި ރައްޔިތުން ޝާމިލްވާގޮތަށް "ށ.ގޮއިދޫ ފުޓްސަލް ޓީމަށް" ވަނީ ރައްޔިތުންގެ ފަރާތުން ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި މުބާރުގައި ކުއަޓަރ ފައިނަލްގައި ށ.ގޮއިދޫ ޓީމާއި ވާދާ ކުރާނީ ގުރައިދޫ ޓީމެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ. "މިރޭގެ މެޗަށް ވެސް ޓީމު ނުކުންނަނީ ވަރުގަދަ އަޒުމެއްގައި މޮޅުވާން. އިރާދަކުރެއްވިއްޔާ، މިރޭގެ މެޗުގައިވެސް  ތަފާތު މޮޅުކުޅުމެއް ފެންނާނެ" އޮފިޝަލް ބުންޏެވެ. މިރޭގެ މެޗަށް ސަޕޯޓަރުންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، މިރޭ މުޅި ދަނޑު ރަތްކުލައިން ޖަރީކޮށްލާނެ ކަމަށް ސަޕޯޓަރުންވެސް ވަނީ ބުނެފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.