ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް އެކުލަވާލާ ދައުލަތުގެ ބެޖެޓުން ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތަކަށް 5 އިންސައްތައާއި ފަޅު ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ލިބޭގޮތަށް މަޖިލީހަށް ހުށަހެޅި ޤަރާރު މަޖިލީހުން ބަލައިގެންފިއެވެ.
މިޤަރާރު މަޖިލީހަށް މިއަދު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދެވެ. މިއީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަށްޓަކައި ހުށަހެޅި ޤަރާރެކެވެ. އެ ޤަރާރު މަޖިލީހަށް ބަލައިގެންފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 61 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ތާއީދާއެކުގައެވެ.
އެޤަރާރުގައި ބުނާގޮތުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވޭނޭ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބެންޖެހޭނެއެވެ. އެގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގައި ދައުލަތަށް ،ލިބޭނެކަމަށް ކަނޑައަލާ އާމްދަނީ ގެ ތެރެއިން ފަސް އިންސައްތަ ކައުންސިލްތަކަށް ދޭންޖެހޭނެއެވެ. އަދި މީހުން ދިރިނޫޅޭ ރަށްރަށުގެ ބިމުކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާއްމުދަނީގެ 40 އިންސައްތަވެސް ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކަށް ލިބެންޖެހޭނެއެވެ. ޤަރާރުގައި ކަނޑައަޅާ ފައިވާ ފައިސާ ކައުންސިލްތަކަށް ދޭނެޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުޞޫލަކުން އެވެ.
ކައުންސިލްތަކަށް ލިބޭ މާލީ އެހީތެރިކަމާއި ދައުލަތުގެ ބަޖެޓުން ދެވޭފައިސާގެ ސަބަބުން ދައުލަތުގެ ޖުމްލަ ޚަރަދު އިތުރުވެގެން ނުދާނެކަން ކަށަވަރު ކުރުމުގެގޮތުން، އެފައިސާއިން އެއަހަރަކަށް ކުރުމަށް ކަނޑައަޅާ މަސައްކަތްތައްވެސް ކައުންސިލް ދަށަށް ބަދަލުވާކަން މަޖިލީހުން ކަށަވަރު ކުރަންޖެހޭނެކަމަށް ވެސް ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއް ތަންފީޒު ކުރުމަށްޓަކައި އެކަމަށްބޭނުންވާ ބަޖެޓް ކަމާބެހޭ ވުޒާރާއަށް ލިޔެގެން ހޯދާގޮތަށް އިންތިޒާމުވެފައި އޮތުމަކީ ރައްޔިތުންނަށް ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ލަސްވެގެންދާކަމެއް ކަމަށް ވެސް ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.
ކައުންސިލްތަކަށް ލިބެންޖެހޭ މާލީ ފުދުންތެރިކަން ހޯދޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން، ކައުންސިލްގެ ޒިންމާ އުފުލުމަށް ހުރަސްތައް ކުރިމަތިވެ، ކައުންސިލަށް އޮންނަންޖެހޭ އިތުބާރު ގެއްލިގެން ގޮސްފައިވާކަމަށް ވެސް ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށްޓަކައި ކައުންސިލްތަކަށް ލިބިދެވޭ ފައިސާ ބޭނުންކުރުމާ ގުޅޭ އުޞޫލުތަކާއި އެފައިސާއާއި ގުޅިގެން އުފެދޭ އަދި މާލީ ޒިންމާތައް ޤާނޫނޫގައި ކަނޑައަޅައި ގެން ބަޔާން ކުރުމަށް މަޖިލިސް އިޤްރާރުވާންކަމަށް މިޤަރާރު ނިންމާލަމުން ވަނީ ބުނެފައެވެ.