ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް މަޖިލީހުން ބަލައިގަނެ ނާއިބް ރައީސަށް އިނާޔަތް ދިނުމުގެ ބިލް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް މަޖިލީހުން ބަލައި ގަތުމަށް ފާސް ކުރެއްވީ 79 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ. ނާއިބް ރައީސްކަމާއި އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ ފަރާތަކަށް އިނާޔަތްތަކާއި ރައްކާތެރިކަން ކަނޑައަޅާ ދެ ބިލް މަޖިލީހުން ބަލައިނުގަތުމަށް ވަނީ މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފައެވެ. އެހެން ކަމުން އެ ދެ ބިލް ވަނީ ބާތިލް ވެފައެވެ.
ޤާނޫނު އަސާސިގައި ތަހްޤީޤީ އިދާރާތަކަށް ދީފައިވާ ބާރު ރިޔާސީ ކޮމިޝަނަށް ލިބޭގޮތަށް ބިލްގައި އޮތުމުން ބިލްގެ ބަހުސްގައި ބައެއް މިނިވަން މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރ އަހްމަދު އުޝާމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ޖިނާއީ ތަޙްޤީޤެއް ނުހިންގޭނެކަމުގައެވެ. ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ކޮމިޝަންތައް އުފެއްދެވި ނަމަވެސް އެފަދަ ކޮމިޝަންތަކަށް ހިންގޭނީ އެންކުއެރީޒްތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އެންކްއަރީޒްތަކަށް ރިއާޔަތްކޮށް ތަޙްޤީޤް ހިންގޭނީ ޤާނޫނު އަސާސީން ތަޙްޤީޤްކުރުމުގެ ބާރު ދީފައިވާ ތަންތަނަށް ކަމަށް އުޝާމު ވިދާޅުވިއެވެ. އެހެންކަމުން ކޮމެޓީ މަރުހަލާގައި އެކަންކަމަށް ރިޢާޔަތް ކުރަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލަކީ ކޮރަޕްޝަން މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަޤީޤަތް ހޯދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ދެ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ހުސައިންނެވެ.
ނާއިބް ރައީސް ކަމާއި އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމުގެ ދެ ބިލަކީ، ތަސްދީޤް ނުކުރައްވައި އަލުން ވިސްނާވަޑައިގެން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިޔާ މަޖިލީހަށް ފޮނުއްވި ދެ ބިލެވެ. އެމްޑީޕީގެ މެމްބަރުން ވަނީ މި ދެ ބިލާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިއީ ކުރީގެ މަޖިލީހުން ފާސްކުރި ދެ ބިލެވެ.
ނާއިބް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމުގެ ބިލަށް ބައެއް އިދިކޮޅު މެމްބަރުން ތާއީދުކުރެއްވިއެވެ. އެ ބިލަށް ތާއިދުކޮށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުވެރިވެ ވަޑައިގެންނަވާ ކޮންމެ ޙާލަތެއްގައި އެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ ނާއިބް ރައީސްކަމަށެވެ އެހެންކަމުން ނާއިބް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި މާލީ އިނާޔަތް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމުގައެވެ. ނާއިބް ރައީސްކަން ކުރައްވައިފައިވާ ފަރާތްތައް މަގުމަތިކޮށްނުލާ ޢަބުރުވެރިކަމާއެކު އުޅެވޭވަރުގެ މާލީ އިނާޔާތާއި ރައްކާތެރިކަން ލިބެން ޖެހޭނެކަމަށް އެކަމަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮޑިޓްކޮށް ސަރުކާރުން ހުށަހެޅި ރިޕޯޓަށް ވެސް މިއަދުގެ ޖަލްސާގައި ބަހުސް ކުރެވުނެވެ. މި ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވާނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ވަރަށް ގޯސްކޮށްކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވައިފައެވެ.