މަސްތުވާ ތެކެއްޗާއެކު އަތުލައިގަތް ބޯޓްގެ މައްސަލަ ތަޙްޤީޤްކުރުމަށް އިންޓަރޕޯލްގެ އޮފިސަރުން ދިވެހި ފުލުހުންނާއެކު މަސައްކަތްކުރަނީ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

މަސްތުވާ ތެކެއްޗާއެކު އަތުލައިގަތް ބޯޓްގެ މައްސަލަ ތަޙްޤީޤްކުރުމަށް އިންޓަރޕޯލްގެ އޮފިސަރުން ދިވެހި ފުލުހުންނާއެކު މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހާމާކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައި އިންޓަރޕޯލްގެ ޓިމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް (ޑެޑް) ގެ ޓީމާއެކު އެމައްސަލަ ތަޙްޤީޤުކުރުމުގައި ޙަރަކާތްތެރިވަމުންދާކަމަށެވެ. ޑްރަގް ޓެރެފިކް ކުރުމާއި ޑްރަގް ވިޔަފާރި ހުއްޓުވުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.  

މިމައްސަލައިގައި 13 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބޭރުގެ ބޯޓްގައި ތިބި ހަ މީހުންނާއި މަސްތުވާ ތަކެތި ނަގަން ދިޔަ ރާއްޖޭގެ ދޯނީގައި ތިބި ދެ ދިވެހިންނާއި ބޭރު ދެމީހުންގެ އިތުރުން އެ ނެޓްވާރކާ ގުޅުން ހުރިކަމަށް ތުޙުމަތު ކުރެވޭ ތިން ދިވެހިންނެވެ.

ބޭރުގެ ބޯޓުން ފުލުހުންވަނީ މަސްތުވާތަކެތި ހުރި ތިން ގޯނި ހޯދައިފައެވެ. އެތަކެތީގެ ބަރުދަނުގައި ގާތްގަޑަކަށް 70 ކިލޯ ހުންނާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަތުލައިގަތް މަސްތުވާތެކެތީގެ އަގު 59.2 މިލިއަންރުފުޔާއަށް އަރާނެކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވައިފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރާއްޖެއިން ބޭރު މި ބޯޓް އަތުލައިގަތީ މިމަހު ފަސްވަނަ ދުވަހުގެ ރޭ، ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ސަރަޙައްދުންނެވެ.

ބޭރުގެ މި ބޯޓާއެކު ، ހެދޭކުރި-7 ނަމަކަށް ކިޔާ ދިވެހި މަސްވެރި އުޅަނދެއްވެސް އެސަރަޙައްދުން ވަނީ ހިފަހައްޓާފައެވެ. ރާއްޖޭގެ އުޅަނދަކީ ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ހަރަކާތްތެރިވަމުން ދިޔަ އުޅަނދެކެވެ. ބޭރުބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ކޮން ޤައުމެއްގެ ބައެއްކަން ނޭނގޭ ހަ ފަޅުވެރިން ތިއްބެވެ. ރާއްޖޭގެ އުޅަނދުގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.

ބޭރުގެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ މިމަހު ފުރަތަމަ ދުވަހު އިންޑިއަން ކޯސްޓްގާޑުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.