ފުލުހުންގެ މުއައްސަސާ ރިފޯރމް ކުރުމަށް ޤާނޫނު އިޞްލާހު ކުރަނީ 

އެމްސީ ޙަމީދު: ފޮޓޯ ސޯޝަލް މީޑިއާ

ފުލުހުންގެ މުއައްސަސާ ރިފޯރމް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ މުހިންމު ކަމަކީ ޤާނޫނަށް އިޞްލާހު ގެނައުން ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތް ކޮމަންވެލްތު ހިއުމަންރައިޓްސް އިނިޝިއޭޓިވްސްއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ މުޢައްސަސާ ޒަމާނީ ފުލުހުންގެ މުއައްސަސާއަކަށް ބަދަލުވުމަށްޓަކައި ފުރަތަމަ ބަދަލު ކުރަންޖެހޭ އެއްކަމަކީ ޤާނޫނު އިޞްލާޙު ކުރެއްވުންކަމަށް  ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ފޯކަސް އަކީ އިންސާނީ ޙައްޤުތަކުގެ މަތީގައި ދެމިތިބޭ މުޢައްސަސާއެއް އަދި ޒަމާނީ ޑިމޮކްރަސީއަކަށް ފެތޭ މުއައްސަސާއަކަށް ބޭނުންވާ ފަދަ ބަދަލުތައް ގެނެވޭފަދަ ޤާނޫނަކަށް މިޤާނޫނު ހެދުން" ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ފުލުހުންގެ ޤާނޫނަކީ 2008 ގައި ފާސްކޮށްފައވާ ޤާނޫނެކެވެ.

ފުލުހުންނަށް ބާރުތަކެއް ދޭއިރު ވަރަށް ބޮޑަށް ޤާނޫނު ރިވިއު ކުރަންޖެހޭކަމަށް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ބާރުތައް ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ބެލޭނެ މެކޭނިޒަމެއްވެސް ޤާއިމްކުރަންޖެހޭ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ވަކިން ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާ ހިންގުމުގައި ގެންނަންޖެހޭ ބަދަލުތައް ފާހަގަ ކުރެއްވިއެވެ.

ހޯމް މިނިސްޓަރ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފުލުހުންގެ ލީޑަރޝިޕްގެ އެޓިޓިއުޑް މިހާރު ހުރީ ފުލުހުންގެ މުޢައްސަސާ ހަރުދަނާ ކުރުމަށްކަމަށް ކޮމިޝަނަރ ޙަމީދު ވިދާޅުވިއެވެ. ކުރިން ނޭދެވޭ ގޮތަށް ބައެއް ކަންކަން ވެފައި ހުރިކަން ފާހަގަ ކުރައްވާ ކޮމިޝަނަރ ވިދާޅުވީ ބޭނުންފުޅުވަނީ އެފަދަ ކަންކަން އަލުން އިޢާދަވާން ޖާގަނުދިނުން ކަމަށެވެ.

ޤާނޫނު އިޞްލާޙުކުރުމުގެ ކުރިންވެސް ފުލުހުންގެ މުއައްސަސާ ރިފޯރމް ކުރުމުގެ މަސައްކަތް ކުރެވެމުންދާނެކަން ފާހަގަ ކުރައްވާ ޒަމާނީ ޑިމޮކްރަސީއަކަށް ފަހިވާ ގޮތަށް އެސްޓެރެޓެޖިކް ޕްލޭންގައިވާ ކަންކަން ތަންފީޒުވަމުން ދޭތޯ ބެލުމަށް ޖަވާބު ދާރީ ކުރެވޭނެ ޕްލެޓް ފޯމެއް އެކުލަވާ ލެއްވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާކަމަށް ޕޮލިސް ކޮމިޝަރަނަރ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލެޓް ފޯމް ޤާއިމްކުރެވޭނެކަމަށް ވެސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އެ ޕްލެޓްފޯމް އެކުލަވާލައްވާނީ މަޖިލީހުގެ މެމްބަރުންނާއި ޓެކްނިކަލް ބޭފުޅުންނާއި ރައްޔިތުންގެ ވެސް ބައިވެރިވުން އޮންނަ ގޮތަށް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާ ރިޕޯރމްކުރުމަށް އެކުލަވާލައްވައިފާ ސްޓްރެޓެޖިކް ޕްލޭނަކީ ހަމައެކަނި ދައްކާ ވާކައެއްތޯ ނޫންތޯ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.