ޗައިނާގެ އިގްތިސާދީ ދުވެލި މަޑުވުމުން އެހީދިނުމަށް އަސަރު ކުރާނެބާ؟

ފާއިތުވެ ދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ޗައިނާ ފެނިގެން ގޮސްފައި ވަނީ ދުނިޔޭގެ އިގްތިސާދީ ދުވެލީގެ އިންޖީނެއްގެ ގޮތުގައެވެ. ނަމަވެސް 1990ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު މިވަނީ ކުރީގެ ބާރުދުވެލީގެ ނިސްބަތުން ވަރަށް ބޮޑުތަނުން ދުވެލި މަޑު ޖެހުމަކަށް އައިސްފައެވެ. ގިނަ ރިޕޯޓްތަކުގައި މީގެ ސަބަބެއްކަމަށް ލަފާކޮށްފައިވަނީ ޗައިނާގެ އެތެރޭގައި މުދަލުގެ ޑިމާންޑް ދަށްވުމާއި އަދި އެމެރިކާއާއެކު އުޅޭ ވިޔަފާރީގެ ކޯޅުމާއި އޫރު ރޯގާއިން ވަނީ ޗައިނާގެ އިގްތިސާދު ފުޅާވެގެން ދިއުމަށް ހުރަސްއެޅިފައިކަމަށެވެ. އަދި ޗައިނާއަކީ ކުރިން ބެލެވުނުހެން މިހާރު އިންވެސްޓަރުންގެ ސުވަރުގެއަށް ނުވުމާއި އަދި އެއާ ގުޅިގެން އިންވެސްޓްމެންޓްތަކާއި ރައުސުމާލު ޗައިނާއިން ބޭރުވެގެން ހިނގައިދާނެ ކަމުގެ ބިރަކީވެސް އިގްތިސާދީ ދުވެލި މަޑު ޖެހުމަށް އަސަރުކޮށްފައިވާ ކަމެކެވެ. އާންމުކޮށް ލިބެން ހުރި މައުލޫމާތަށް ބަލާއިރު ޗައިނާގެ ސިނާއީ އުފެއްދުންތެރިކަމާއި ރިޓެއިލްގެ ވިޔަފާރިވެސް ވަނީ ވަޅުޖެހިފައެވެ. ދުނިޔޭގެ އިގްތިސާދަށް ޗައިނާގެ މުހިންމު ކަމަށް ބަލާއިރު ޗައިނާއަށް އަންނަ އިގްތިސާދީ ހީނަރުކަމަކީ އޭގެ އަސަރު ދުނިޔޭގެ އިގްތިސާދަށްވެސް ކުރުވާނެ ކަމެކެވެ.

ޗައިނާގެ އެކްސްޕޯޓް ވަނީ 2019 އޮގަސްޓްގައި އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެކެއް އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އެމެރިކާއަށް އެކްސްޕޯޓް ކުރާ ނިސްބަތް ވަނީ 16 އިންސައްތައަށް ދަށަށް ގޮސްފައެވެ. މިއިން ވަރަށް ސާފުކޮށް ފެނިގެން މިދަނީ ވިޔަފާރީގެ ކޯޅުން ދެ ގައުމުގެ ވިޔަފާރިއަށް ކޮށްފައިވާ މިންވަރެވެ. ޗައިނާގެ އިގްތިސާދު ވަނީ މިއަހަރުގެ ދެވަނަ ކުއާޓާރގައި 6.2 އިންސައްތައިގައި އޮވެގެން ތަރައްގީވެފައެވެ. 2019ގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޗައިނާ އިގްތިސާދު ކުރިއަރާފައި ވަނީ 6.4 އިންސައްތައިގައެވެ. އަދި 2018 ގައި އެފައްތަރުގައި ޗައިނާ އިގްތިސާދު ތަރައްގީ ވެފައި ވަނީ 6.6 އިންސައްތައިގައެވެ. އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ދެބަސްވުމުގެ ސަބަބުން އެގައުމުގައި ވިޔަފާރިކުރާ ހުޅަނގުގެ ވިޔަފާރިތަކަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިއިން ބައެއް ވިޔަފާރިތައް ޗައިނާ ދޫކޮށް ދިއުމަކީވެސް ދުރުކަމެއް ނޫނެވެ. ހަމައެފަދައިން ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް އޫރުމަސް އުފައްދާ ޗައިނާއިން ދަނީ ސްވައިން ފުލޫ ނުވަތަ އޫރު ރޯގާ ކޮންޓްރޯލް ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިލިއަނަކަށްވުރެން ގިނަ އޫރު ޗައިނާއިން ވަނީ ނައްތާލާފައެވެ. ޗައިނާ ސަރުކާރުން ގެންދަނީ އެގައުމުގެ އިގްތިސާދަށް ދިރުމެއް ދިނުމުގެ ގޮތުން ޓެކްސް ލުއިކޮށްދީ، އެގައުމުގެ ފައިސާ ރެމިމްބީގެ އަގު ދަށްކޮށް، މާލީ ނިޒާމަށް ފައިސާ އަޅާފައެވެ.

ޗައިނާއިން ލާފާކުރާ ގޮތުގައި މިފަދަ ފިޔަވަޅުތަކުން އިންވެސްޓަރުންގެ އިތުބާރު އާލާކުރެވޭނެއެވެ. އަދި މުދާ ގަތުމާއި ބޭނުން ކުރުމަށް ހިތްވަރެއް ލިބިގެން އިގްތިސާދަށް ދިރުމެއް ލިބިގެންދާނެއެވެ. ޗައިނާއިން ވަނީ އިގްތިސާދުގައި ވަރު ޖެއްސުމަށްޓަކައި ފުޅާދާއިރާއެއްގައި އިންފްރާސްޓްރަކްޗަރގެ ދާއިރާގައި ގަދައަށް އިންވެސްޓްކޮށްފައެވެ. ވުމާއެކު މި ދާއިރާގައި އިތުރަށް ކުރެވޭނެ ކަންތައްތަކެއް ނެތެވެ.

މި ހާލަތަށް ރިޢާޔަތްކުރާއިރު ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް ޗައިނާއިން ވައުދުވެފައިވާ އެހީއާމެދު ނުތަނަވަސް ކަމެއް އުފެދިފައިވެއެވެ. ބައެއް މަސްދަރުތަކުން ޔަގީންކޮށްދޭ ގޮތުގައި ޗައިނާގެ ސަރުކާރު ކުންފުނިތަކުން ދިވެހިރާއްޖޭގައި ނަގާފައިވާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ވަނީ ލަސްކަމެއް އައިސްފައެވެ. ބައެއް މުހައްލިލުން ދެކޭގޮތުގައި މިއީ ދެގައުމުގެ ދެމެދު ސިޔާސީ މަޝްވަރާތައް ނެތުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ. އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ސެޕްޓެމްބަރު މަހު ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މިކަން ހިމެނިފައި ވެއެވެ.

ހަމައެފަދައިން ދެކުނު އޭޝިއާގެ އެހެން ގައުމެއްކަމުގައިވާ ބަނގްލަދޭޝްއަށް ޗައިނާއިން ވައުދުވެފައިވާ އެހީގައިވެސް ޗައިނާ ފަސްޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އޮކްޓޯބަރު 2016ގައި ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ ބަނގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި ވައުދުވެ ވަޑައިގެންނެވި 20 ބިލިއަން ޑޮލަރުގެ ތެރެއިން ޑާކާއަށް އަދި ލިބިފައިވަނީ ކުޑަ މިންވަރެކެވެ. މިހާރު އެހީލިބިފައިވާ ނިސްބަތަށް ބަލާއިރު 2020އަށް އަމާޒުކޮށްފައިވާ މި އެހީ އެމުއްދަތުގައި ފުރިހަމަވާނެކަމަކަށް ނުބެލެވެއެވެ. 2020 އަށް ޗައިނާއިން ފަންޑްކޮށް ނިންމުމަށް ރާވާފައިވާ 27 މަޝްރޫއެއް ކުރިއަށްދާ މިންވަރު ލަސްކަމުން ދާދި ފަހުން ދެގައުމުގެ ދެމެދު ވަނީ ޖޮއިންޓް ވަރކިންގ ގްރޫޕެއް އެކުލަވާލާފައެވެ. މި ޖޮއިންޓް ވަރކިންގ ގްރޫޕްގައި ހިމެނެނީ ޗައިނާގެ ކޮމާސް މިނިސްޓްރީއާއި ބަންގްލަދޭޝްގެ ފިނޭންސް މިނިސްޓްރީގެ ވެރިންނެވެ. މި ގްރޫޕުން ބަލަމުން ދަނީ، ޗައިނާގެ އެހީއަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކާއި އަލަށް ސޮއިކުރަން ހުރި ލޯން ޕްރޮޖެކްޓްތަކަށް އަދިވެސް ޗައިނާގެ ފަންޑިންގ ބޭނުންވާނެތޯއާއި އަދި ބޭނުންވާނެނަމަ އެ ޕްރޮޖެކްޓްތަކަށް ޕްރައިވެޓް ފަންޑް ހޯދުމަށް ޗެނަލްކުރުމާ ބެހޭ ގޮތުންނެވެ. ބަންގްލަދޭޝްގެ 27 ޕްރޮޖެކްޓްގެ ތެރެއިން ޗައިނާއިން ފައިނޭންސްކުރުމަށް ލޯން އެގްރިމެންޓްތަކުގައި ސޮއިކޮށްފައި ވަނީ އެންމެ 6 ޕްރޮޖެކްޓްގެއެވެ. އެއީ ގާތްގަނޑަކަށް 5.6 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާއެވެ. އަދި މީގެ ތެރެއިން މި ވަގުތު ކުރިއަށްދަނީ 5 ޕްރޮޖެކްޓެއްގެ މަސައްކަތެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.