
އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އާ ބައްދަލު ކުރައްވައިފިއެވެ.
އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ އެ ބައްދަލުވުން ބާއްވައިފައިވަނީ މިއަދު މެންދުރުފަހު ސޯލްޓް ރެސްޓޯރެންޓުގައި ކަމަށެވެ.
"އެބައްދަލުވުމުގައި އިބޫ ވަނީ ވިޔަފާރިވެރިންނަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުވައި އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" ސައުދު ވިދާޅުވިއެވެ.
ރާއްޖޭގެ ޓެކްސް ނިޒާމަށް ރަނގަޅު ބަދަލު ތަކެއް ގެނެސް ދިވެހި ވިޔަފާރިވެރިންގެ ޝަކުވާތަކަށް ނިމުމެއް ގެނެސް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވަނީ ވިދާޅުވެފައެވެ.
މާލޭގެ އިތުރަށް ރަށްރަށުގައި ހަރަކާތްތެރިވާ ވިޔަފާރިވެރންނަށް ދަތިވާ ކަންކަން ވެސް ހައްލުކޮށް ދެއްވައި ވިޔަފާރިއަށް ފާގަތި މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވެފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"އެހެންވެ އަޅުގަނޑުމެންނަށް އިބޫ މިފެނުނީ ވިޔަފާރިވެރިންނާ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި. އުންމީދު މިކުރަނީ އިބޫއަށް ވެރިކަން ލިބިވަޑައިގެންފި ކަމަށްވާނަމަ ވިޔަފާރިވެރިން މިނިވަންވެ އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް،" ސައުދު ވިދާޅުވިއެވެ.