ސާކް ގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް ރިސޯޓުގައި މިއަދު މި ބައްދަލުން ފަށްޓަވައިދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.
މިއީ އެޑިޔުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުންނަށް ބާއްވާ މިފަދަ ތިންވަނަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ބޫޓާން، ބަނގްލަދޭޝް، އަފްޣާނިސްތާން، އަދި ނޭޕާލުން ބައިވެރިވެއެވެ.
މިއަދު މި ބައްދަލުވުން ފެށުމުގެ ކުރިން އިއްޔެވަނީ ސާރކް ގައުމުތަކުގެ ތަޢުލީމީ ދާއިރާއާ ގުޅުންހުރި މިނިސްޓަރުން ފިޔަވައި އެހެނިހެން އިސް އޮފިޝަލުންނާއެކު ބާއްވަވާ ބައްދަލުވުން "ކްރޮސްރޯޑްސް މޯލްޑިވްސް"ގައި ބާއްވައިފައެވެ. މި ބައްދަލުވުން ޗެއަރ ކޮށްފައިވަނީ ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދެވެ. މި ބައްދަލުވުމުގައި ވަނީ 2014 ވަނަ އަހަރު ބޭއްވި މީގެ ދެވަނަ ބައްދަލުވުމުގައި ނިންމުނު ކަންކަން ސާރކްގެ ގައުމު ތަކުން ތަންފީޒުކުރަމުންދަނީ ކިހާ މިންވަރަކަށްތޯ އެގައުމުތަކުން ހުށައަޅާފައެވެ. އަދި މިކަމުގެ ރިޕޯޓްވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.
މިއަދު ފެށި ބައްދަލުވުމަށް ދެ ކަރުދާހެއް ހުށަހަޅާނެއެވެ. އެއީ ދެ ޕޭޕަރަކީ "މާލޭ ޑެކްލަރޭޝަން" އާއި "އެޑިއުކޭޝަން 2030: ސާރކް ފްރޭމްވޯކް ފޯރ އެކްޝަން " އާ ދެ ކަރުދާސް ކަމަށް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.
މިއަދު ފެށި ބައްދަލުވުމުގައި ސާކްގެ ގައުމުގެ ތަކުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމާއި ގުޅޭ މުހިއްމު މަޝްވަރާތައް ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ބައިވެރިވެ ވަޑައިގަންނަވައެވެ.